ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލް ކުރުމަށް ދޫކުރާ ލޯނަށް އެދުމުގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ ގައުމީ ސަނަދު އޮނިގަނޑުގެ ލެވެލް 5 އިން 10އާ ހަމައަށް ކިޔެވުމަށް އަދި ލައިސަންސް ހޯދުމަށް ކިޔެވުމަށް 500 ލޯނު ފުރުސަތަށް އެދެން ހުޅުވާލާ ކަމަށެވެ.
އެ ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ ނިޔަލަށެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ފުރުސަތުގެ ދަށުން އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް އަދި މިހާރު ވެސް ކިޔަވާ ދަރިވަރުންނަށް ލޯނަށް އެދެވޭނެ ކަމަށެވެ. އެގޮތުން އަލަށް ކިޔަވަން ފަށާ ދަރިވަރުންގެ ގޮތުގައި ބަލާނީ ލޯނުގެ ފުރުސަތަށް އެޕްލިކޭޝަން ހުށަހެޅުމަށް ދީފައިވާ ސުންގަޑިއާ ހަމައަށް މަތީ ތައުލީމު ދޭ މަރުކަޒެއްގައި ކިޔެވުމަށް ރަޖިސްޓްރީވެފައި ނުވާ ނުވަތަ ޓިއުޝަން ފީ ދައްކާފައި ނުވާ ދަރިވަރުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ އަދި މިހާރު ކިޔަވަމުންދާ މީހުންގެ ގޮތުގައި ބަލާނީ ލޯނު އެޕްލިކޭޝަން ހުށަހެޅުމަށް ދީފައިވާ ސުންގަޑީގެ ކުރިން މަތީ ތައުލީމު ދޭ މަރުކަޒެއްގައި ކިޔެވުން ފަށާފައިވާ ދަރިވަރުން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ
މި ފުރުސަތުގެ ދަށުން ހަޔާ އެޑިއުކޭޝަން ލޯނުގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިހުތިޔާރުން ބޭރުން ދިމާވާ ސަބަބަކާ ހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވި ތިބި ދަރިވަރުންނާއި ފުރިހަމަކުރި ޕްރޮގްރާމާ ގުޅިގެން ހަދަންޖެހޭ އިންޓާންޝިޕް ހެދުމަށް ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން ޓޮޕްއަޕް ލޯނަށް ވެސް ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން ޓޮޕްއަޕް ލޯނު ދިނުމަށް ހަމަޖެހިފައިވަނީ 700،000ރ. އަށް ވުރެ ބޮޑުނުވާ އަދަދަކަށެވެ. އަދި ޓޮޕްއަޕް ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުގެ ފޯމުތައް އިވެލުއޭޓްކުރުމުގައި އެކަޑަމިކް މެރިޓް ސްކޯއިން އެންމެ މަތިން ސްކޯކުރާ ދަރިވަރުންނަށް އިސްކަންދޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްޓޫޑެންޓު ލޯނަށް އެދި ހުށަހަޅަން ޖެހޭނީ އެކަމަށް ހާއްސަ ޕޯޓަލް މެދުވެރިކޮށެވެ.
ކޮންމެ ދަރިވަރަކަށް ވެސް ހުށަހެޅޭނީ އެއް އެޕްލިކޭޝަން ކަމަށާއި އެއަށް ވުރެ ގިނައިން އެޕްލިކޭޝަން ހުށަހަޅައިފި ނަމަ އަދި އެޕްލިކޭޝަނާ އެކު ހުށަހަޅަން ޖެހޭ ލިޔުންތައް ފުރިހަމަ ނުވާ ނަމަ އެޕްލިކޭޝަން ބާތިލު ވާނެ ކަމަށް އިއުލާނުގައިވެ އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްޓޫޑެންޓު ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ ކިޔެވުން ފުރިހަމަކުރާތާ ހަތް މަސް ފަހުން ކަމަށެވެ.
ސްޓޫޑެންޓު ލޯނަށް މިއަދު ހުޅުވާލިއިރު، ރާއްޖެ އާއި ރާއްޖެއިން ބޭރުގައި މަތީ ތައުލީމް ހާސިލްކުރަން ސަރުކާރުން ދޭ ލޯނު، އިސްލާމީ ހަމަތަކަށް ފެތޭ ގޮތަށް، 'ޝަރީއާ ކޮމްޕްލަޔަންޓް' ލޯނަށް ހަދަައިދޭން ކަމާ ގުޅޭ ފަރާތްތަކަށް ރައީސް މުހައްމަދު މުއިއްޒު ވަނީ އަންގަވައިފަ އެވެ.