މާލޭ ރައްޔިތުންނަށް ދޭ އެންމެ މުހިންމު އެއް އަސާސީ ހިދުމަތެއް ކަމަށް ވާ ގޭގޭގެ ކުނި ނެގުމަށް ކުރަމުން އަންނަ މަސައްކަތް ހުއްޓުވާލައި ރޭ ވެރިކަން ކުރާ ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާއަށް ބޯގިނަ ކުރަން ވެމްކޯގެ މުވައްޒަފުން ގެންދިޔަކަން އެނގިއްޖެ އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި ރޭ ޕީއެންސީ ޖަލްސާއަށް ވެމްކޯ މުވައްޒަފުން ގެންގޮސްފައިވާއިރު، މާލޭގެ ގޭގެއިން ނަގަން ޖެހޭ ކުނި ހުރީ ނުނަގަ އެވެ.

އެގޮތުން މި ނޫހަށް މައުލޫމާތު ދިން ވެމްކޯ މުވައްޒަފުންތަކެއް ބުނީ ޕީއެންސީ ހަރުގެ ޖަލްސާއަށް ބޯގިނަކުރަން ވެމްކޯ މުވައްޒަފުން ގެންދިޔައީ އެމީހުން ކުރަމުން އަން ކުނި ނެގުމުގެ މަސައްކަތް ހުއްޓުވާލާފައިކަމަށެވެ. އަދި ވަރަށް ގިނަ ގޭގޭގައި ރޭ ކުނި ނުނަގާ ހުރިކަން އޭނާ ފާހަގަ ކުރިއެވެ.

"އަހަރެމެންނަށް މާ ކުރިން ވެސް އަންގާފަ އޮތީ މަސައްކަތް ހުއްޓާލާފަ ޖަލްސާއަށް ދާން. އެހެން ރޭގައި ކުނި ނެގުން ހުއްޓާލާފައި ދިޔައީ ޖަލްސާއަށް" މައުލޫމާތު ދިން ވެމްކޯ މުވައްޒަފުން ކިޔައިދިނެވެ.

ރައްޔިތުންނަށް ދެމުން އަންނަ މުހިންމު އަސާސީ ހިދުމަތެއް ހުއްޓުވާލައި ވެމްކޯ މުވައްޒަފުން ރޭގެ ހަރުގެ ޖަލްސާއަށް ގެންދިޔަ އިރު، އެ ޖަލްސާއަށް މީހުން ގެންދިޔައީ މަޖުބޫރުކޮށްގެންކަން ވަނީ ކަށަވަރުވެފަ އެވެ.

"ހުރިހާ"އާ ވާހަކަދެއްކި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މުވައްޒަފުން ބުނީ ޕީއެންސީ ޖަލްސާއަށް ދިޔުމަކީ މަޖުބޫރުކަމެއް ކަމަށް އެ މީހުންނަށް އޮތީ އަންގާފައި ކަމަށެވެ. އަދި ޕީއެންސީން ޖަލްސާ އޮންނާނެކަން އިއުލާންކުރުމުގެ ކުރިން ބައްދަލުވުންތައް ބާއްވައި ޖަލްސާއަށް ދިޔުމަށް މުވައްޒަފުންނަށް އަންގަމުންދިޔަ ކަމަށް ވެސް ބައެއް މުވައްޒަފުން ކިޔައިދިނެވެ.

"އަޅުގަނޑުމެންގެ ހާޒިރީ ވެސް ބެލި. ވަޒީފާއިން ވަކިވާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން. އެހެންވެ ދިޔައީ،" ރޭގެ ޖަލްސާއަށް ދިޔަ ސަރުކާރު ކުންފުންޏެއްގެ މުވައްޒަފަކު ކިޔައިދިނެވެ.

ރޭގެ ޖަލްސާއަށް ދިޔަ މީހުންގެ ތެރޭގައި ޕީއެންސީގެ މަޖިލިސް މެންބަރުންނާއި އެ ޕާޓީއަށް ނިސްބަތްވާ މާލޭ ސިޓީގެ ކައުންސިލަރުންނާއި ސިޔާސީ މަގާމްތަކުގައި ތިބި މީހުން ވެސް ހިމެނެ އެވެ. އެހާ ގިނަ މުވައްޒަފުން ދިޔުމުން ޖަލްސާ ބޭއްވި ސަރަހައްދު އޮތީ ތޮއްޖެހި ފުރިފަ އެވެ.

ހާޒިރީ ބަލައި މަޖުބޫރުކޮށްގެން ޕީއެންސީގެ ޖަލްސާއަށް ގިނަ މުވައްޒަފުން ގެންދިޔުމަށްފަހު އެ މަންޒަރު ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި އާންމުކޮށް ޕީއެންސީގެ އެކްޓިވިސްޓުން އަންނަނީ އެއީ ރައީސް މުހައްމަދު މުއިއްޒަށް އޮތް ތާއީދު ކަމަށް ބުނަމުންނެވެ.