ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުން އިސްތިއުފާދިންތާ 12 ދުވަސްފަހުން ދިވެހި ފުލުހުންގެ ހިދުމަތުން ކުރީގެ ސީޕީ ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފިއެވެ.

އެކަމަށްޓަކައި މިއަދު އިސްކަންދަރު ބިލްޑިން ގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާންއެވެ. މި ރަސްމިއްޔާތުގައިި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ކޮމިޝަނާގެ އާއިލާ މެމްބަރުން ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ފުލުހުންގެ ޚިދުމަތުގައި މި ހޭދަކުރެއްވި ދުވަސްތަކުގައި އެކި މަސައްކަތްތަކުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ޝުކުރުއަދާކުރައްވާފަ އެވެ.

ކޮމިޝަނާއަށް ލިބިވަޑައިގެންފައިވާ ކުލަތަކާއި، މެޑަލްތައް އަދި ކޮމިޝަނާ އޮފް ޕޮލިސްގެ ޔުނިފޯމުގައި ހިމެނޭ އައިޓަމްތަކުގެ އިތުރުން ފުލުހެއްކަން އަންގައިދޭ ކާޑު ހިމެނޭ ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވާ ކޮމިޝަނަރުންނަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އަރުވާ ފިލާ އާއި ރިޓަޔާމަންޓް ކާޑު ވަނީ އަރުވާފަ އެވެ.

ރިޓަޔާމަންޓް ކާޑަކީ ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވާ ކޮންމެ ފުލުހަކަށް ވެސް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އަރުވާ ކާޑެކެވެ. މި ކާޑަކީ ފުލުހުންގެ މުއައްސަސާއިން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރެއްވި ބޭފުޅެއްކަން އަންގައި ދިނުމަށާއި، ފުލުހުންގެ އިދާރާއަށް ވަދެވަޑައިގަންނަވާ ކޮންމެ ފަހަރަކު ވެސް ބޭނުންފުޅު ކުރެއްވޭނެ އައިޑެންޓިފިކޭޝަން ކާޑެކެވެ.

ތައުލީމީ ދާއިރާއަށް އަށް އަހަރު ދުވަހު ޚިދުމަތްކުރެއްވި ޝުޖާއު ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތީ 2006 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އަދި ރައީސް މުހައްމަދު މުއިއްޒު، އަލީ ޝުޖާއު ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރެއްވީ 2023 ޑިސެމްބަރު 24 ވަނަ ދުވަހު އެވެ.

މި މަގާމުން ޝުޖާއު އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 26 ވަނަ ދުވަހު އެވެ.

ޝުޖާއު އިސްތިުފާ ދެއްވާފައިވަނީ 18 އޭޕްރިލްގައި މާލޭގެ އުސްއިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނުގެ މައްސަލާގައި އިދާރާތަކުން އަމަލުކުރަމުންދާ ގޮތާމެދު އާއްމުން ނުރުހުން ފާޅުކޮށް އޭނާގެ އިސްތިއުފާއަށް ގޮވާލަމުންދިޔަ ދަނޑިވަޅެއްގަ އެވެ.

މިއާއެކު ޝުޖާއު މަގާމުން ވެސް ރިޓަޔާކުރައްވާފައިވާއިރު މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.