ރާއްޖޭގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ޑޮލަރު ލިބުން ދަތިވެ، ބޭރަށް ފައިސާ ފޮނުވޭ ލިމިޓު ދަށްކުރުމުން، ރާއްޖޭގައި ވަޒީފާ އަދާކުރާ އިންޑިއާގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ދިވެހި ސަރުކާރާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނެފި އެވެ.

ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ޑޮލަރު ލިބުމުގެ ދަތިކަމާ އެކު، ބޭރަށް ފައިސާ ފޮނުވަން އެސްބީއައި އިން ދެމުން އައި 400 އެމެރިކާ ޑޮލަރުގެ ލިމިޓު 150 އެމެރިކާ ޑޮލަރަށް ދަށްކުރިކަން އެ ބޭންކުގެ ކަސްޓަމަރުންނަށް އަންގާފައިވާ ކަމަށެވެ.

ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާގެ ރައްޔިތުންގެ ތެރެއިން ރުފިޔާ އިން މުސާރަ ލިބޭ މީހުންނަށް އޭގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިވާނެ ކަމަށް ހައި ކޮމިޝަންގެ ބަޔާނުގައި ބުންޏެވެ.

އެހެންކަމުން އެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލު ކުރުމަށްޓަކައި، ދިވެހި ސަރުކާރާއި އިންޑިއާގެ ކަމާގުޅޭ އިދާރާތަކާ އެކު މަޝްވަރާތައް މިހާރު ފަށާފައިވާ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ތައާރަފުކުރި ޔޫޕީއައި ހިދުމަތާއި ރޫޕޭ ކާޑު އަދި އިންޑިއާ ރުޕީސް އިން ރާއްޖޭގައި އެކައުންޓު ހުޅުވޭ އިންތިޒާމުތައް މެދުވެރިކޮށް، މި މައްސަލައަށް ހައްލެއް ލިބޭތޯ ވެސް އަންނަނީ މަޝްވަރާކުރަމުންނެވެ.

މި މައްސަލައަށް ހައްލެއް ލިބެންދެން، ރެމިޓެންސް ޕްލޭން ކުރުމާއި އެމެރިކާ ޑޮލަރުން މުސާރަ ދިނުން އެދުމާއި އެސްބީއައި އަދި އިންޑިއާ ސަރުކާރުން މިކަމާ ގުޅިގެން ހިއްސާ ކުރާ މައުލޫމާތުތައް ގަވާއިދުން ހޯދައި ބެލުމަށް ހައި ކޮމިޝަނުން ވަނީ ރާއްޖޭގައި އުޅޭ އިންޑިއާގެ ރައްޔިތުންނަށް އިލްތިމާސް ކޮށްފަ އެވެ.