ނޫސްވެރިން އަނިޔާވެރިކޮށް މަރާލަން ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލިޑަރު އިބްރާހީމް ފަލާހު ގޮވާލި މައްސަލަ އިދިކޮޅު އެމްޑީޕީން ކުށްވެރިކޮށްފި އެވެ.
އެ ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ފަލާހުގެ އަމަލަކީ އިންސާނީ ހައްގަކަށް އަރައިގަތުމުގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިގަތުމުގެ އަމަލެއް ކަމަށެވެ.
ފަލާހު ދެއްކެވި ވާހަކައާ ގުޅިގެން ގާނޫނީ ވަކީލު، އަހުމަދު މައުރޫފް އެކްސްގައި ވިދާޅުވީ ނޫސްވެރިންނަށް ލާއިންސާނީ އަދަބު ދިނުމަށް ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރަކު ގޮވާލުމުން އެމީހުންގެ މަގުސަދާއި ވިސްނުން ހާމަވާ ކަމަށެވެ.
"ވެރިކަން ކުރާ ޕާޓީގެ މެންބަރަކު ނޫސްވެރިންނަށް ލާއިންސާނީ އަދަބު ދޭން ގޮވައިލުމުން އެބައިމީހުންގެ ވިސްނުމާއި މަގުސަދު އޮތް ގޮތް ވަރަށް ބޮޑަށް ސާފުވޭ. އަދިވެސް ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ މި ބިލާ ހަވާލު ވެވަޑައިނުގަންނަވަން، އެކަމަކު މި ބިލު ހަމަ ފާސް ކުރާއިރަށް ތަސްދީގު ކުރައްވާނެ،" މައުރޫފް ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ގާނޫނީ ވަކީލު އަބްދުالله މަހުޒޫމް މާޖިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެ ވާހައަކާ ގުޅިގެން ފަލާހު ހައްޔަރުކުރަން ގޮވާލާފަ އެވެ.
"ކީއްވެގެންތޯ މިއީ ޓެރެރިސްޓު އަމަލަކަށް ނުވަނީ؟ އުލު ބޭންދުން އެއީ ކޮން ކަމެއްކަން ނޭނގެނީތޯ؟ އެއީ މީހުން މެރުންކަން ނޭނގެނީތޯ؟ އިބްރާހިމް ފަލާހު ހައްޔަރު ކުރޭ؟" މަހުޒޫމްގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
ފަލާހު ދެއްކެވި ވާހަކައާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މީޑިއާ ކޮންޓްރޯލް ކުރާ ބިލް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ލައްވައި ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމެވެ.