މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ކޯސްޓްގާޑް ބަނދަރެއް ގާއިމްކުރުމަށް ކަމަށް ބުނެ ރާއްޖެއާއި އިންޑިއާއާ ދެމެދު ވެފައިވާ ދެކުނު ތިލަފަޅުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބަންޑާރަނައިބުގެ އޮފީހުން ގާނޫނީ ލަފާދިންތޯ ޔަގީންކުރުމަށް، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުން "ދިޔަރެސް" ނޫހުން އެ އޮފީހުގައި އެދުމުން އެކަމަށް ސާފު ޖަވާބެއް ދޭން ދެކޮޅު ހަދައިފި އެވެ.

ދިޔަރެސްއިން ބުނީ، އުތުރު ތިލަފަޅުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ބަންޑާރަނައިބު އެއްބަސްވުން ބަލައި އޭގައި ސޮއިކުރުމަށް ގާނޫނީ ލަފާ ހޯދާފައިވާނަ، އެކަން އެނގޭނެ ލިޔުމެއް ހޯދުމަށް މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުން އެ އޮފީހުގައި އެދިފައިވާނެ ކަމަށެވެ.

ނަމަވެސް، އެ އޮފީހުން ޖަވާބުގައި ބަންޑާރަނައިބުގެ އެ އެބަސްވުމުގައި ސޮއި ކުރެއްވުމަށް ލަފާދެއްވި ކަމަށް ބުނެފައެއް ނެތެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ދީފައިވާ ޖަވާބުގައި ބުނީ އުތުރު ތިލަފަޅުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑް ބަނދަރެއް ތަރައްގީކުރުމާ ގުޅޭގޮތުން ދިވެހި ސަރުކާރާއި އިންޑިއާއާ ދެމެދު ސޮއިކުރުމަށް ތައްޔާރުވެފައިވާ "އެއްބަސްވުމުގެ ދެލިކޮޕީ"އާއި ގުޅޭގޮތުން އަދި އެއްބަސްވުމުގައި ސޮއިކުރުމާ ގުޅޭ ގޮތުން ލަފާދީފައިވާނެ ކަމަށެވެ.

ދިޔަރެސްއިން ސީދާ އެ އެއްބަސްވުމުގައި ސޮއިކުރުމަށް ލަފާ ދީފައިވާނެތޯ ކޮށްފައިވާ ކުރި ސުވާލަށް ބަންޑާރަނައިބުގެ އޮފީހުން ޖަވާދާރީނުވެ، ބުނެފައިވަނީ "އެއްބަސްވުމުގެ ދެލިކޮޕީ"އާ ގުޅޭގޮތުން ލަފާދީފައިވާނެ ކަމަށެވެ.

ދިޔަރެސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު ވެފައިވާ އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ހުއްދައާ ނުލައި ވެފައިވާ އެއްބަސްވުމެކެވެ.

ރާއްޖެއާއި އެހެން ގައުމަކާ ދެމެދުވެވޭ މިފަދަ އެއްބަސްވުންތަކަކީ ދިވެހި ދައުލަތުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިޔުމަކުން ދެއްވަންޖެހޭ ކަމެކެވެ. މިގޮތުން، ދައުލަތުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރާ ފަރާތަކަށް ރައީސްގެ ސިއްކައާއެކު ހުއްދަ ދެއްވަން ޖެހެ އެވެ. އަދި ރައީސް ހުއްދަދެއްވުމުގެ ކުރިން ބަންޑާރަނައިބުގެ ގާނޫނީ ލަފާ ހޯދާ، ސޮއިކުރަން ހުއްދަ ދިނުމުންނެވެ.

ނަމަވެސް، އުތުރު ތިލަފަޅުގެ އެއްބަސްވުމަކީ ރައީސްގެ ހުއްދައާ ނުލައި ވެފައިވާ އެއްބަސްވުމެއްކަމުން، އެއްބަސްވުން ސައްހަ ނުވާނެ ކަމަށް ގާނޫނީ މާހިރުން ވިދާޅުވެ އެވެ.