ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ފުލުހުންގެ އިދާރާ ބޭނުންކޮށްގެން އިދިކޮޅު ސިޔާސީ ފަރާތްތަކާ ދެކޮޅަށް ކެމްޕޭނެއް ފަށާފައިވާތީ، އިދިކޮޅު އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްޑީޕީގެ ރަސްމީ އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އޮކްޓޯބަރު 3، ގައި އެ ޕާޓީން މާލޭގައި ބޭއްވި މުޒާހަރާ އާ ގުޅިގެން މުޒާހަރާގެ ކުރިން އަދި ފަހުން ފުލުހުން ކުރަމުންދާ ތަފާތު އެކި ބިރުދެއްކުމުގެ އަމަލުތައް ކުށްވެރިކޮށްފަ އެވެ.

މިކަންކަން ކުރަނީ ފުލުހުންގެ ތެރެއަށް ސީދާ ގޮތެއްގައި ސިޔާސީ ނުފޫޒު ފޮރުވައިގެން ކަމަށާއި މިއީ އިދިކޮޅު ފަރާތްތަކަށް ބިރުދެއްކުމަށް ރޭވިގެން ކުރަމުންދާ މަސައްކަތެއް ކަމަށް ވެސް އެމްޑީޕީން ތުހުމަތުކޮށްފައިވެ އެވެ.

އެމްޑީޕީން ފާހަގަކޮށްފައިވާ ގޮތުގައި، ބިރުދެއްކުމަށް ފުލުހުން ކުރި ކަންކަމުގެ ތެރޭގައި މުޒާހަރާގައި ބައިވެރިވި އެސްއޯއީ ތަކުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި މުޒާހަރާގައި ބައިވެރިވި އެމްޑީޕީގެ ދެ މެންބަރަކު ސޯސަލް މީޑިއާގައި ކުރި ޕޯސްޓުތަކަކާ ގުޅިގެން އެ މީހުންގެ ފޯނު ފުލުހުން އަތުލުމާއި މުޒާހަރާއިން ހައްޔަރުކުރި ހަ މީހެއްގެ ބަންދަށް 15 ދުވަސް ޖަހައި ބަންދުގައި ބޭތިއްބުން ހިމެނެ އެވެ.

އެމްޑީޕީން ބުނީ މިއީ ރޭވިގެން އިދިކޮޅު ފަރާތްތަކަށާއި ރައްޔިތުންނަށް ބިރުދެއްކުމަށް ހިންގަމުންދާ ކެމްޕޭނެއް ކަމަށާއި މިކަމުން ދޭހަވެގެން ދަނީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރު ފެއިލް ވެފައިވާ ކަމާއި ރައްޔިތުން ތާއީދު ގެއްލެމުންދާކަން ކަމަށެވެ.

"އިންޒާރުތަކާއި ބިރުދެއްކުން މީގެ ކުރިން ވެސް ރައްޔިތުން ނުސިހުނު، ދެން ވެސް ނުސިހޭނެ. ރައްޔިތުންގެ އަޑު ކަނޑައެއް ނުލެވޭނެ،" އެމްޑީޕީން ކުރި ޕޯސްޓުގައި ބުނެފައިވެ އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ މުޒާހަރާތަކުގައި ބައިވެރިވާ މީހުންނަށް ބިރުދެއްކުމުގެ ގޮތުން ކަމަށް ބުނެފައިވެ އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ މުޒާހަރާތަކުން ހައްޔަރު ކުރާ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށް ހެދުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގެ ފެނުނު ކަންކަން ކަމަށެވެ.

އޭނާ ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުން ހުއްޓުމަކަށް ގެނައުން، އެއީ މި ސަރުކާރުގެ އެންމެ ބޮޑު ރިޔާސީ އެއް ވައުދު ކަމަށާއި ނަމަވެސް ފެނިގެން ދަނީ އެ ވައުދު ނުފުއްދާ ހިތުހުރި ގޮތަކަށް ކަންކަން ކުރަމުން ގެންދާތަން ކަމަށެވެ.