ޕާކިސްތާނުގެ ޝޯއެއް ކަމަށްވާ "ޖޯ ބަޗޭ ހޭ ސަންގް ސަމޭޓް ލޯ" އިންޑިއާގައި ސްޓްރީމް ކޮށްފިނަމަ އަންނަ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެން ނެޓްފްލިކްސްގެ ހުރިހާ ޝޫޓިންއެއް ހުއްޓުވާލާނެ ކަމަށް އިންޑިއާގެ ފިލްމު މަސައްކަތްތެރިންގެ މައި ޖަމިއްޔާ، ފެޑެރޭޝަން އޮފް ވެސްޓާން އިންޑިއާ ސިނޭ އެމްޕްލޯއީޒް (ފްވައިސް)އިން އިންޒާރު ދީފި އެވެ.

އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޕާކިސްތާނުގެ ސިނަމާތަކުގައި އިންޑިއާގެ ފިލްމުތައް ރިލީޒްކޮށް ދެއްކުމުގެ ހުއްދަ އެ ގައުމުން ނުދޭއިރު، ޕާކިސްތާނުގެ އުފެއްދުންތައް އިންޑިއާގެ ޕްލެޓްފޯމްތަކުގައި ދެއްކުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މިއީ އިންޑިއާގެ ފަންނާނުންނާއި ފިލްމީ ދާއިރާގެ މަސައްކަތްތެރިންގެ ހައްގުތަކަށް އުނިކަން އަންނާނެ ކަމެއްގެ ގޮތުގައި އެ ޖަމިއްޔާއިން ސިފަކުރެ އެވެ.

ފްވައިސްއިން ބުނި ގޮތުގައި، ގައުމީ މަސްލަހަތު އިސްކުރުމުގެ ގޮތުން ނެޓްފްލިކްސް އިން މި ނިންމުން ބަދަލުކުރަން ޖެހެ އެވެ.

އެ ޝޯ އިންޑިއާގައި ދެއްކުމަށް ނިންމައިފި ނަމަ، ޑިސެމްބަރު 5 އިން ފެށިގެން އިންޑިއާގެ އެއްވެސް ސަރަހައްދެއްގައި ނެޓްފްލިކްސްގެ އެއްވެސް ފިލްމެއް ނުވަތަ ސީރީޒެއްގެ ޝޫޓިން ކުރިއަށް ގެންދިޔުމަށް އެ ޖަމިއްޔާގެ މެންބަރުން އެއްބާރުލުން ނުދޭނެ ކަމަށާއި، މަސައްކަތްތައް އެއްކޮށް ހުއްޓުވާލާނެ ކަމަށް ވަނީ ބުނެފަ އެވެ.

"ޖޯ ބަޗޭ ހޭ ސަންގް ސަމޭޓް ލޯ" އަކީ ޕާކިސްތާނުގެ މަޝްހޫރު ގިނަ ތަރިންތަކެއް ހިމެނޭ ބޮޑު ޕްރޮޖެކްޓެކެވެ. ނަމަވެސް ފްވައިސްއިން ދިން މި އިންޒާރާ ގުޅިގެން ނެޓްފްލިކްސްގެ ފަރާތުން އަދި ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

މި މައްސަލައާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައި ބޮލީވުޑްގެ އުފެއްދުންތެރިންނާއި ނެޓްފްލިކްސްއާ ދެމެދު މަޝްވަރާތަކެއް ކުރިއަށް ދާނެ ކަމަށް ބެލެވެ އެވެ.