ޓިކްޓޮކްގައި މަޝްހޫރު އިންފްލުއެންްސަރެއް ކަމަށްވާ އަބީރް އަލް ސާގިރު އޭނާގެ ބައިވެރިޔާ ޔޫސުފް ފަރުހަތުއާ އެންގޭޖްވެއްޖެ އެވެ.
އަބީރު އޭނާގެ ޓިކްޓޮކްއަށް ހިއްސާކުރި ޕޯސްޓެއްގައި އެންގޭޖްމަންޓްގެ ފޮޓޯތައް ހިއްސާ ކޮށްފައިވާއިރު އެއާއެކު އޭނާ ބުނެފައިވަނީ އެއީ އުފާވެރި ދިރިއުޅުމެއްގެ ފެށުން ކަމަށެވެ.
ހަބަރުތައް ބުނާ ގޮތުގައި އަބީރުއާއި އޭނާގެ ބައިވެރިޔާ އެންގޭޖް ވެފައިވާއިރު އެ ދެމީހުންގެ ކައިވެނި ވެސް ވަރަށް އަވަހަށް އޮންނާނެ އެވެ.
އެގޮތުން ކައިވެންޏަށް އަބީރު ރަންކިޔާފައިވާ ކަަމަށާއި އޭނާ ރަން ކިޔާފައިވަނީ ގުރުއާނުގެ މުސްހަފަކަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ލުބްނާނަށް ނިސްބަތްވާ އަބީރުއަކީ އޭނާގެ ކެއްކުމުގެ ހުނަރުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޗެފެކެވެ. އޭނާ ވަނީ އެކި ގައުމުތަކުގެ ރަހަތައް އޭނާގެ ޓިކްޓޮކުގައި ހިއްސާ ކޮށްފަ އެވެ.
އެގޮތުން ދިވެހި ދިދައާއެކު ދިވެހިންގެ ގަރުދިޔަ ކައްކާ ގޮތް ވެސް އޭނާގެ ވީޑިއޯއަކުން ފެނިފައިވާއިރު އެ ވީޑިއޯއަށް ދިވެހިންގެ އިތުރުން އެހެން ގައުމުތަކުގެ މީހުންގެ ސަމާލުކަން ވެސް ލިބުނެވެ.