ޣައްޒާގެ ރައްޔިތުންނަށް އަމާޒުކޮށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް ގެނައި އިސްލާހަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް މަރުހަބާ ދަންނަވައިފި އެވެ.
ރައީސް މުހައްމަދު މުއިއްޒު މިހާރު މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރާއްޖެ އާއި މެލޭޝިއާ ގުޅިގެން އިއްވި ބަޔާނުގައި ވާހަކަފުޅު ދައްކަވަމުން މެލޭޝިއާގެ ބޮޑުވަޒީރު ވިދާޅުވީ އިޒްރޭލުގެ މައްސަލައިގައި ދެގައުމުން ވެސް ގެންގުޅެނީ އެއް ސިޔާސަތުތަކެއް ކަމަށާއި ފަލަސްތީނާއި ގުޅިގެން ރައީސް މުއިއްޒާއި ރާއްޖެއިން ގެންގުޅެނީ ހިތްވަރުގަދަ ސިޔާސަތެއް ކަމަށެވެ.
މިއާއެކު އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ނިންމި ނިންމުމަކީ ހިތްވަރުގަދަ ނިންމެވުމެއްކަން ފާހަގަކުރައްވަމުން މެލޭޝިއާގެ ބޮޑުވަޒީރު ވިދާޅުވީ މި ނިންމެވުމަށް މެލޭޝިއާ އިން އިހުތިރާމް ކުރައްވާ ކަމަށެވެ.
"މި މައްސަލައިގައި އަޅުގަނޑުމެން ދެ ގައުމުންވެސް ގެންގުޅެނީ އެއް ސިޔާސަތުތަކެއް. ރައީސް މުއިއްޒުގެ މި ނިންމެވުމަކީ (އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުން) ހިތްވަރު ގަދަ ނިންމެވުމެއް. އެ ނިންމެވުމަށް އިހްތިރާމް ކުރަން،" މެލޭޝިއާގެ ބޮޑުވަޒީރު ވިދާޅުވި އެވެ.
މެލޭޝިއާއިން އިޒްރޭލަކީ ގައުމެއްގެ ގޮތުގައި ބަލައިނުގަންނަ ކަމަށާއި އެގައުމުން މިފަދައިން ނިންމީ އިންސާނީ ޙައްގުތަކަށް އިހުތިރާމު ނުކުރާތީއާއި ބައިނަލްއަގުވާމީ އެއްބަސްވުންތަކާ ޚިލާފުވާތީ ކަމަށާއި ފަލަސްތީނުގައި ހާއްސަކޮށް ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާއްމާ ގުޅިގެން ކަމަށެވެ.