ޓްރީޓޮޕް ހޮސްޕިޓަލުން ވިލާ ކޮލެޖާ ގުޅިގެން ނަރުހުން ތަމްރީން ކުރަން ހަތަރު ސްކޮލަޝިޕްގެ ފުރުސަތު މިއަދު ހަވާލުކޮށްފި އެވެ.
ސްކޮލަޝިޕް ފުރުސަތު ލިބުނު ހަތަރު ކުދިންނަށް ސްކޮލަޝިޕް ހަވާލުކުރީ ޓްރީޓޮޕްގައި މިއަދު އޮތް ރަސްމިއްޔާތެއްގަ އެވެ.
ނާސިން ދާއިރާއިން ސްކޮލަޝިޕް ފުރުސަތު ލިބުނީ އައިޝަތު ނައުސީން، މަލިކާ ހަމީދު، މަރިޔަމް މަލަކު މުހައްމަދު އަދި ރަޒަން ހަލީމް އެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ކޮންމެ އަހަރަކު ދޭ ނާސިން ސްކޮލަޝިޕް ޕްރޮގްރާމަށް މިއަހަރު ވެސް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގަ އެވެ.
އެ ސްކޮލަޝިޕް ޕްރޮގްރާމަކީ 2021 ވަނަ އަހަރުން ފެށިގެން ވިލާ ކޮލެޖާ ގުޅިގެން ކުރިއަށްގެންދާ، ނަރުހުންގެ ދާއިރާއިން ޒުވާން ދިވެހި މަސައްކަތްތެރިން އުފެއްދުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 19 ދަރިވަރަކަށް ސްކޮލަޝިޕް ދީފައިވާ އިރު، އޭގެ ތެރެއިން ހަތް ނަރުހަކު މިހާރު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވަޒީފާ އަދާކުރަމުން ގެންދެ އެވެ. މިއަހަރު ވެސް ޑިޕްލޮމާ އިން ނާސިން އަދި ބީއެސްސީ އިން ނާސިން ކޯސްތަކަށް ސްކޮލަޝިޕް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގެ ހިދުމަތުގައި އެންމެ ގިނަ މުވައްޒަފުން ހަރަކާތްތެރިވާ އެއް ދާއިރާއަކީ ނަރުހުންގެ ދާއިރާ އެވެ. ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ ނަރުހުންނަކީ ސިއްހީ ހިދުމަތުގައި މުހިންމު ދައުރެއް އަދާކުރާ ބައެއްކަމުން، ހޮސްޕިޓަލުގެ ހިދުމަތްތައް ފެށުމާއެކު ނަރުހުންގެ ހިދުމަތް އަދި ހާއްސަކޮށް ސްޕެޝަލިސްޓް ނަރުހުންގެ ހިދުމަތް ފުޅާކުރުމަށް ހުއްޓުމެއްނެތި މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
މިއަދު އޮތް ރަސްމިއްޔާތަށް ފަހު އޯނާސް ރިޕްރެސެންޓޭޓިވް ސަރާ ވިދާޅުވީ ސްކޮލަޝިޕް އަށް ސިލެކްޝަން ހެދުމުގައި ވަރަށް ކޮމްޕެޓިޓިވްވި ކަމަށާއި ސްކޮލަޝިޕްގެ ސަބަބުން އެ ކުދިންނަށް ދަސްވާ ކަންކަމުގެ ބޭނުން ރަނގަޅު ގޮތުގައި ހިފާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
ޓްރީޓޮޕްގެ ސީއީއޯ ސްރިވާޓްސަން ސްރިދާރު ވިދާޅުވީ ނަރުހުން ތަމްރީން ކުރުމުގެ ޕްރޮގްރާމަކީ މީހުން ބިނާ ކުރުމަށް ކުރާ އިންވެސްޓެއް ކަމަށާއި އެގޮތުން ސްކޮލަޝިޕް ފުރިހަމަ ކުރާ ދަރިވަރުން ރާއްޖޭގައި ހިދުމަތް ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ސިއްހީ ހިދުމަތް ދެމުން އަންނަ ޓްރީޓޮޕުން އަންނަނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މުޅިން އާ ހިދުމަތްތައް ތައާރަފް ކުރަމުންނެވެ. އަދި އެ ހޮސްޕިޓަލުން އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގައި ހެލްތު ކޭމްޕްތައް ބާއްވައި ގިނަ ރައްޔިތުންނަށް ހިދުމަތްތައް ދެމުންނެވެ.
އަނިޔާއާއެކު ވެސް އައްޒަ މަސައްކަތައިގެން ކުރިއަށް!
މީޑިއާ ކޮންޓްރޯލް ކޮމިޝަނުގެ ރައީސްކަމަށް ފަރުޝަތު
"އަލްވަދާއު"ގެ އޮންލައިން ބުކިންގްއަށް ހުޅުވާލައިފި