ކައުންސިލަރުންގެ އަދަދު މަދުކުރަން ގާނޫނަށް އިސްލާހު ހުށަހަޅަން ސަރުކާރުން އުޅެނީ ހަރަދު ކުޑަކުރަން ނޫން ކަމަށާއި މަދުކުރާ ކައުންސިލަރުންގެ ބަދަލުގައި ސްޓޭޓް މިނިސްޓަރުންނާއި ޑެޕިޔުޓީ މިނިސްޓަރުން އައްޔަންކުރާނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ފުވައްމުލައް ސިޓީގައި މިރޭ ބޭއްވި އެމްޑީޕީ ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ހަރަދު ކުޑަކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.
އޭނާ ވިދާޅުވީ މި ސަރުކާރުން ކައުންސިލްތަކުގެ އަގު ވައްޓާލަމުން އަންނަ ކަމަށާއި އެ ކަމުގެ މުގުލުގައި ހުންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ.
"ލޯކަލް ކައުންސިލް އިންތިހާބުން ބަލިވާނެކަން އެނގޭތީ ސަރުކާރުން އެކުރާ ކަމަކީ ކައުންސިލް ތަކުގެ އަގު ވައްޓާލުމާއި، ކައުންސިލްތަކުގެ ބާރުތައް ހަނިކުރުން. ކައުންސިލްތަކުގެ އަގު ވައްޓާލަން ސަރުކާރުގެ އެންމެ އިސްވެރިޔާ ނިކުމެ އެ ހުންނެވީ ގޮތް ހުސްވީމާ." ޝާހިދު ވިދާޅުވި އެވެ.
މި ސަރުކާރު ބަލިކުރަންޖެހޭ ކަން ފާހަގަކުރައްވައި ޝާހިދު ވަނީ ސަރުކާރު ބަދަލުކުރަން ގެންނަންޖެހޭ ކޮންމެ ފޯމިއުލާއަކަށް ތައްޔާރަށް ތިބެންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
"މި އަނިޔާވެރި ސަރުކާރު ބަލިކޮށްލެވޭނެ ކޮންމެ ފޯމިއުލާއަކަށް އަޅުގަނޑުމެން އެންމެން ތިބެންވާނީ ތައްޔާރަށް. އަމާޒު ހުންނަން ވާނީ މުސްތަގްބަލަށް" ޝާހިދު ވިދާޅުވި އެވެ.
ފުވައްމުލައް ސިޓީން ދިމާވި ޕީއެންސީގެ ކޮންމެ މީހަކު ވެސް ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަކީ އެ މީހުންނަށް ހެދުނު ގޯހެއް ކަމަށް ބުނަމުން އަންނަ ކަމަށް ޝާހިދު ވިދާޅުވި އެވެ.
މިރަށުން އެބަ ބައްދަލު ކުރައްވާ ޕީ.އެން.ސީ ގެ ބޭބޭފުޅުން. އެބަ ވިދާޅުވޭ ހެދިފައި އޮތީ ބޮޑު ގޯހެކޭ. މުޢިއްޒު އިންތިޚާބު ކުރެވުމަކީ ހެދުނު ގޯހެކޭ. ދެން ވޯޓު ދެއްވާއިރު އެކަމަށް ސަމާލުވުމަށް އެބޭފުޅުންނަށް އެބަ ދަންނަވަން،" ޝާހިދު ވިދާޅުވި އެވެ.