ހޮލީވުޑްގެ މަޝްހޫރު ވެޓެރަން އެކްޓަރު އެލްފްރެޑް ޖޭމްސް ޕަސީނޯ (އެލް ޕަސީނޯ)ގެ 85 ވަނަ އުފަން ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަ ކޮށްފި އެވެ.
މިދިޔަ ހުކުރު ދުވަހު ލޮސް އެންޖެލަސްގައި ބޭއްވި ކުލަގަދަ ހަފްލާގައި އެލް ޕަސީނޯއާ ގާތް ގުޅުމެއް އޮންނަ ހޮލީީވުޑްގެ މަޝްހޫރު ގިނަ ތަރިންތަކެއް ބައިވެރިވެފައިވެ އެވެ.
އެގޮތުން އެ ޕާޓީގައި ބައިވެރިވި ތަރިންގެ ތެރޭގައި އެންޖެލިކާ ހަސްޓަން، ޖެސިކާ އަލްބާ، ޖެރީ ސީންފިލްޑް އަދި ޗާލޮޓް ލޮރެންސް ހިމެނެ އެވެ.
މި ހަފްލާއަށް އެލް ޕަސީނޯ އައިސްފައިވަނީ ލޯބިވެރިޔާ ނޫރު އަލްފަﷲއާ އެކީގަ އެވެ. ނޫރުއަކީ ހޮލީވުޑްގެ ޕްރޮޑިއުސަރެކެވެ. އޭނާގެ އުފެއްދުންތަކުގެ ތެރޭގައި މަޝްހޫރު "އެޕްރެންޓިސް" ހިމެނެ އެވެ.
އެލް ޕަސީނޯއާއި ނޫރުގެ ގުޅުން ހީނަރުވެ ނިމުމަކަށް އަންނަ ކަމަށް ހަބަރުތައް ބުނި ނަމަވެސް ޕާޓީއަށް އެ ދެމީހުން އެކުގައި އައުމުން އެއީ ދޮގެއްކަން ވަނީ އެނގިފަ އެވެ.
އެލް ޕަސީނޯގެ އުމުރުން 85 އަހަރު ވެފައިވާއިރު ނޫރުގެ އުމުރަކީ 32 އަހަރެވެ. އެ ދެމީހުންގެ އުމުރުގައި 53 އަހަރުގެ ތަފާތެއް ހުރެ އެވެ.