ސަލްމާން މިސްކިތް ހުޅުވުން ލަސްވާތީ އެކަމާ ކަންބޮޑުވުން މާލެ ސިޓީގެ އިންތިޚާބީ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު ފާޅުކުރައްވައިފި އެވެ.

ޑރ.މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާލޭގެ ރައްޔިތުންނަށާއި، މާލެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެ މިސްކިތުގެ ބޭނުން ހިފޭނެ ގޮތް ވީހާ ވެސް އަވަހަކަށް ހައްދަވައިދެއްވުމަކީ ގިނަ މީހުން ކުރާ އިލްތިމާސެއް ކަމަށެވެ. ސަލްމާން މިސްކިތް ހުޅުވުން ލަސްވަމުންދާތީ މުޢިއްޒު ވަނީ ކަންބޮޑުވުން ވެސް ފާޅުކުރައްވާފަ އެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ކިންގް ސަލްމާން މިސްކިތް ފަރުމާކޮށްފައި ވަނީ އެ މިސްކިތުން ޚިދުމަތްތަކެއް ދެވޭ ގޮތަށް ކަމަށާއި ނަމަވެސް އެ ޚިދުމަތްތައް ދިނުމަށް ގާއިމް ކުރަންޖެހޭ ވަސީލަތްތައް އަދި ގާއިމް ނުކުރެވޭ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވާން ބޭނުންވާ ކަމަށް ސައުދީ ސަރުކާރުން ބުނެފައިވާ ކަމަށެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާ ހެދި މިސްކިތް ހުޅުވަން ސައުދީން ފޮނުވާ ވަފްދަށް ރާއްޖެ އާދެވެން ނެތް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ޖުމްލަ 25 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ގާއިމް ކޮށްފައިވާ އެ މިސްކިތުގެ ޕްރޮޖެކްޓަށް ސައުދީ ސަރުކާރުން ވަނީ ހިލޭ އެހީގެ ގޮތުގައި 14.5 މިލިއަން ޑޮލަރު ދީފަ އެވެ.

ސައުދީ ރަސްގެފާނުގެ ޚަރަދުގައި އިމާރާތްކުރި މިސްކިތް.

އެ މިސްކިތުގައި އެއްފަހަރާ 4000 މީހުންނަށް ނަމާދު ކުރެވޭނެ އެވެ. ނަމާދު ކުރަން ޚާއްސަކޮށްފައި ވަނީ ފުރަތަމަ ދެ ފްލޯ އެވެ. އެ މިސްކިތުގެ ތިން ވަނަ ފްލޯގައި ހަތަރު ކްލާސްރޫމާއި ފަސް ސެނިމާ ރޫމް ހުރެ އެވެ. ހަމައެހެންމެ ހަތަރުވަނަ ފްލޯގައި ލައިބްރަރީ އަކާއި 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމްއެއް ހުރެ އެވެ. އެ މިސްކިތުގެ ފަސްވަނަ ފްލޯގައި 300 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލެއް ވެސް ހުރެ އެވެ.