ފަލަސްތީނުގައި އިޒްރޭލުން ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާއާ ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އެ ގައުމުގެ އިސް އޮފިޝަލުން ހައްޔަރުކުރުމަށް ތުރުކީން އަމުރު ނެރެފި އެވެ.

ތުރުކީން ނެރުނު އަމުރުގައި އިޒްރޭލުގެ 37 އޮފިޝަލެއް ހިމެނެ އެވެ. އޭގެތެރޭގައި އެގައުމުގެ ދިފާއީ ވަޒީރު، ސަލާމަތާބެހޭ ވަޒީރު އަދި އިޒްރޭލު އަސްކަރިއްޔާގެ ވެރިޔާވެސް ހިމެނެ އެވެ.

ތުރުކީގެ ޕީޖީ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާއާ ދެކޮޅަށް އިޒްރޭލުން ކުރި ހަނގުރާމައިގައި ނަސްލު ނައްތާލުމާއި އިންސާނިއްޔަތާ ދެކޮޅު ޖަރީމާތަށް ހިންގި ކަމުގެ ތުހުމަތު އިޒްރޭލުގެ ވެރިންގެ މައްޗަށް ކުރާ ކަމަށެވެ.

ވަކިވަކި ބައެއް ކަންކަންވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން 2023 ގައި އަލް އަހުލީ ބޭޕްޓިސްޓް ހޮސްޕިޓަލަށް ދިން ހަމަލާގައި 500 މީހުން މަރާލުމާއި، ފެބްރުއަރީ 2024 ގައި އިޒްރޭލު ސިފައިން ގަސްތުގައި ޣައްޒާގެ ސިއްހީ ސާމާނު ނައްތާލައި ޣައްޒާ ހިސޯރުކުރުން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން އަނިޔާ ލިބުނު މީހުންނަށް އިންސާނީ އެހީ ދިނުމަށް އިޒްރޭލުން ހުރަސްއެޅުމާއި ޓާކީ ޕަލަސްޓައިން ފްރެންޑްޝިޕް ހޮސްޕިޓަލް އަށް މާޗް މަހު ދިން ހަމަލާވެސް އަމުރުގައި ހިމަނާފައިވެއެވެ.

ހަމާސް އިން ތުރުކީގެ މި އަމުރަށް މަރުހަބާ ކިޔާފައިވާއިރު، އިޒްރޭލުން ބުނަނީ ތުރުކީގެ އަމުރަކީ ޕީއާރް ސްޓަންޓެއް ކަމަށެވެ.

މީގެ ކުރިން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީން) ވެސް ވަނީ ނަތަންޔާހޫއާއި އިޒްރޭލުގެ ކުރީގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ހައްޔަރުކުރުމަށް އަމުރެއް ނެރެފަ އެވެ.