ކޮންމެ ބަޔަކު ފށާޑުކިޔަސް އަދި ހިތްހަމަ ނުޖެހުނަސް ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުވާ ކޮންމެ ބިލެއް ވެސް ފާސްކުރަމުން ގެންދާނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ހައްދުންމައްޗަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހޯމަ ދުވަހުގެ ރޭ އެ އަތޮޅު ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް ވިދާޅުވީ އޭނާ ޕޯޑިއަމް ކައިރީގައި ހުންނެވީ ފޮނަދޫ ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން ކަމަށެވެ.
"ދެ ހައިސިއްޔަތު ވެސް އޮތީމާ ދަންނަވާލަން ބޭނުންވަނީ މަޖިލީހުގެ ތެރެއިން ރައީސް މުއިއްޒުގެ ސަރުކާރު ހިންގެވުމަށް ބޭނުންވާ އެއްވެސް ކަމެއްގައި ކުޑަ ވެސް ފަސްޖެހުމެއް ނޯންނާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ މެންބަރުން ތިބީ ފިސާރި ކެރިގެން، ރައްޔިތުންގެ އުއްމީދުގައި ކުލަޖެޖެއްސުމަށް ތައްޔާރަށް ކަމަށެވެ. އަދި ރައީސް މުއިއްޒު ފޮނުއްވާ ކޮންމެ ބިލަކީ ގައުމަށް، ރައްޔިތުންނަށް އޭގެ ލާބައާއި މަންފާ އޮތް ބިލެއްކަން ޔަގީން ކަމަށާއި، އެ ބިލެއް ފާސްކުރުމުގައި މަޑުޖެހުމެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
"ފާޑުކިޔާ ބަޔަކު ފާޑުކިޔަންވީ. އެކަމާއި ވާހަކަ ދައްކާނެ ބަޔަކު ވާހަކަ ދައްކަންވީ. އެކަމަކު ރައްޔިތުންގެ އަޣުލަބިއްޔަތު އޮތީ ރައީސް މުއިއްޒުއާ އެކީގައި. އެހެންވީމަ ރައްޔިތުންގެ އަޣުލަބިއްޔަތުން ނިންމާ ނިންމުމަކަށް މައިނޯރިޓީ ޖެހޭނީީ ތަބާވާން. އެއީ ޑިމޮކްރަސީއަކީ." އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލިސް މިހާރު ހިންގަމުންދަނީ ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުންނެވެ. ގާނޫނު އަސާސީއަށް ގެނައި އިސްލާހާއެކު ޕީއެންސީގެ މެންބަރުންގެ ގޮނޑި ގެއްލިދާނެކަމުގެ ބިރާއެކު މަޖިލިސް ކުރިއަށް ގެންދަނީ ސަރުކާރުން ބޭނުންވާ ގޮތަށެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވި އިރު، ގާނޫނޫ އަސާސީ އަށް ގެނައި ބަދަލުތައް ގެނައުމުގަ އާއި ބިލުތައް ފާސްކުރުމުގައި ރައްޔިތުންގެ ކަންބޮޑުވުން އިންތިހާ އަށް ހުރި ކަންކަމުގައި އެއްވެސް ފަރުވާލެއް ބެހެއްޓުމެއް ނެތި މަޖިލީހުން ގެންދަނީ ހަލުއި ސްޕީޑުގައި ސަރުކާރުން ހުށަހަޅާ ގޮތައް ބިލްތައް ފާސް ކުރަމުންނެވެ.