ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި އަލަށް ހެދި ޓާމިނަލް ރެޑީ ނުވެގެން ބެންކޮކް އެއާ ވޭސް އިން އެތަން ބޭނުންކުރުން ފަސްކޮށްފި އެވެ.
އެ އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ވަނީ އާ ޓާމިނަލަށް ހުރިހާ އެއާލައިންތަކެއް މި މަހުގެ ތެރޭގައި ބަދަލުކުރަން ނިންމައިފަ އެވެ. އެއާއެކު ތައިލެންޑްގެ ބެންކޮކް އާއި މާލެއާ ދެމެދު ދަތުރުކުރާ ބެންކޮކް އެއާވޭސް ދަތުރުތައް އާ ޓާމިނަލަށް ބަދަލުކުރަން ނިންމާފައި އޮތީ އިއްޔެ އެވެ. ނަމަވެސް އެ އެއާލައިނަށް ޓާމިނަލްގެ އިންތިޒާމްތައް ނުޖެއްސިގެން ބޭނުންކުރުން ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށް އެކަން އަންގައިފަ އެވެ.
މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު ރަސްމީކޮށް ހުޅުވި އާ ޓާމިނަލް މިވަގުތު ބޭންކުން ކުރަނީ މޯލްޑިވިއަންގެ އިތުރުން ރާއްޖެއިން އޮޕަރޭޓްކުރާ ބިޔޯންޑް އެއާލައިން އާއި ޔޫއޭއީގެ ޝާރުޖާގެ އެއާ އަރަބިޔާ، ސްރީލަންކާގެ ފިޓްސް އެއާ، ޗައިނާގެ ޝިއާމެން އެއާލައިންސް އެވެ.
އެމްއޭސީއެލް އިން ކުރިން ބުނެފައިވާ ގޮތުގައި މިމަހުގެ އެއްވަނަ ދުވަހު ބެންކޮކް އެއާވޭސްގެ ދަތުރުތައް ފަށާއިރު، މިމަހުގެ 11 ވަނަ ދުވަހު މެލޭޝިއާގެ ކުއަލަލަމްޕޫރާ މާލެއާ ދެމެދު އޮޕަރޭޓްކުރާ ބަޓިކް އެއާގެ ދަތުރުތައް ވެސް ރާއްޖެއަށް ފަށަން ނިންމާފައިވެ އެވެ. ނަމަވެސް ބަޓިކް އެއާގެ ދަތުރުތަކަށް އާ ޓާމިނަލް ބޭނުންކުރުން ފަސްކުރި ކަމެއް އަދި އެނގިފައެއް ނުވެ އެވެ.
މިކަމާ ގުޅިގެން އެމްއޭސީއެލްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
މުޅިން ތައްޔާރު ނުވެ ވީއައިއޭގެ އާ ޓާމިނަލް ބޭނުންކުރަން ފެށުމުން އެކިއެކި މައްސަލަތައް ދިމާވަމުންދާ ކަމަށް ބުނެ އެ އެއާޕޯޓުގައި މަސައްކަތްކުރާ ރިސޯޓުތަކުގެ ރެޕުން އަންނަނީ ޝަކުވާކުރަމުންނެވެ.
"އެންމެ ބޮޑު އެއް މައްސަލައަކީ ކުރީގެ ޓާމިނަލަށް ވުރެ އާ ޓާމިނަލުން ފަސިންޖަރުންނަށް ނުކުމެވޭލެއް ލަސްވުން. ޗެކިންކޮށް ނިންމަން ވެސް އެހާ ގިނަ ވަގުތު ނަގާ،" މާލެ ކައިރީގައި ހިންގާ ރިސޯޓެއްގެ ރެޕަކު ބުންޏެވެ.
އޭނާ ބުނީ އުއްމީދުކުރީ އާ ޓާމިނަލް ބޭނުންކުރަން ފެށުމުން ކަންކަން އަވަސްވެ، ފަސިންޖަރުންނަށް ފަސޭހަތައް ލިބޭނެ ކަމަށެވެ. ނަމަވެސް އެމްއޭސީއެލްގެ މެނޭޖްމަންޓަށް ކަންކަން ކުރަން ނޭނގުމުން ވަރަށް ގިނަ ކަންތައްތައް ބޮއްސުންލާފައިވާ ކަމަށް އެ ރެޕު ބުންޏެވެ.