މެލޭޝިއާގައި މިއަދު ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ އެވެ.

މިއަދު ހަވީރު ދެ ކާރު ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވެފައިވަނީ މެލޭޝިއާގެ "ޓެއިލާސް ޔުނިވަސިޓީ" ގައި ތައުލީމް ހާސިލް ކުރަމުން އަންނަ އަންހެން ދަރިވަރެކެވެ. އެއީ އައްޑޫ ސިޓީ ހިތަދޫއަށް އުފަން އެ ރަށު​ މާރިޝް އުމުރުން 21 އަހަރުގެ އާމިނަތު އިމީލީ ނާޒިމް އެވެ.

މި އެކްސިޑެންޓް ހިނގީ މޯލަކުން ބާޒާރުކުރުމަށްފަހު ކުރުމަށް ފަހުގައި ގްރެބް ޓެކްސީއެއްގައި ރައްޓެއްސަކާއެކު ޕުޗޮންގް އަށް ދިޔަ މަގުމަތީގަ އެވެ. އެ އެކްސިޑެންޓަށް ފަހު އޭނާ ގެންގޮސްފައި ވަނީ ޕުޗޮންގުގެ ހޮސްޕިޓަލަކަށެވެ. އެނގިފައިވާ ގޮތުގައި އިމީލީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފަ އެވެ.

މި އަންހެން ދަރިވަރާއެކު، އިތުރު އެހެން ދަރިވަރަކު ވެސް އެ އެކްސިޑެންޓް ހިނގިއިރު އެ ކާރު ތެރޭގައި އިނެވެ. އެ ކުއްޖާގެ ހާލު ވެސް ސީރިއަސް ކަމަށް އެނގިފައިވެ އެވެ.

މި ހާދިސާ ހިނގި ތަނުގެ ފޮޓޯ އާއި ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓްވި ކާރު އޮތީ ފުށުން ޖެހިފަ އެވެ. އަދި ކާރެއް ޑޭޝް ކެމްއަކުން ނަގާފައިވާ އެ ވީޑިއޯ އިން ފެންނަ ގޮތުގައި ދިވެހި ދެ އަންހެނުން ދަތުރުކުރި ކާރު ހައިވޭއެއްގެ ޓޮލް ލައިނަކަށް ވަންނަން ދިޔައީ ވަރަށް ބާރަށެވެ. ދެން ފެނުނީ ކުއްލިއަކަށް ފުރޮޅާލި މަންޒަރެވެ.