ކޮންމެ ސަރުކާރެއްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލުކުރުމަކީ ވަރަށް ބޮޑު ދެރައެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ފަނޑިޔާރުން ބަދަލުކުރަންޖެހޭ ކަމަށް ވެރިންގެ ހިތްޕުޅަށް ވަންނަކަމީ ވަރަށް ބޮޑު ދެރައެއް ކަމަށެވެ. ރައީސުލްޖުމްޙޫރިއްޔާ ބޭނުންފުޅުވާއިރަށް ފަނޑިޔާރުން ބަދަލުކުރުމަކީ ފެހި ގާނޫނުއަސާސީ ތަސައްވަރުކުރި ގޮތެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން އައި ކޮންމެ ވެރިކަމެއްގައި ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލުކޮށްފައިވާކަން ނަޝީދު ފާހަގަކުރެއްވި އެވެ.
"އެއީ ވަރަށް ބޮޑު ދެރައެއް. އަދި ގޯހެއް،" ނަޝީދު ވިދާޅުވި އެވެ.
އެހެންކަމުން އެކަން އެހެން ނުވާނެގޮތަކަށް ނިޒާމު ބަދަލުކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ވެސް މީގެކުރިން ވިދާޅުވެފައި ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިނުކުރެވޭގޮތަށް ނިޒާމު ބަދަލުކުރަންޖެހޭ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރީ އެ ދެ ބޭފުޅުންނާ ގުޅޭގޮތުން ހުށަހެޅި ސުލޫކީ މައްސަލައަކީ އަސްލެއް ނެތް ދޮގު ތުހުމަތެއްކަން ސާފުކޮށް އެނގެން އޮއްވަ އެވެ. އެކަން ކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެންނެވެ.
ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ އާދަމަށް ގުޅުއްވައި އެ ދެ ބޭފުޅުންގެ މައްސަލަ އަވަސްކުރުމަށް އެދިވަޑައިގެންފައިވާނެ ކަމަށް އެމަނިކުފާނު ވަނީ އަމިއްލަފުޅަށް އިއުތިރާފުވެފަ އެވެ.