ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު (ސެންބެ) މިއަދުގެ ޖަލްސާގައި އަރަބި ހަރުބަހެއް ވިދާޅުވުމުން އެއީ ގުރުއާނުގެ އާޔަތެއް ކަމަށް ހީކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވެވަޑައިގެންފި އެވެ.

ސެންބެ އަރަބި ހަރުބަހެއް ބޭނުން ކުރެއްވީ ޓްރާންސްޕޯޓު އޮތޯރިޓީ އުވައިލުމުގެ ގާނޫނު ގުޅިގެން ބައެއް ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތަކާ ގުޅިގެން ކުރިއަށް ދިޔަ ބަހުސްގެ ތެރޭގަ އެވެ.

އެ ބަހުސްގައި ސެންބެ ވިދާޅުވީ الوقت كالسيف إن لم تقطعه قطعك މާނައަކީ: "ވަގުތަކީ ކަނޑިއެއް ފަދަ އެއްޗެކެވެ. ތިބާ އެ ބުރިނުކުރާނަމަ، އެ ތިބާ ބުރިކުރާނެއެވެ." މިފަދައިން ސެންބެ ވިދާޅުވުމާއެކު ރިޔާސަތުގައި ނަޝީދު ކޮންމެވެސް އެއްޗެއް ވިދާޅުވުމުން، ގޯސް ވާހަކައެއް ނުދައްކަވާ ކަމަށް ސެންބެ ވަނީ ވިދާޅުވެފަ އެވެ.

ފަހުން މައިކް އޮން ކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވެވުނީ "އިއްޒަތެރި މެންބަރުން ގުރުއާނުގެ އާޔަތްތައް ވިދާޅުވާއިރުގައި" ނަޝީދަށް ވާހަކަފުޅު ފުރިހަމަ ނުކުރެވެނީސް ސެންބެ ވިދާޅުވީ، އޭނާ ވިދާޅުވީ ގުރުއާނުގެ އާޔަތެއް ނޫން ކަމަށެވެ.

ސެންބައަކީ މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާއިން ސާނަވީ ތައުލީމު ފުރިހަމަކުރައްވައި މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީން ޑިގްރީ ހާސިލުލުކުރައްވާފައިވާ ފަރާތެކެެވެ.

މަޖިލިސްގައި ކުރިއަށްދާ ބަހުސްތަކުގައި މެމްބަރުން ގުރުއާނުގެ އާޔަތްތަށް ވިދާޅުވާއިރު ނަޝީދު އެކަން ހުއްޓުވަ އެވެ. އެކަމުގެ ސަބަބުން ނަޝީދަށް ވަނީ ފާޑު ކިޔުން ވެސް އާންމުވެފަ އެވެ.