ސައޫދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒާއި ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ ފަރާތްޕުޅުން ޖުމްލަ 7.9 އެމެރިކާ ޑޮލަރުގެ ސަދަގާތެއް ކުރައްވައިފި އެވެ.

އެ ގައުމުގެ އިހްސާން ޕްލެޓްފޯމަ މެދުވެރިކޮށް ކުރެއްވި މި ސަދަގާތުގައި ރަސްގެފާނު 5.3 މިލިއަން ޑޮލަރު ހަދިޔާ ކުރެއްވި އިރު ވަލީ އަހުދު ދެއްވީ 2.6 މިލިއަން ޑޮލަރެވެ.

ސައޫދީ އަރަބިއާ އިން ވަނީ ރަމަޟާން މަހު އެ ގައުމުގެ ރައްޔިތުން ސަދަގާތް ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން އިހްސާން ޕްލެޓްފޯމްގައި ގައުމީ ފެންވަރުގެ ކެމްޕެއިނެއް ހުކުރު ދުވަހު ފަށާފަ އެވެ.

އިހްސާން ޕްލެޓްފޯމަކީ އެގައުމުގެ ސައޫދީ ޑޭޓާ އެންޑް އިންޓެލިޖަންސް އޮތޯރިޓީގެ ދަށުން ބޭނުން ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދީ ސަދަގާތް ބެހުމުގެ މަގުސަދުގައި ހިންގާ ޕްލެޓްފޯމެކެވެ.

އެއޮތޯރިޓީގެ ޗެއާޕާސަން ޑރ. އަބްދުﷲ ބިން ޝަރަފް ބިން ޖާމަން އަލްޣަމްދީ ވަނީ ރަސްގެފާނާއި ވަލީ އަހުދުގެ ދީލަތި އެހީފުޅު ފާހަގަ ކުރައްވާ ޝުކުރު ދަންނަވާފަ އެވެ.

ރަމަޟާން މަހަކީ ސަދަގާތް ކުރުން އިތުރުކޮށް ފަގީރުންނާއި މިސްކީނުންނަށް އެހީވުން ގިނަކުރުމަށް އިސްލާމް ދީނުގައި އަންގަވާފައި ވާ މަހެކެވެ. -- އަލް އަރަބިއްޔާ