މިދިޔަ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ޔުމްނު ރަޝީދު، ސަރުކާރުގެ ހަރަދުގައި އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ގެންދިއުމަށް ނިންމައިފި އެވެ.

ޔުމްނު ވެއްޓިފައިވަނީ ގ. ފެންޓެނޯއީގޭގެ ނުވަވަނަ ބުރިން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭނާ ވެއްޓުނު ގޮތާއި މެދު ގިނަ ސުވާލުތަކެއް އުފެދިފައިވާއިރު، އެ މައްސަލައިގައި، އޭނާއާ އެކު އެ އިމާރާތުގައި އުޅުނު ރައުދު އަހުމަދު ޒިލާލް މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

ވެއްޓިގެން ފުރަތަމަ އައިޖީއެމްއެޗުގައި ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު ވެންޓިލޭޓަރުން ޔުމްނު މިހާރު ވަނީ ނަގާފަ އެވެ. ނަމަވެސް އޭނާގެ ހާލު އަދިވެސް ސީރިއަސް އެވެ.

ޔުމްނުގެ އާއިލާއިން ބުނީ އޭނާ އިތުރު ފަރުވާއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މެލޭޝިއާއަށް ކަމަށެވެ. އެންސްޕާއިން ވަނީ ޔުމްނުގެ ބޭސްފަރުވާގެ ހަރަދު ދިނުމަށް ނިންމައި އާއިލާއަށް އަންގާފަ އެވެ. ނަމަވެސް އެންމެ އަވަހަށްވެސް ފުރެން އޮތީ މި މަހުގެ 28 ގައި ކަމަށް އާއިލާއިން ނޫސްވެރިންނަށް ވަނީ މައުލޫމާތު ދީފަ އެވެ.

ޔުމްނު ވެއްޓުނު މައްސަލައިގައި ބުރާސްފަތި ދުވަހުގެރޭ އޭނާއާ އެކު އުޅުނު މީހުންގެ ވަނަވަރާއި ޔުމްނު ވެއްޓުނު އިމާރާތުގެ ތެރޭގައި އޭނާއާއި ރައުދު އުޅުނު މަންޒަރުތައް ފެންނަ ސީސީޓީވީ ފުޓޭޖްވެސް ފުލުހުން ވަނީ އާއްމުކޮށްފަ އެވެ.

ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވައިލައި ގިނަ އަދަދެއްގެ ޒުވާނުން ދަނީ މާލޭގެ މަގުތަކުގައި އަޑުއުފުލަމުންނެވެ.