ރައީސް މުހައްމަދު މުއިއްޒުގެ އިގްތިސޯދީ ސިޔާސަތަކީ "ހިޔާލީ ވާހަކަ"އެއް ކަމަށް ވިދާޅުވެ، ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މި ސަރުކާރުގެ އިގްތިސޯދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހު ވިދާޅުވެފައި ވަނީ ދިވެހި އިގްތިސޯދު މިވަގުތު އޮތީ ކޮމާކޯޅިއެއްގެ ތެރޭގައި ކަމަށެވެ.

މަލީހު ވިދާޅުވެފައިވާ ގޮތުގައި ޓިކްޓޮކާއި ޕޭޕަލްއާއި ޅެމާއި ބަންޖާ ރައިވަރުން އިގްތިސޯދު ކުރިއަރާ ކަމަށް ދެކެވުނު ހިޔާލީ ވާހަކަ މުއިއްޒަށް ވީ ރަނަށް" ކަމަށާއި، "އެއަކުން ނެރެވޭނީ އެއެއްޗެއްގައި ހުރި އެއްޗެއް" ކަމަށެވެ.

މަލީހުގެ މި ފާޑުކިޔުންތައް އައިސްފައިވާއިރު، ވަށަފަރުގައި ނުނިމި ހުރި ސިޓީ ހޮޓާ 6 މަސްތެރޭގައި ނިންމާނެ ކަމަށް ބުނި ޚަބަރެއްގެ ފޮޓޯއެއް ވެސް އެކްސްގައި އޭނާ ހިއްސާކޮށްފައިވެ އެވެ.

މީގެ އިތުރުން، މަލީހު ވަނީ ރައީސް މުއިއްޒަކީ "ރައްޔިތުން ހޮވާފައި ހުރި ކޮންޓްރެކްޓް ސްޓާފެއް" ކަމަށް ވިދާޅުވެފަ އެވެ. އަދި "5 އަހަރަށް ހޮވުނު ނަމަވެސް، ދެ އަހަރު ވެގެން ދިޔައިރު ޕާފޯމް ނުކުރާ" ކަމަށާއި، "މުސާރަ ހަލާލުވާ ވަރު ވެސް ނުވާ" ކަމަށް ތުހުމަތު ކުރައްވާފައިވެ އެވެ.

މަލީހު އިތުރަށް ވިދާޅުވެފައިވަނީ "ބިރުކުޑަ އަލީ ހެދިގެން މުޅި ނިޒާމް ފުނޑާލަން އުޅުމަކީ ހަވާލުކުރެވުނު މަސްއޫލިއްޔަތެއް ނޫން" ކަމަށާއި، "ޗާޓުގެ އެތެރޭގައި އުޅުއްވާ" ކަމަށެވެ.