މިއަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހު ރާއްޖެއަށް ދަތުރުކުރި ބައިނަލްއަގުވާމީ އެއާލައިންތަކުގެ އަދަދު 6.4 ޕަސެންޓް އިތުރުވެއްޖެ އެވެ.
އެމްއެމްއޭގެ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުން ދައްކާގޮތުން ޝެޑިއުލްކޮށްގެން މި މުއްދަތުގައި ރާއްޖެއަށް ދަތުރުކުރި އެއާލައިންތަކުގެ އަދަދަށް ވަނީ އިތުރުވެފަ އެވެ.
އެ ރިޕޯޓުން ދައްކާ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމަށް މިއަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހު ވަނީ ކުރިއެރުން ލިބިފަ އެވެ. އެގޮތުން ރާއްޖެއަށް 800،000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 700،000 ފަތުރުވެރިންނާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.
ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އިތުރުވިއިރު، ރާއްޖެއަށް ދަތުރުކުރި ބައިނަލްއަގުވާމީ އެއާލައިންތަކުގެ އަދަދުވެސް ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ.
އެމްއެމްއޭގެ އެ ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ޝެޑިއުލްކޮށްގެން އެކިއެކި ބައިނަލްއަގުވާމީ އެއާލައިންތަކުން ވަނީ ރާއްޖެއަށް 5،809 ދަތުރު ކޮށްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ކޮށްފައިވަނީ 5،378 ދަތުރެވެ. އެހެންކަމުން މިއީ 6.4 ޕަސެންޓް އިތުރުވުމެކެވެ.
ޖެނެރަލް ފްލައިޓްސްގެ ގޮތުގައި މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ރާއްޖެ އައިސްފައިވަނީ 555 ފްލައިޓެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 604 ގަ އެވެ.
އެމްއެމްއޭގެ އެ ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ރާއްޖޭގެ ފަތުރުވެރިކަމުގައި އޮޕަރޭޝަނަލް ބެޑް ކެޕޭސިޓީ ހުރީ 61،919 ގަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 0.8 ޕަސެންޓް އިތުރުވުމެކެވެ.
ރާއްޖެ އަންނަ ބައިނަލްއަޤްވާމީ ފްލައިޓްތަކާއި ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނައިރު އެމްއޭސީއެލްގެ އާމްދަނީ ވެސް އަންނަނީ ބޮޑުތަނުން ކުރިއަރަމުންނެވެ. އެގޮތުން މިދިޔަ އަހަރު އެމްއޭސީއެލްއަށް ލިބުނު ފައިދާ އެއް ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ.
އެ ކުންފުނީގެ އޮޑިޓް ރިޕޯޓުން އާންމުކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާގޮތުން މިއީ އޭގެ ކުރީ އަހަރަށް ވުރެ 18 ޕަސެންޓް އިތުރު ފައިދާއެކެވެ. އެއީ ގާތްގަނޑަކަށް 192 މިލިއަން ރުފިޔާ އިތުރު އަދަދެއް ކަމަށް އޮޑިޓް ރިޕޯޓުން ދައްކަ އެވެ.