ކޭކު އެޅުމަކީ ކުރިން އޭނާ މާގަޔާވާ މަސައްކަތެއް ނޫން. އޭނާގެ ދައްތަ ކޭކު އެޅި ނަމަވެސް އޭނާ އެ މަސައްކަތް ދަސްކުރުމުގެ އެއްވެސް ވިސްނުމެއް އޭރު ނުހުރޭ. ފުރަތަމަ ކަޕް ކޭކު ކޯހަކަށް ދިޔައީ ރައްޓެއްސަކު އެކަނި ފިލުވާލުމުގެ ބޭނުމުގައި. އަމިއްލަ އެދުމެއްނެތި ކުރި މިކަމުގެ ސަބަބުން، ފަހުން ހަޔާތަށް ރަނގަޅު ބޮޑު ބަދަލެއް ގެނެސްދޭނެ ކަމަކަށް އޭނާ ހީކޮށްފައެއް ނުވޭ. ކޯހުގައި އުޅުމުގެ ތެރެއިން ކޭކު އެޅުމުގެ ގިނަ ކަންކަން ދަސްވެ، އެ ކަމަށް ހިތްޖެހެން ފެށި. ހިތްހަމަޖެހޭ ފެންވަރަށް ކޭކުއަޅަން ދަސްވުމުން ފޭސްބުކްގައި ޕޭޖެއް ހުޅުވައި އޯޑަރަށް ކޭކު އަޅަން ފެށި. އަދި ކޭކު ކޯސްތައް ވެސް ހިންގަން ފެށި. އޭނާ އަޅާ ކޭކުތަކަށް ގިނަ ބައެއްގެ ތަރުހީބު އަންނަނީ ލިބެމުން. މި މަސައްކަތުގައި ދެމިހުރުމުގެ އެންމެ ބޮޑު ސިއްރަކީ ދެފަރާތުގެ އާއިލާއިންނާއި ފިރިމީހާ ދޭ އެހީތެރިކަން ކަމަށް އޭނާ ބުނޭ.

އަމިއްލަ އެދުމެއް ނެތި އަނެކާއަށް އެހީތެރިވުމުގައި ލިބޭނެ ގެއްލުމެއް ނެތެވެ. ތިމާގެ ހުންނަ މާތް ސިފަތަކަކީ ދިރިއުޅުމުގައި ކުރިއަށް ދިއުމަށް މުހިންމު ކަމެއްކަން މި ހުނަރުވެރިޔާގެ ވާހަކަތަކުން ސާފުވެ އެވެ.

އަމީނިއްޔާ ސްކޫލުން 1995 ގައި ތައުލީމު ހާސިލުކުރި މަރިޔަމް ޝަބާނާ (ޝަބާ) އެއްއިރެއްގައި ވެސް ކޭކުގެ މަސައްކަތަކަށް ޝައުގުވެރި ކަމެއް ނުހުރެ އެވެ. ގޭތެރޭގައި އޭނާގެ ދޮންތަ، ފާތުމަތު ޝިފާޒާ އެ މަސައްކަތް ކުރާ ތަން އޭނާއަށް ވަނީ ގާތުން ފެނިފައި އެވެ. އެހެން ނަމަވެސް ކޭކުގެ މަސައްކަތަކީ އޭނާ އޭރު އެއްވެސް ވަރަކަށް ކުރާ ހިތްވި ކަމެއް ނޫނެވެ.

އުފަންދުވަހެއް ފާހަގަކުރުމަށް އަޅާފައިވާ ކޭކެއް: ކޭކުއެޅުމަށް ހިތްޖެހުނީ ރައްޓެއްސަކު ބުނި ބުނުމަކަށް ކަޕް ކޭކު ކޯހެއް ހެދިފަހުން

ސްކޫލް ނިމުމަށްފަހު އޭނާ ބޭނުންވީ ޓީޗިންގެ ދާއިރާ ތަޖުރިބާ ކޮށްލުމަށެވެ. އެގޮތުން މާފަންނު ސްކޫލްގައި ޕްރީ ސްކޫލް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ފުރުސަތު ލިބުމުން އެ މަސައްކަތުގައި ދުވަސްކޮޅަކު އުޅުނެވެ. އަދި ވިލިމާލެ ޕްރީ ސްކޫލްގައި ވެސް ހެޑް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރި އެވެ.

ޓީޗިންގެ އިތުރުން ޕްލޭނިން މިނިސްޓްރީ ނުވަތަ މިހާރުގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގައި އެއް އަހަރު ދުވަހު މަސައްކަތް ކުރުމަށްފަހު ދެން އޭނާ ގުޅުނީ ދިރާގާ އެވެ. އަދާކުރީ ކަސްޓަމާ ސާވިސް އެސިސްޓެންޓްގެ މަގާމެވެ. ދިރާގުގައި 5 އަހަރު އުޅުމަށްފަހު ދެވަނަ ދަރިފުޅަށް ބަލިވެއިނުމުން ދެން އޭނާ ނިންމީ ކުދިން ބެލުމަށްޓަކައި ވަޒީފާއިން ކެނޑުމަށެވެ.

ޝަބާގެ ފިރިމީހާ އަދި ތިންކުދިންނާއެކު ފޮޓޯއަކަށް ހުއްޓިލައިގެން: މަސައްކަތް ކުރާއިރު ކުދިން ވެސް އޭނާއަށް ވަރަށް މޮޅު ޚިޔާލުދޭ

އެއަށްފަހު ކުދިންގެ މަސައްކަތުގައި އަވަދިނެތި އުޅެން ފެށި އެވެ. ތިންވަނަ ދަރިފުޅު ވިހެއުމަށްފަހު، އެ ދަރިފުޅަށް ދޮޅު އަހަރުގައި، އޭނާ ކުރިން މަސައްކަތް ކުރަން ވިސްނާފައި ވެސް ނުވާ ދާއިރާއަކަށް ދާން ޖެހުނެވެ. ގާތް އެކުވެރިއެއް ކަމަށްވާ އައިމިނަތު ފަޒީލާ (ފަޒީ) އާއެކު ކަޕްކޭކު ކޯހެއްގައި ބައިވެރިވުމަށް އެދުމުންނެވެ. ފަޒީގެ އެދުމަށް ފުރަގަސް ނުދީ އޭނާ އުފާކޮށްލުމަށް ޝަބާ ނިންމީ އެ ކޯހަށް ދިއުމަށެވެ. އެއީ "ކޭކްސް ބައި ޒުދް" ކަޕްކޭސް ކޯހެވެ.

"އަޅުގަނޑު އެއްވެސް އިރަކު ޝައުގުވެރިކަމެއް ނުހުރޭ ކޭކުގެ މަސައްކަތަކަށް. އެކަމަކު ފަޒީ ކޭކު ކޯހަކަށް އެކަނި ދާން ނުކެރިގެން އޭނާ ބުނި ބުނުމަކަށް އެ ކޯހުގައި އަޅުގަނޑު ބައިވެރިވީ. އެއީ 10 ދުވަހުގެ ކަޕްކޭކު ކޯހެއް،" ޝަބާ ބުންޏެވެ.

ޝަބާ އަޅާފައިވާ ބައެއްކޭކު: މިމަސައްކަތުގައި ދެފަރާތުގެ އާއިލާގެ އެހީތެރިކަން ލިބޭ

ކަޕް ކޭކު ކޯހުގައި އުޅުނުއިރު ކޭކުގެ މަސައްކަތަށް ޝައުގުވެރިކަން އުފެދެން ފެށި އެވެ. ކޭކުގެ އާ ހުނަރު ދަސްކުރަން ބޭނުންވާން ފެށި އެވެ. އިންސްޓްރަކްޓާ ކިޔަވައިދޭ ގޮތް އޭނާއަށް ވަރަށް ކަމުދިޔަ އެވެ. ދެން އެ މަސައްކަތަށް މަޑުމަޑުން ހިތްޖެހެން ފެށި އެވެ. އެ ކޯސް ނިންމާފައި ކަޕް ކޭކް އެޅުމުގައި ދުވަސްކޮޅަކު އުޅުމަށްފަހު ދެން އޭނާ ދަސްކުރަން ބޭނުންވީ ބޮޑެތި ކޭކު އެޅުމަށެވެ. ޔޫޓިއުބް ވީޑިއޯތައް ބަލައިގެން އެ ހުނަރު ދަސްކުރި އެވެ.

ޝަބާ ހަދާފައިވާ ކޭކު، ކަޕްކޭކްސް އަދި ކުކީސް: ކޯހުގައި ބައިވެރިވި ނަމަވެސް ހުނަރު އިތުރުކުރުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރޭ

ފަހުން އޭނާ ވަނީ 2018 ގައި "އެފެކްސް ކޭކްސް" އިން ބޭސިކް ކޭކު ޑެކަރޭޝަން ކޯހެއް ވެސް ފުރިހަމަކޮށްފަ އެވެ. އަދި 2022 ގައި ޝެފް މުޖުތަބާގެ "މައި ކޭކްސް އެންޑް ސްވީޓްސް" ގައި ޕޭސްޓްރީ ކޯހެއް ފުރިހަމަކޮށް އަދި ހަމަ އެތަނުގައި ކޭކް ޑެކަރޭޓް ކުރުމުގެ މަސައްކަތް ކޮށްފަ އެވެ. އޭރު ވެސް އަދި މިހާރު ވެސް އެއްވެސް ކަމެއް އޮޅުންފިލުވަން ވެއްޖެ ނަމަ ޕިންޓްރެސްޓް އަދި ޔޫޓިއުބް ބަލައިގެން އާ ކަންކަން ދަސްކުރާ ކަމަށް ޝަބާ ބުންޏެވެ.

ޚާއްސަ ދުވަހެއް ފާހަގަ ކުރުމަށް އަޅާފައިވާ ދެކޭކެއް: ޝަބާގެ ކޭކުތަކަށް ގިނަބައެއްގެ ތަރުހީބު އަންނަނީ ލިބެމުން

ކޭކުއެޅުން އިތުރަށް ފަރިތަކުރުމަށް ފުރަތަމަ އަމިއްލަ އާއިލާއަށާއި ރައްޓެހިންނަށް އޭނާ ކޭކު އަޅައިދިނެވެ. އޭނާ ހިތްހަމަޖެހޭ ފެންވަރަށް ކޭކުއެޅެން ފެށީ ވަރަށް ގިނަ ދުވަހުގެ މަސައްކަތުން ކަމަށް އޭނާ ބުންޏެވެ. އެއަށްފަހު ފޭސްބުކްގައި "މައި ކޭކްސް އެމްވީ" ކިޔާ ޕޭޖެއް ހުޅުވައިގެން އެ މަސައްކަތް ވިޔަފާރިއަށް ފެށި އެވެ. އޭގެ ސަބަބުން ޝަބާގެ މަސައްކަތް ގިނަ ބަޔަކަށް ތައާރަފްވެ، އެ ޕޭޖަށް ބޮޑު ތަރުޙީބެއް ލިބިގެންދިޔަ އެވެ. "މައި ކޭކްސް އެމްވީ" ޕޭޖަކީ މިއަދު ޓިކްޓޮކްގައި ވެސް ގިނަ ބައެއްގެ ތަރުހީބު ލިބޭ ޕޭޖެކެވެ.

ޝަބާގެ ހުނަރު ދިވެހި ސަގާފީ ކޭކުތަކުން ވެސް ފެނިގެންދޭ: އޭނާ އަމިއްލަ ޑިޒައިން ތަކަށާއި ކަސްޓަމާސްދޭ ޑިޒައިންތަކަށް ދިވެހިވަންތަކޭކު ވެސް ތައްޔާރުކޮށްދޭ

"އޭރު ކޭކު މަސައްކަތަށް ބޭނުންކުރާ އެއްޗެހި ވަރަށް ނުލިބޭ. ބްރިސްލް ބޯޑުން ކޭކުލާ ފޮށި އަދި ބޯޑު ތައްޔާރު ކުރަނީ. އެކަމުގައި ފިރިމީހާގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުން ލިބުނު،" ޝަބާ ކިޔައިދިނެވެ.

ޝަބާގެ ކޭކު ކޯސް: ގިނަ ބަޔަކު އެ މަސައްކަތަށް ނެރެދިން

ލިބުނު ތަރުހީބާއެކު އޭނާ ދެން ގަސްދުކުރީ އެ މަސައްކަތް އިތުރު މީހުންނަށް ދަސްކޮށްދިނުމަށެވެ. އެކަމަށްޓަކައި އެކި އުމުރުފުރާއަށް ވަކިން އޭނާ ކޭކު ކޯސް ހިނގައި ގިނަ ބަޔަކު އެ މަސައްކަތުގެ ތެރެއަށް ނެރުނެވެ.

"ގާތްގަނޑަކަށް 10-12 އަހަރު މިވަނީ މި މަސައްކަތް ކުރާތާ. މިހާރު ވެސް ކަމެއް ނޭނގިއްޖެ ނަމަ ޔޫޓިއުބް ބަލައިލަން. ހުރިހާ ކަމެއް ވެސް ކުރަނީ އެކަނި. އެކަމަކު ބޮޑު އޯޑަރެއް ލިބިއްޖެނަމަ، ފިރިމީހާގެ ދައްތަ އެހީވާން އަންނާނެ. މިސާލަކަށް ބުނާނަމަ އެލައިޑް އިންޝުއަރެންސްގެ އޯޑާތައް ނަގާތާ މިހާރު ދެތިން އަހަރު ވެދާނެ. އެކަހަލަ ބުރަ ދުވަސްދުވަހު އެ ދައްތަގެ އެހީ ވަރަށް ބޮޑަށް ލިބޭ. އޭގެ އިތުރުން އަޅުގަނޑުގެ ފެމިލީއިން ވެސް ވަރަށް އެއްބާރުލުންދޭ. ޚާއްސަކޮށް އަޅުގަނޑުގެ އަންހެން ކޮއްކޮ ފާހަގަކޮށްލަން. އެ ފަރާތްތަކަށް މި ފުރުސަތުގައި ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަދި އަޅުގަނޑުގެ ފިރިމީހާއަށް ވެސް ހިތުގެ އެންމެ ފުންމިނުން އެދޭ އެހީތެރިކަމަށް ޝުކުރު އަދާކުރަން. މި މަސައްކަތުގައި ދެމިހުރެވެނީ ހަމަގައިމު ވެސް އެދޭ އެއްބާރުލުމުގެ ސަބަބުން ކަމަށް ގަބޫލުކުރަން،" މުސްތަގްބަލުގައި ބޭކަރީއެއް ހިންގުމަށް އުންމީދުކުރާ ޝަބާ ބުންޏެވެ.

އެލައިޑް އިންޝުއަރެންސްގެ 36ވަނަ އަހަރީ ދުވަހަކަށް ތައްޔާރުކުރި ކޭކުތަކެއް: އެލައިޑްގެ އަހަރީ ދުވަހަށް ކޭކު ތައްޔާރު ކޮށްދޭއިރު ކުކީސް ވެސް ޝަބާ ހަދައިދޭ

ކޭކުގެ މަސައްކަތަކީ މިއަދު ޝަބާގެ ހިތްހަމަޖެހުން ކަމުގައި ބުނެވިދާނެ އެވެ. ރައްޓެއްސަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ތެރެއިން ވަދެވި ހިތްޖެހުނު މި މަސައްކަތަކީ، ގޭގައި ހުރެގެން ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތެއް ކަމަށ އޭނާ ބުންޏެވެ.