ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒު ނުފޯރުވާ ކަމުގެ ޔަގީކަން ބައިނަލްއަގުވާމީ ފަރާތްތަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ދެއްވައިފި އެވެ.
ސުޕްރީމްކޯޓުގެ ދެ ފަނޑިޔާރުކަމުން ޑރ.އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން އެކަމުގެ ކަންބޮޑުވުން ބައިނަލްއަގުވާމީ ފަރާތްތަކާއި ހިއްސާކުރަމުންދާ ދަނޑިވަޅެއްގައި ހަލީލު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ޝަރުއީ ދާއިރާއަށް ރައީސް މުއިއްޒު ނުފޫޒު ނުފޯރުވާކަމުގެ ޔަގީންކަންދޭ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރީ ޖުޑިޝަލް ސާވިސް (ޖޭއެސްސީ)އިން ހިންގި ތަހުގީގަކުން ރައްޔިތުންގެ މަޖިލީހުން ކަމަށާއި ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ޝަރުއީ ދާއިރާ މިނިވަންކޮށް ބޭއްވުމަށް ކަމަށް ވެސް ހަލީލު ވިދާޅުވި އެވެ.
މިއާއެކު ހަލީލު ވަނީ އިދިކޮޅު އިސް ބޭފުޅުން ބޭރުގެ ފަރާތްތަކަށް ހަގީގަތް ހާމަކޮށްދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ހަލީލު މިފަދައިން ވިދާޅުވިއިރު މިދިޔަ ބުދަ ދުވަހު ބޭއްވި ޕީއެންސީގެ މެންބަރުންގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފަނޑިޔާރުން ވަކިކުރަން ނިންމީ އެ ޕާޓީގެ އަޣުލަބިއްޔަތު އޮންނަ ޖުޑީޝަރީ ކޮމިޓީން ނިންމި ނިންމުމާ އެއްގޮތަށެވެ.
ފަނޑިޔާރުންގެ މައްސަލާގައި ޖޭއެސްސީ އިން އަމަލުކޮށްފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސިލް ޖެނެރަލް ފާތިމަތު ފިލްޒާވެސް ވިދާޅުވިއިރު ފަނޑިޔާރުން ވަކިކުރުމުގައި ފިލްޒާގެ ލަފާ އަށް ރިއާޔަތްކޮށްފައެއް ނުވެ އެވެ.
މިކަމާ ގުޅިގެން ބައިނަލްއަގުވާމީ ޖަމާއަތްތަކާއި ބާ ކައުންސިލުތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، ދެ ފަނޑިޔާރުން ވަކިކުރި މައްސަލަ އެމްޑީޕީގެ ފަރާތުން ވަނީ ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސް (އީއީއޭއެސް) އާ ހިއްސާކޮށްފަ އެވެ.
މިކަމަށްޓަކައި އީއީއޭއެސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޕައޯލާ ޕަމްޕަލޮނީއާއެކު ބޭއްވުނު ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި، ކުރީގެ މަޖިލިސް މެންބަރު ހުސައިން ޝަމީމް އަދި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ބައިވެރިވެފަ އެވެ.
މި ބައްދަލުވުމުގައި ރައީސް މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ޖުޑީޝަރީ ނިޒާމަށް ނުފޫޒުފޯރުވުމާއި ދާދި ފަހުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރު އަދި މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމާއިއެކު ރާއްޖޭގެ މިނިވަން މުއައްސަސާތަކަށް ސިޔާސި ނުފޫޒު ފޯރުވުމާ ގުޅޭ ކަންބޮޑުވުންތައް އެމްޑީޕީން ވަނީ ހިއްސާކޮށްފަ އެވެ.