މި ދަނޑިވަޅުގައި ވަޒީފާ ދޭންވާނީ ވޯޓު ހޯދޭނެ ބޮޑެތި އާއިލާތަކަށް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ކަމަށް ފޭދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ދީދީ ވިދާޅުވެއްޖެ އެވެ.

އައްޑޫ ފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވައި އައިބީ ވިދާޅުވީ ވަޒީފާދޭއިރު، ވޯޓު ހޯދޭނެ ބޮޑެތި އާއިލާތަކަށް ވަޒީފާ ހަމަޖައްސަން ރައީސް މުއިއްޒު އަންގަވާފައިވާ ކަމަށެވެ.

"ވަޒީފާގެ ވާހަކަ ދެއްކީމަ ރައީސް ވިދާޅުވި ވާހަކައެއް މި ބުނަނީ. އަޅުގަނޑުމެން ވެސް ވަރަށް ވިސްނަން ޖެހޭނެ މި ރަށުން ވެސް ވަޒީފާއެއް ދޭން ވާހަކަ ދައްކާއިރު. ވިދާޅުވީ ފަހުން ވަޒީފާތައް ދޭނީއޭ ތިބުނާ މީސްމީހުންނަށް. މިހާރު މިއޮތީ އިންތިހާބު ބޯމަތިވެފައޭ. މިހާރު އަހަރުމެން ކައިރިއަށް އައިސް ވަޒީފާއަށް ނުބުނައްޗޭ އެކަކު ވެސް. ސިންގަލް މީހެއްގެ ވާހަކަ،" އައިބީ ވިދާޅުވި އެވެ.

ނުފޫޒު ނުފޯރުވޭވަރުގެ މީހުންނަށް ރަށުން ވަޒީފާ ދިނުމުން އެ މީހަކަށް އިތުރު ވޯޓެއް ވެސް ނުހޯދި، ބޭކާރު ވަޒީފާއަކަށް ވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ މީހަކަށް ވަޒީފާއެއް ދޭ މީހެއްގެ ވަށައިގެން އަހަރުމެން ކުރަން މި އުޅޭ މަސައްކަތުގެ ޓީމެއް އޮންނަން ޖެހޭނެއޭ. އޭނަގެ މުޅި އާއިލާ މީހުންނާއި އެ މީހަކު ބުނާ ގޮތަކަށް ކަންތައްތައް ކުރާނެ ވަރުގެ ވަރުގަދަ މީހުންނަށް ކަންތައްތައް ކޮށްދޭށޭ މިދަނޑިވަޅުގައި،" އައިބީ ވިދާޅުވި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ފޭދޫ ވަކިވުމަށް ވޯޓު ހޯދުމަށް އައިބީ އިސްވެހުރެ ފޭދޫގައި އަންނަނީ ކެމްޕޭނެއް ކުރަމުންނެވެ. އެ ކެމްޕޭންގައި އޭނާގެ ދަރިކަލުން، ހޯމް މިނިސްޓަރު އަލީ އިހްސާން ވެސް އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.

އައްޑޫ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު އޮންނާނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.