ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު 1، އިން ފެށިގެން ޖޫން 30، ގެ ނިޔަލަށް އަހަރަކު ޖުމްލަ ހަތް މަސްދުވަހަށް ކަމަށް ފިޝަރީޒް މިނިސްޓްރީ އިން ކަނޑައަޅައިފި އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް އިއްޔެއިން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަން ފިޝަރީޒް މިނިސްޓްރީން ވަނީ ހުއްދަކޮށްފަ އެވެ.
ނަމަވެސް އެ މަސްވެރިކަން ކުރެވޭނީ ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގުމުގެ ގަވާއިދާއި ކަށިމިޔަރު މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭނާ އެއްގޮތްވާގޮތުގެމަތިންނެވެ. އެ ގަވާއިދާއި ޕްލޭން މިނިސްޓްރީން މިހާރު ވަނީ އާންމުކޮށްފަ އެވެ.
މިޔަރުގެ މަސްވެރިކަން ރާއްޖޭގައި މަނާކޮށްފައި އޮންނަތާ 15 އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.
ރާއްޖޭގެ ކަނޑުން ގިނަ އަދަދެއްގެ މިޔަރު ފެންނަ މަންޒަރު ބަލާލަން ދިޔުމަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ވަރަށް ގަޔާވާ ކަމެކެވެ.
ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ހުއްދަކޮށްފައި މިވަނީ އެކަން ނުކުރުމަށް ތިމާވެށި ހިމާޔަތްކުރަން މަސައްކަތް ކުރާ ގިނަ އަދަދެއްގެ ޖަމިއްޔާތަކުން ރައީސް މުއިއްޒަށް ގޮވާލަމުންދާ ދަނޑިވަޅެއްގަ އެވެ.
ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ހުއްދަ ކުރުމުން ފަތުރުވެރިކަމަށް އޭގެ ނުރަނގަޅު އަސަރު ކުރާނެ ކަމަށް ތިމާޔަވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ ޖަމިއްޔާތަކާއި ސައިންޓިސްޓުންނާއި ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ކަށިމިޔަރީ ދުނިޔެއިން ނެތިދިޔުމުގެ ބިރު ވެސް ހީވެފައި އޮތް ބާވަތެކެވެ. ކަށި މިޔަރުގެ ބިސް އުފެދޭ ހިސާބުން ފެށިގެން ވިހެއުމާ ހަމައަށް ދެ އަހަރު ނަގަ އެވެ. އެހެންކަމުން ކަށިމިޔަރު ރާއްޖެއިން ނެތި ދިޔުމުގެ ބިރު މިހާރު މިވަނީ ބޮޑުވެފަ އެވެ.
ހަނދާން ނެތޭ ބަލި ފެށެނީ ފައިން؟
އުނގުމަތީގައި ލެޕްޓޮޕް ނުބަހައްޓާތި!
