ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން، ގުރުއަތު ނެގުމަށްފަހު ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރުމުގެ މަސަައްކަތުގެ ދަށުން މިހާތަނަށް 800 ވުރެ ގިނަ މީހުންނަށް ރަޖިސްޓްރީ ދޫކޮށްފި އެވެ.
ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރަން ހައުސިން މިނިސްޓްރީން ފެށީ، މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ.
ކުރީ ސަރުކާރުގެ 'ބިންވެރިޔާ ސްކީމް'ގެ ދަށުން ގުޅީފަޅުން މަދުވެގެން 2000 ގޯތި ދޫކުރަން އޮތީ އިއުލާންކޮށްފައެވެ. ނަމަވެސް މި ސަރުކާރުން ގުޅިފަޅުން މިހާރު ދޫކުރުމަށް ނިންމާފައި ވަނީ 3،520 ގޯއްޗެވެ. އެއީ، ގިރާވަރުފަޅުން ލިބުނު ގޯތި ގުޅީފަޅަށް ބަދަލުކުރަން މީހުން އެދުނު މީހުން ހިމަނައިގެންނެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނީ ގެދޮރުވެރިޔާ ސްކީމްގެދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންނަށް ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިހާތަނަށް 843 މީހަކަށް ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
ހައުސިން މިނިސްޓްރީން ބުނި ގޮތުގައި ގުޅިފަޅު ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށްދަނީ އެ މިނިސްޓްރީ ކުރިން ހިންގި އިމާރާތުގެ ބިމުގައެވެ.
މީގެ ކުރިން ވަކިން ހިންގަމުން އައި ހައުސިން މިނިސްޓްރީއާއި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓްރީގެ އޮފީސް އިމާރާތުގައި މިދިޔަ ޑިސެންބަރު މަހުގެ 12ގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ލިބުނު ގެއްލުންތަކާ ގުޅިގެން އެ އިމާރާތް ވަނީ ތަޅާލައިފައެވެ. އެ ބިމުގައި މާލޭ ސިޓީ ކައުންސިލްގެ ތިން ސެކްޝަނެއް ހިންގާ އިމާރާތެއް ވެސް ހުއްޓެވެ.
ގުޅިފަޅު ގޯތީގެ ރަޖިސްޓްރީ ދިނުމުގެ މަސައްކަތް ކުރިއަށްގެންދަނީ ސިޓީ ކައުންސިލުން ބޭނުންކުރަމުންދިޔަ ބައިގައެވެ.
ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއު ފެށީ މިދިޔަ އަހަރުގެ ޖުލައި މަހެވެ. އެގޮތުން ބިން ހިއްކުމުގެ މަސައްކަތް ނެދަލެންޑްސް ބޮސްކާލިސްއާ ހަވާލުކުރީ 120 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ)އަށް ކަމަށް ސަރުކާރުންވަނީ މީގެ ކުރިން ހާމަކޮށްފަ އެވެ.
ކުރީ ސަރުކާރުން ގުޅިފަޅުން ގޯތި ލިބޭ މީހުންގެ ގުރު ނަގައިފައި އޮތް ނަމަވެސް، މި ސަރުކާރުން ދެ ފަހަރަކު ލޭންޑް ޔޫޒް ޕްލޭން ބަދަލުކޮށްފައިވެއެވެ. މިފަހަރު ރަޖިސްޓްރީ ދޫކުރަނީ، އައު ލޭންޑް ޔޫޒް ޕްލޭންގެ ދަށުން މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު އަލުން ގުރު ނެގުމަށް ފަހުގަ އެވެ.
ކުރީ ސަރުކާރުން ގުޅިފަޅުން ގޯތި ދޫކުރުމަށް ހެދި އެއްބަސްވުމުގައި ގާނޫނާ ފުށޫ އަރާ ކަމެއް ހުރި ކަމަށް ބުނެ މި ސަރުކާރުން އެއްބަސްވުމަށް ބަދަލުގެނެސްފައިވެ އެވެ.
މީގެ ކުރިން ހެދި އެއްބަސްވުމުގައި އޮންނަނީ، ގުޅިފަޅުން ގޯތި ލިބޭ މީހެއްގެ ނަމުގައި 'މާލެ ސަރަހައްދުން' 600 އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ގޯއްޗެއް އޮތް ނަމަ އެ ގޯތި ދޫކޮށްލަން ޖެހޭނެ ކަމަށެވެ. ނަމަވެސް ހައުސިން މިނިސްޓްރީން އެކުލަވައިލި އައު އުސޫލެއްގެ ދަށުން އެއްބަސްވުމުގައި ވަނީ، 'މާލެ ސަރަހައްދު' އޮތް ތަން 'ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ގޯއްޗެއް އޮތް ނަމަ' ކަމަށް ބަދަލުކޮށްފަ އެވެ.