މި މަހުގެ 13 ވަނަ ދުވަހުގެ ދަންވަރު އއ. މާޅޮހުގައި މަރާލި, އެ ރަށު އޯކިޑުމާގޭ އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން އާދަމް ގެ މަރުގެ ތަހުގީގަށް ކުރިއެރުންތަކެއް ހޯދައިފި އެވެ.

ނިދާފައި އޮއްވާ ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް އަބްދުއްރަހުމާން މަރުވީ އެރޭގެ ފަތިހުގެ ވަގުތެއްގަ އެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އެރޭ ދަންވަރު 1:50 ހާއިރު އެވެ.

އެނގިފައިވާގޮތުގައި، މި މައްސަލާގެ ތަހުގީގަށް ފުލުހުން ވަނީ ތިން މީހެއްގެ ގެ ފާސްކޮށް، އެކެއްގެ އަންނައުނު ވެސް ގެންގޮސް، ބައެއް މީހުންގެ ފޯނުވެސް ހިފަހައްޓާފަ އެވެ.

އެހެންނަމަވެސް އެއްވެސް މީހަކު ހައްޔަރު ކުރިކަން މިހާތަނަށް ހާމަވެފައިނުވާއިރު، މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ނުލިބެ އެވެ.

މި މައްސަލާގައި މީގެ ކުރިން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާގެ އަންހެނުން ނާޒިމާ އިބްރާހީމްގެ ފޯނު ހިފަހައްޓާފައިވާއިރު، ފުލުހުން ބުނި ގޮތުގައި، މައްސަލައާ ގުޅިގެން އެކި އެކި އޭންގަލްތަކަށް ފޯކަސްކޮށްގެން ވަކި ވަކި މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން، މަރުހޫމުގެ އާއިލާއާއި، ގާތްގުޅުން އޮތް ފަރާތްތަކާ ވާހަކަދައްކައި ސުވާލުކޮށް، އެފަރާތްތަކުގެ އެއްބާރުލުމާއެކު، މި ހާދިސާގެ ވަށައިގެންވާ ހަގީގަތްތައް ހޯދައި ދެނެގަތުމަށްޓަކައި މަސައްކަތަކެއް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އަބްދުއްރަހުމާނަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮތްތަން ފެނިގެން އެކަން ރަށުގެ ސިއްހީ މަރުކަޒަށް އެންގީ އޭނާގެ އަންހެނުންނެވެ. ފުލުހުން މި މައްސަލާގެ ތަހުގީގު ކުރަމުންދާއިރު، އެ ރަށަށް އަރައި ފައިބާ މީހުން ވެސް މި މައްސަލައާ ގުޅިގެން މޮނީޓާ ކުރި އެވެ.