ހަމާސުން ހަނގުރާމަ ހުއްޓާލަން ބޭނުންވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ އެއްކޮށް އެމެރިކާގެ ވައިޓް ހައުސްގައި ބޭއްވި ރޭގަނޑުގެ ފަރިއްކޮޅެއްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ހަމާސް އިން ބައްދަލުކުރަން ބޭނުންވާކަމަށާއި، އެ ޖަމާއަތުން ތިބީ ހަނގުރާމަ ހުއްޓާލަން ތައްޔާރަށް ކަމަށެވެ.

މިކަމާ ގުޅިގެން އެމެރިކާގެ ސްޕެޝަލް އެންވޮއި ސްޓީވް ވިޓްކޮފް ވިދާޅުވީ މިއީ ގަތުލުއާއްމު ހުއްޓާލުމުގެ އެއްބަސްވުމަށް ހީކުރިވަރަށް ވުރެ އަވަހަށް ވާސިލުވެވިދާނެ ފުރުސަތެއް ކަމަށެވެ.

މީގެ އިތުރުންވެސް އެމެރިކާގެ ވައިޓް ހައުސް ގެ ތަރުޖަމާނު ކެރޮލިން ލިވެޓް ވިދާޅުވީ އެމެރިކާއިން މެދުވެރިވެގެން ހަނގުރާމަ ހުއްޓާލުމަށް، މި ހަފްތާގެ ފަހުކޮޅު ވިޓްކޮފް ދޯހާ އަށް ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މި ގަތުލުއާއްމު ހުއްޓާލަން ގަތަރުންވެސް މެދުވެރިއެއްގެ ގޮތުގައި އަދާކުރަނީ ފާހަގަކޮށްލަން ޖެހޭ ދައުރެއްކަން ލެވިޓް ވަނީ ފާހަގަކުރައްވާފަ އެވެ.

އެމެރިކާ މެދުވެރިއެއްގެ ގޮތުގައި ބައިވެރިވެގެން އެގައުމުން ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އިޒްރޭލުން މިހާރު އެއްބަސްވެފައިވާއިރު، މީގެ ކުރިން ހަމާސުން ވެސް ވަނީ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމުގެ މަޝްވަރާތައް ކުރިއަށް ގެންދަން ތައްޔާރު ކަމަށް ބުނެފަ އެވެ.