ސަރުކާރަށް ދެ އަހަރު ފާއިތުވެ ދިޔައިރުވެސް ބޯހިޔާވަހިކަމުގެ ރޮނގުން ކުރިއެރުމެއް ލިބިފައި ނުވަނީ ކުރީގެ ރައީސް މައުމޫނު އަބުދުލްގައްޔޫމުގެ ޕާޓީ އެމްއާރުއެމް ގެސަބަބުން ކަމަށް ދޭހަވާ ގޮތަށް ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފި އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު ހިނގާ ނުހިނގާ ގޮތް ބެލުމަށްފަހު ރައްޔިތުންގެ މަޖިލީހުން އެކުލަވައިލި 137 ހަފުތާގެ ދިރާސާ ރިޕޯޓު ނެރެދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވި ގޮތުގައި ހައުސިން މިނިސްޓްރީގައި އެމްއާރުއެމްގެ މިނިސްޓަރަކު ހުންނަވައިގެން ކުރެވުނު މަސައްކަތެއް ނެތެވެ. އެހެންކަމުން އެމްޑީޕީއަށް އެ މިނިސްޓްރީ ނަގައި މަޝްރޫއުތައް އަލުން ބަލުން ރާވައި މިހާރު އޮތީ ކުރިޔަށް ދާން ފަށައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމަކީ މާލެއާއި ރާއްޖެތެރޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ ބޮޑެތި ވައުދުތަކަކާ އެކު ވެރިކަމަށް އައި ސަރުކާރެކެވެ. އެމްޑީޕީގެ މެނިފެސްޓޯގައި އެ ވާހަކަ ވަނީ ވަރަށް ތަފުސީލު ކޮށް ލިޔެފަ އެވެ. މަސައްކަތް ކުރިޔަށް ގެންދާނެގޮތުގެ ތަފުސީލީ ޕްލޭނެއް ވެސް ވަނީ އެކުލަވާލެވިފައެވެ. އެހެނަސް ސަރުކާރަށް ދެއަހަރު ފުރި ތިންވަނަ އަހަރު ފާއިތު ވެގެންދާ އިރުވެސް ބޯހިޔާވަހިކަމުގެ ގޮތުން ކުރެވުނު ކަމެއް ފެންނަން ނެތްކަމީ މިއަދުގެ ހަގީގަތެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއެއް ނުހިންގޭ ތާގައި ކުރީ ސަރުކާރުން އަޅާފައިވާ 7000 އެޕާޓްމެންޓު ރައްޔިތުންނަށް ދޫކޮށް ނުލެވިގެ އުޅޭ މައްސަލައަކީ ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވާ ސަބަބެކެވެ. ކުރީ ސަރުކާރުން ފްލެޓް ތައް ލިބެންވާ ފަރާތްތައް ކަނޑާއަޅައި ލިޔުން ދީފައި ހުރި ނަމަވެސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ވަނީ ފްލެޓް ކޮމިޓީއެއް އުފައްދައި ފްލެޓްތައް ''އެންމެ އިންސާފުވެރިކަމާއެކު'' އޭގެހައްގުވެރިންނަށް އަލުން ބެހުމުގެ މަސައްކަތް ފަށައިފައެވެ. ދެއަހަރު ދުވަހުގެ ދިގު މުއަދަތަކަށްފަހު އެ ކޮމިޓީން ނެރުނު ފްލެޓުގެ ހައްގު ވެރިންގެ ލިސްޓު ގައިވެސް ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ގިނަ ޝަކުވަތަކެއް ވަނީ ހުށަހެޅިފަ އެވެ. އެހެންކަމުން ފްލެޓް ކޮމިޓީގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން އަލުން ދިރާސާ ކުރުމަށްފަހު މިހާރުވާނީ ބައެއެއް ލިސްޓުތައް އަނެއްކާ ވެސް އަލުން ބެލުމަށް އަންގާފަ އެވެ.

ނިމިފައި ހުރި އިމާރާތްތަކެއް ދޫކުރުމަށް ދެއަހަރަށް ވުރެ ގިނަދުވަސް ހިނަގަމުންދާ ކަމުގެ ޝަކުވާތަކަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.

''ކުރީގަ އިންނެވި މިނިސްޓަރަށް އެއްގޮތަކަށްވެސް އެނގިވަޑައި ނުގެންނެވީއޭ ކިހިނެއް ކުރަން ފަށްޓަންވީ ކަމެއްކަން ވެސް'' އެމަނިކުފާނު އެ އިޝާރާތް ކުރައްވީ މިސަރުކާރުގެ ފުރަތަމަ ހައުސިން މިނިސްޓަރު އާތިފާ އަށެވެ. އާތިފާއަކީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ އެމްއާރުއެމް އަށް ނިސްބަތްވި މިނިސްޓަރެކެވެ. ރައީސް ނަޝީދު ދެން ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯއެއް ތަންފީޒު ވާނީ އެމްޑީޕީގެ މީހުންނަށް ކަމުގައެވެ. ''އެނގިވަޑައިގަންނަވާނެ އެއްބައެގެ ވިސްނުމުގެ މައްޗަށް އުފެއްދި މެނިފެސްޓޯ އެއް ތަންފީޒު ކުރުމުގައި ދަތިތަކެއް ދިމާވީމާ----އެނގިވަޑައިގަންނަވާނެ ދޮގެއްތޯ އަޅުގަނޑުމެން އެޅި ފިޔަވަޅު----އެފިޔަވަޅު މަތީ އަޅުގަނޑުމެން މިތިބީ،'' ކުރީގެ ހައުސިން މިނިސްޓަރު ސިއްހީ ސަބަބުތަކަކާހުރެ އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުން އެ މިނިސްޓްރީ އުވާލައި ޕްލޭނިން މިނިސްޓްރީގެ ބެލުމުމުގެ ދަށަށް ހައުސިންގެ މަސައްކަތް ގެންދިޔަ ގެންދިއުމަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި ''ވަޒަނަށް ފުރޮޅިގެން ހަމަޔަށް ހިމުންވެގެން ބޯހިޔާވަހިކަމުގެ ކަންކަން ދެން ކުރިޔަށް ދާނެ،'' އެވެ.

ރައީސް ނަޝީދު ވިދާޅުވަގޮތުގައި މިއަދު ރާއްޖޭގައި އޮތީއެމްޑީޕީގެ ނުވަތަ އެމްޑީޕީ ބައިވެރިވާ ސަރުކާރެކެވެ. އެފަދަ ސަރުކާރެއްގައި ކަންކަން ހިނަގާނެ ގޮތުގެ ޕްލޭންތައް ވަރަށް ރަނގަޅަށް ކުރެހިފައި ހުންނާނެއެވެ. ޕްލޭނާ އެއްގޮތަށް ކަންތައް ނުދާނަމަ އެކަންވެސް ފެންނަން އޮންނާނެ އެވެ. އެމަނިކުފާނު އެވިދާޅުވާ ޕްލޭންތަކަކީ އިންތިޚާބުގެ ކެމްޕޭން ތަކާ ދިމާކޮށް ވަރަށް ގަދަޔަށް ވައިގައި ހިފާ އެއްޗެކެ. އެހެނަސް އިންތިޚާބު ނިމުމުން ޕްލޭންތަކަށް އަމަލީ ސިފަ އަންނަތަނެއް ނުފެނެ އެވެ.

ސަރުކާރު ތިންވަނަ އަހަރެއް ގުނަމުންދާއިރު އެއްވެސް ކުރިއެރުމެއް ލިބިފައި ނެތް، ބޯހިޔާ ވަހިކަމުގެ މަޝްރޫއުގެ ޕްލޭންތައް އަލުން އޮފްގަދަކޮށް ކުރަހައި ޑިސްޕްލޭ ކުރަނީ ބޯމަތިވަމުން އަންނަ ކައުންސިލުގެ އިންތިޚާބަށް ކަމުގައި ވުމަކީ ވެސް ގާތް ކަމެކެވެ. މިނިސްޓަރު ބަދަލުވުމަކުން، ''ވަޒަނަށް ފުރޮޅިގެން ހަމަޔަށް ހިމުންވެގެން'' ކަންކަން ކުރިޔަށް ދާ ތަނެއް އަދިއެއް ނުފެނެ އެވެ.