މީގެ 30 އަކަށް އަހަރު ކުރިން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ޗައިނާ ސަރުކާރުގެ އެހީގައި އިމާރާތްކުރި ސިނަމާލެ ފުލެޓުތަކުގެ އިމާރާތް ބާވެ އެތަނުގެ ފާރުތައް ފީވެގެން ވެއްޓެން ފަށައިފި އެވެ.
ސިނަމާލެ ފްލެޓްތައް ހަލާކުވެ އެތަނުގެ ފާރުތަކަށް ވެފައިވާ ގެއްލުންތައް ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯތައް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ އާއި ވީޑިއޯތަކަށް ބަލާއިރު، ފެންނަނަނީ ވަރަށް ބިރުވެރި މަންޒަރުތަކެވެ. އެ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި އަމީނީމަގާއިވީ ފަޅީގައި ހުންނަ ސިނަމާލެ ފްލެޓުގެ އިރުމަތީ ފާރުން ބައެއް މިހާރު ވެސް ވަނީ ވެއްޓިފަ އެވެ.
ސިނަމާލެ ފްލެޓްތަކުގެ ފާރުތަކުގެ ގާތައް ވެއްޓިފައި ވަނީ އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގެ މައްޗަށެވެ. އެކަމުގެ ސަބަބުން ބައެއް ސައިކަލްތަކަށް ގެއްލުންތަކެއް ލިބިފައިވާކަން ވީޑިއޯއިން އެނގެ އެވެ.
ސިނަމާލެ ފްލެޓުތަކުގެ ފާރުތައް ބެއްޓޭ މަންޒަރު ދައްކުވައިދޭ މި ވީޑިއޯތައް ހިއްސާކޮށް ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ހިތާމަވެރި ހާދިސާއެއް ދިމާވުމުގެ ކުރިން އެ ފުލެޓުތަކުގައި ދިރިއުޅޭ އާއިލާތަކަށް ރައްކާތެރިކަން ދިނުމަށް ގޮވާލާފަ އެވެ.
އެެ ފަރާތްތަކުން ބުނީ އެއީ އަޅާނުލައި ދޫކޮށްލައިގެން ތިބެން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށާއި އެއީ ބިރުވެރިކަމެއް ކަމަށެވެ. އަދި އެކަމުން އެ ފްލެޓުތަކުގައި އުޅޭ އާންމުން ދިރިއުޅޭނެ އެހެން ގޮތެއް ހޯދައިދޭން ޖެހޭ ކަމަށް ވެސް އެ ފަރާތްތަކުން ވަނީ ބުނެފަ އެވެ.
"ފްލެޓްތައް ބާވެ ވީރާނާވާއިރު ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ވެސް އެކަން ގެނެވިއްޖެ. ތަކުރާރުކޮށް އެންގިއްޖެ. އެހެން ނަމަވެސް އަދި އަމަލީ ގޮތުން އެއްވެސް ކަމެއް ނުކުރޭ. މިއީ ހަގީގަތުގައި ވެސް ވަރަށް ބިރުހުރި ނުރައްކާ ކަމެއް،" އެ ސިންމާލެ ފްލްޓުގައި ދިރިއުޅޭ މީހަކު ބުންޏެވެ.
90ގެ މެދުތެރޭގައި ބިނާކުރި އެތަން ވަނީ ވަރަށް ބޮޑަށް ބާވެ ވީރާނާވެ، ދިރިނޫޅެވޭ ވަރުވެފަ އެވެ. ސިނަމާލެ އަދި މާލެ ހިޔާގެ ފަސް އިމާރާތުގައި ގާތްގަނޑަކަށް 128 ޔުނިޓު ހުރިއިރު, އެތަނުގައި އެތައް ސަތޭކަ އާއިލާއެއް މިހާރު ވެސް ދިރިއުޅުމެންދެ އެވެ.
މި މައްސަލަ ހައްލުކުރުމަށް މިހާރުގެ ރައީސް މުހައްމަދު މުއިއްޒު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު، ފްލެޓުތައް ތަޅާލައި އަލުން ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ދެ ފިޔަވައްސަކަށް ބަހާލައިގެން 1,500 ހައުސިން ޔުނިޓު ގާއިމު ކުރުމުގެ މަޝްރޫއުއެއް 2023 ގެ ކުރީކޮޅު މާލެ ސިޓީ ކައުންސިލުން އިއުލާނުކުރި އެވެ.
އެކަމަށްޓަކައި ސިޓީ ކައުންސިލުން ވަނީ އެ މަސައްކަތް ކުރުމަށް ޑިވެލޮޕާ ފައިނޭންސް މޮޑެލުގެ ދަށުން އިންވެސްޓަރުން ހޯދުމަށް އޭރު އިއުލާނު ވެސް ކުރި އެވެ. ނަމަވެސް އެ މަޝްރޫއުގައި އަމަލީ ކުލަ ޖެހޭ ގޮތް އަދިވެސް ނުވެ އެވެ.
އޭރު ސިޓީ ކައުންސިލުން ޕްލޭންކުރީ ފުރަތަމަ ފިޔަވަހީގެ ދަށުން ފަސް ޓަވަރުގައި 700 ހައުސިން ޔުނިޓު ގާއިމުކުރުމަށެވެ. އަދި, ދެވަނަ ފިޔަވަހީގައި އަޅާ ފަސް އިމާރާތުގައި 800 ޔުނިޓު އިމާރާތް ކުރަން މުއިއްޒުގެ މޭޔަރު ކަމުގައި އިއުލާނުކުރި މަޝްރޫއުގައި ހިމަނާފައިވެ އެވެ.
މި ޕްލޭނަށްފަހު ނިމިދިޔަ އެމްޑީޕީ ސަރުކާރުން 2023 ގެ ފަހުކޮޅު ސިނަމާލެ އަދި އެހެން ބައެއް ފްލެޓުތައް ދޫކޮށްލަން ބޭނުންވާ މީހުންނަށް ސަރުކާރުގެ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓު އަދި ބިމަށް ކުރިމަތިލެވޭނެ ކަމަށް ބުންޏެވެ.
އެހެން ނަމަވެސް، އެ ދެ ސްކީމުގެ މައްސަލަ ބޮޑުވެ ފުރަތަމަ ބުރުގައި ފުލެޓު ލިބުނު މީހުންނަށް ވެސް އަދި ފުލެޓު ދޫނުކުރެވެ އެވެ.
ޑާކްރެއިންއާއެކު "އަލްވަދާއު" ކިޔަން ތައްޔާރުތަ؟
ވޯޓުގެ ސަބަބުން ރުޅިވެރިކަން އިތުރުވިޔަދީގެން ނުވާނެ: ނަޝީދު
ޖަސްޓިންއާއެކު އިތުރު ދަރިން ހޯދަން ބޭނުން: ހެއިލީ