މިއަދަކީ މިއަހަރުގެ އަޟްހާ އީދު ދުވަހެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި އީދުގެ ފޯރި ފެށިފައިވާއިރު ބައެއް ރަށްތަކުގައި އެ ފޯރި ވަކިން ހާއްސަކޮށް ގަދަކަން ފާހަގަ ކުރެވެ އެވެ.

އޭގެ ތެރެއިން އެއް ރަށަކީ ހއ. ކެލާ އެވެ. މިފަހަރުގެ އަޟްހާ އީދަކީ ކެލާގެ ރައްޔިތުންނަށާއި އެރަށަށް ދާ މެހެމާނުންނަށް އީދުގެ ތަޖުރިބާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނެ އީދެކެވެ.

ކެލާ އީދު މަހާސަމާ 2025 ޖުމްލަ ހަ ދުވަހަށް ދެމިގެންދާއިރު ކޮންމެ ދުވަހަކީ ވެސް ތަފާތު ހަރަކާތްތަކާއި ކުޅިވަރުތައް އޮންނާނެ ދުވަހެކެވެ.

https://www.facebook.com/share/v/15V1vhXTn9/

އެގޮތުން އެރަށުގައި އީދުގެ ކުޅިވަރުތައް ފެށިގެންދާނީ އީދު ވިލޭރޭ އިރާކޮޅު ޖަހާ އީދު ހުޅުންނެވެ. އެއާއެކު ހަމަ އެރޭ އީދު މަހާސަމާ ޝޯއެއް ވެސް އޮންނާނެ އެވެ

އީދު ދުވަހުގެ ހެނދުނު އީދު ނަމާދުން ފެށިގެން އެރެއާ ހަމައަށް އެކި ކަހަލަ ކުޅިވަރުތައް ރޭވިފައިވާއިރު އޭގެ ތެރެއިން ވެސް އެންމެ ފާހަގަ ކޮށްލެވޭ އެއް ކުޅިވަރަކީ އެ ދުވަހުގެ ހަވީރު އޮންނަ މަލިކު ދަނޑި އެވެ.

ރާއްޖޭގެ އުތުރުން އޮންނަ މަލިކުގެ ސަގާފަތް ދައްކުވައިދޭ އެ ކުޅިވަރަކީ ކުދިބޮޑު އެންމެންގެ ތަރުހީބު ލިބޭ ފޯރިގަދަ ކުޅިވަރެއްކަން ފާހަގަކުރެވެ އެވެ.

ޖެހިގެން އަންނަ ވަޅު އީދު ދުވަހުގެ ފޯރިވެސް ކެލާގައި ވަކި ކުޑައެއް ނޫނެވެ. ދައުވަތު ދީގެން ރަށަށް އަންނަ މ.މުލީ ލަނގިރި ގްރޫޕްގެ ލަނގިރިއާއި އީދު މަހާސަމާ ޝޯވެސް އެ ދުވަހު ފެނިގެންދާނެ އެވެ.

https://www.facebook.com/share/p/19tnHGDSaU/

އެއާއެކު އާދީއްތަ ދުވަހަކީ މަންޑި ނެގުމާއި ސަގާފީ ކުޅިވަރުތަކުގެ އިތުރުން މާލި ކުޅިވަރަށް ހާއްސަ ދުވަހެވެ. އެ ދުވަހަކީ ވެސް އީދުގެ ހާއްސަ ހަރަކާތްތަކެއް ފެންނާނެ ދުވަހެކެވެ.

ވާ ދެމުމާއި ދިވެހި ކެއުމުގެ މުބާރާތް ފަދަ ހަރަކާތްތަކެއް ހޯމަ ދުވަހަށް ތާވަލް ކުރެވިފައިވާއިރު އެ ދުވަހުގެ ރޭ އީދުގެ ކުޅިވަރުތައް ރަސްމީކޮށް ނިމޭނެ އެވެ.

އެހެން ނަމަވެސް ޖެހިގެން އަންނަ ދުވަހު ބާއްވާ މަސް ރޭހަކީ ވެސް އެ ރަށުގެ ހުރިހާ ރައްޔިތުންނަށް ހުޅުވާލައިގެން ބާއްވާ ފޯރިގަދަ ކުޅިވަރަކަށް ވާނެ އެވެ.

މި ހުރިހާ ކުޅިވަރުތަކާއެކު މިފަހަރުގެ ކެލާ އީދު މަހާސަމާއަކީ މުޅި ރާއްޖެއިން ވެސް ފާހަގަ ކޮށްލެވޭ އީދަކަށް ވާނެކަން ޔަގީންވެ އެވެ.