ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި އެވެ.

އެހެން ބަޔަކާ ގުޅިގެން ސިނާން އިސްލާމިކް ބޭންކުން ނެންގެވި 3.8 މިލިއަން ރުފިޔާގެ ލޯނެއްގެ މައްސަލާގައި ހުކުމާ އެއްގޮތަށް ފައިސާ ނުދައްކަވާ ކަމަށް ބުނެ އޭނާގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅީ ގއ. ދާންދޫއަށް ނިސްބަތްވާ ޣާލިބް ސަލީމެވެ.

މިދިޔަ މަހު ހުށަހެޅި އެ މައްސަލަ ބަލައިގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމީ މިއަދު އެވެ.

ގާނޫނުއަސާސީ ބުނާގޮތުން ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާނަމަ މަޖިލިސް މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތް ނަމަވެސް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށްފަ އެވެ. އަދި އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ގާނޫނަށް އިސްލާހު ގެންނަން މަޖިލީހުން އޮތީ ފާސްކޮށްފަ އެވެ.

ސަސްޕެންޑްކުރި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ދާދިފަހުން އިސްތިއުފާ ދެއްވާފައިވާއިރު, ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ހުންނެވީ ސަސްޕެންޝަންގަ އެވެ.