ދިވެހި ފުލުހުންނަކީ ހަމައެކަނި ބޭރުފުށުން ޔުނިފޯމެއް އަޅައިގެން ތިބޭ ފުލުހުން ނޫން ކަމަށާއި މުޖުތަމައުގެ ބަލަދުވެރިންނަކީ ވެސް ފުލުހުން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވެއްޖެއެވެ.
ދ. ވާނީގައި ރޭ ބޭއްވި ފުލުހުންގެ 40 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތުގައި ނަވީން ވިދާޅުވީ ފުލުހުންގެ ޔުނިފޯމަކީ ހަމައެކަނި ބޭރުފުށުން ފެންނަ ސިފައެއް ނޫން ކަމަށާއި ފުލުހުންގެ ޔުނީފޯމަކީ މަސްއޫލިއްޔަތާއި ޒިންމާތަކާއެކު ކޮނޑުގައި އެޅިފައިވާ ވާޖިބެއްގެ ނިޝާން ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރު އިތުރަށް ވިދާޅުވީ، މަސައްކަތުގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ޕްރޮފެޝަނަލްކަމާއި ހަމަހަމަކަމާއި އިންސާނީ ހައްގުތަކަށް އިހުތިރާމުކޮށް ރައްޔިތުން އިތުބާރުކުރާ ބަޔަކަށް ކޮންމެ ފުލުހަކު ވެސް ވުމަކީ މުޖުތަމައުގެ ބަލަދުވެރިންގެ ސިފައެއް ކަމަށެވެ.
މީގެ އިތުރުން ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށާއި އިސްކަންދޭންވާނީ އަބަދުވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް ކަމަށް ސީޕީ ވިދާޅުވި އެވެ. އަދި ގަޑިއަށް ފަރުވާތެރިވުމާއި ހެދުން އެޅުމުގައި ގެންގުޅޭ ރީތި ސިފަތަކަކީ ދިވެހި ފުލުހުންގެ ސިފަ ދައްކުވައިދޭ ރީތި ސިފައެއް ކަމުގައި ވިދާޅުވި އެވެ.
ދިވެހި ފުލުހުންގެ ޔުނީފޯމަކީ ފެންނަން ހުންނަ ހަމައެކަނި ބޭރުފުށުގެ ސިފައެއް ނޫންކަމަށާއި އެއީ މަސްއޫލިއްޔަތާއި ޒިންމާއާއި އިތުބާރާއެކު ކޮނޑުގައި އެޅިފައިވާ ވާޖިބެއްގެ ނިޝާން ކަމަށް ވިދާޅުވި އެވެ. އަދި މި ނިޝާން އަބަދުވެސް ފުލުހުންގެ ހަނދާނުގައި ބަހައްޓާންވާނެ ކަމަށާއި މި ނިޝާނަށް އިހުލާސްތެރިވާންވާނެ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ.
ސީޕީ ވިދާޅުވީ ހަގީގީ ދުނިޔޭގެ ފުލުހުންގެ ގޮންޖެހުންތަކަށް، ދަސްވެނިވި ހުރިހާ ފުލުހުން ތައްޔާރުކުރެވިފައިވާ ކަމަށާއި ކުށްކުރުމާއި މަސްތުވާތަކެއްޗާއި އިޖުތިމާއީ މައްސަލަތަކާއި ކުއްލި ހާލަތްތަކާ ކުރިމަތިލާންޖެހޭނެ ކަމަށެވެ.
ކެތްތެރިކަމާއި އޯގާތެރިކަން އަދި އަޅާލުމާއި އިންސާފުވެރިކަމަކީ އަވައްޓެރި ފުލުހުންގެ ފަލްސަފާގެ މައިގަނޑު އެއް އަސާސް ކަމަށާއި ދިވެހި ފުލުހުންގެ ޝަރަފުވެރި ބެޖުގެ އިއްޒަތާއި ގަދަރު ހިފަހައްޓާނެކަމުގެ ޔަގީންކަން އޮތްކަމަށް ވެސް ސިޕީ ވިދާޅުވި އެވެ.