ގުޅީފަޅު ލޭންޑް ޔޫސް ޕްލޭނަށް "ހިތުހުރި ބަދަލެއް" ގެނައުން ދަ ޑިމޮކްރެޓްސް އިން ކުށްވެރިކޮށްފި އެވެ.
ދަ ޑިމޮކްރެޓްސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ސަރުކާރުން ބަދަލު ގެނައީ ރައްޔިތުންނާ މަޝްވަރާނުކޮށް ކަމަށާއި މާލެ ރަށްވެހިންގެ ބޯހިޔާވަހިކަމަށް ހައްލު ހޯދަން ގާއިމުކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހިއްކާ ތަރައްގީކުރަން ނިންމާފައިވާ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް އާންމު މަޝްވަރާއެއް ހިޔާލެއް ހޯދުމަކާނުލައި، ހިތުހުރި ބަދަލެއް ގެނެސް، ގެޒެޓުކޮށްފައިވާތީ އެކަން ދަ ޑިމޮކްރެޓްސް އިން ކުށްވެރި ކުރާ ކަމަށެވެ.
ރައީސް މުހައްމަދު ސާލިހުގެ ވެރިކަމުގައި އެކުލަވާލި ގުޅީފަޅުގެ ޕްލޭނަށް ބަދަލުގެނައީ މިނިސްޓްރީގެ އިތުރުން އެއްވެސް ފަރާތެއްގެ މަޝްވަރާއެއް ނުހޯދާ ކަމަށާއި ރާއްޖޭގެ ދުސްތޫރީ އަދި ގާނޫނީ އޮނިގަނޑު ތަސައްވަރުކުރަނީ ރަސްމީކޮށް މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި އަތޮޅަކާއި ސިޓީއެއްގެ މުނިސިޕަލް ހިދުމަތްތަކާއި އާބަން ޕްލޭނިންގް ތަރުތީބުކުރާންވާނީ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއި މަޝްވަރާގެ މައްޗަށް ކަމަށް ޑިމޮކްރެޓްސް އިން ވަނީ ބުނެފަ އެވެ.
"އެތައް ހާސްބަޔަކު ދިރިއުޅެން ބިނާކުރާ ވަޒަނެއްގެ ރަށްވެހިކަމުގެ އިންތިޒާމުތައް ޕްލޭންކޮށް، ހަމަޖައްސާއިރު އެތަނުގައި ދިރިއުޅެން ތިބި މީހުންނާއި، ތަނުގައި ވަޒަންވެރިވާން ތިބި ރައްޔިތުން ތަމްސީލުކުރާ ގުޅީފަޅު ރަށްވެހިންގެ ޖަމްއިއްޔާފަދަ އެންޖީއޯތަކާއި، އިންޓަރެސްޓް ގްރޫޕްތަކާއި، ޑިމޮކްރެޓިކް ވޯޓުން ހޮވާފައިވާ މާލެ ސިޓީ ކައުންސިލްގެ ބަހެއް، ރުހުމެއް ހޯދަން ޖެހޭނެ ކަމަށް ސަރުކާރަށް ނުފެނުމަކީ ޒަމާނުގެ ޑިމޮކްރެޓިކް އަދި އާބަން ޕްލޭނިންގް ހަމަތަކާ ސަރުކާރު ބީރައްޓެހި މިންވަރަށް ދަލީލުކުރާ ކަމެއް،" ޑިމޮކްރެޓްސް އިން ބުނެފައިވެ އެވެ.
ތިމާގެ ރަށްވެހިކަން ނިސްބަތްވާ ތަނުގެ އިންތިޒާމުތަކާއި ތަރުތީބުތަކުގެ މައްޗަށް ފާޑުކިޔާ، ހިޔާލާއި މަޝްވަރާ ދީ، ތަރައްގީކުރުމުގައި ސީދާ ބަސްބުނެ، ގޮތްކަނޑައަޅާ ނިންމުމުގައި ބައިވެރިވުމަކީ ދިވެހި ރައްޔިތުންނަށް ލިބިގެންވާ ޑިމޮކްރެޓިކް ހައްގެއްކަން ފާހަގަކޮށް ޑިމޮކްރެޓްސް އިން ބުނީ އެތަނުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނެސްފައިވަނީ ހުސް ޖާގަތަކާއި، ޕާކުތަކާއި، ވިޔަފާރި ޖާގަތަކާއި ސްކޫލުތައް ފަދަ ވަސީލަތްތައް އެކަށީގެންވާ މިންވަރަށް ނުހިމަނާކަމަށެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ފަރާތުން ފެންނަމުންދަނީ ލާމަރުޒަކީ އުސޫލަށް ރިއާޔަތެއް ނެތުމާއި ގޮތް ކަނޑައެޅުމުގައި ރައްޔިތުންގެ ބައިވެރިވުން އެއްގޮތަށް ނުހޯދުމުގެ ބޯދާ ސިފަ ކަމަށް ޑިމޮކްރެޓްސް އިން ވަނީ ބުނެފަ އެވެ. އަދި ގުޅީފަޅު ލޭންޑް ޔޫސް ޕްލޭނަށް އާއްމު ހިޔާލާ މަޝްވަރާ ހޯދުމަށް އެޕާޓީން ވަނީ ގޮވާލާފަ އެވެ.
ގުޅީފަޅު ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސްފައިވާކަން ސަރުކާރުން ހާމަކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހު އެވެ.
މިކަމާ ގުޅިގެން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައީ އެތަނުން ދޫކޮށްފައިވާ ގޯތިތައް އަވަހަށް ހަވާލުކުރަން ކަމަށާއި، މި މަސް ނިމުމުގެ ކުރިން ގުޅިފަޅުން ގޯތި ލިބުނު އެންމެނަށް ގޯއްޗާއި ރަޖިސްޓްރީ ހަވާލުކުރެވޭނެ ކަމަށެވެ.
ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލު ގުޅިފަޅުގެ ގޯތި ލިބުނު ފަރާތްތައް ތަމްސީލުކުރާ ޖަމިއްޔާއާ ހިއްސާކުރެވި ބިންތައް ދޭނެ ގޮތަކާމެދު މަޝްވަރާކުރެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް ގުޅީފަޅު ރައްޔިތުންގެ ޖަމިއްޔާއިން ވަނީ އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ބުނެފަ އެވެ.