ލޯކަލް ކައުންސިލްތަކުގެ ކުރިއަށް އޮތް އިންތިހާބާ ގުޅިގެން، ކައުންސިލުތަކާއި ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ގެންނަން ރާވާ ބަދަލުތައް ހާމަނުކުރާތީ އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިންތިހާބު ބޭއްވުމަށް ވަގުތު ކުޑަތަންވަމުން އަންނައިރުވެސް، ބަދަލުތަކާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކާ މަޝްވަރާކޮށްފައި ނުވާތީ، އިންތިހާބުގައި ވާދަކުރާ ފަރާތްތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

އެމްޑީޕީން ބުނިގޮތުގައި، ލޯކަލް ކައުންސިލްތަކުގެ ކުރިއަށް އޮތް އިންތިހާބާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށާއި، މަޝްވަރާކުރުމަށް މި މަހުގެ 12 ވަނަ ދުވަހު އެ ޕާޓީން ވަނީ އިލެކްޝަންސް ކޮމިޝަނާ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި، ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެންނަން ރާވާ ބަދަލުތަކަކީ ކޮބައިކަން އިލެކްޝަންސް ކޮމިޝަނަށް ވެސް އަންގައިފައިނުވާކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އަދި އެ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލާމެދު އެ ކޮމިޝަނުގެ އެއްވެސް މަޝްވަރާއެއް ހޯދައިފައި ނުވާކަމަށްވެސް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ކައުންސިލުތައް އެކުލެވިގެންވާ ގޮތާއި، ކައުންސިލަރުންގެ އަދަދު މަދުކުރުމާއި އަދި އަތޮޅު ކައުންސިލްތައް އުވައިލުންފަދަ ބަދަލުތައް ލާމަރުކަޒީ ނިޒާމަށް ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ވާހަކަ، ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ ވެރިން ދައްކަވަމުންދާއިރު، އެ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިހާތަނަށް ހުށަހަޅައިފައިނުވެ އެވެ. މިކަމުގެ ސަބަބުން، ބަދަލުތަކެއް ގެންނާން އުޅޭކަން އެނގުނު ނަމަވެސް، އެއީ ކޮން ބަދަލުތަކެއްކަން މިހައިތަނަށް ސާފުވެފައިނުވެ އެވެ.

އެމްޑީޕީން ފާހަގަކުރިގޮތުގައި، ސިޓީތަކުގައި އެކުލެވޭ ދާރިރާތައް ކަނޑައަޅައިފައި ނުވުމުގެ ސަބަބުން، އެ ތަންތަނުގައި ޕްރައިމަރީ ބާއްވާފަހުން އަންނަ ބަދަލާއެކު އަލުން ކެންޑިޑޭޓުން ކަނޑައަޅަންޖެހުން ނުވަތަ ޕްރައިމަރީ ބާއްވަންޖެހިދާނެ ހާލަތު ދިމާވުންފަދަ އެތަކެއް ގޮންޖެހުންތަކެއް އެ ޕާޓީއަށް ދަނީ ކުރިމަތިވަމުންނެވެ. އެމްޑީޕީން ދެކޭގޮތުގައި، މިއީ ރައްޔިތުންގެ މަޖިލީހުގައި އޮތް ސަރުކާރުގެ ފުރިހަމަ ބާރު ބޭނުންކޮށްގެން، އިންތިހާބަށް ސީދާ ނުފޫޒު ފޯރުވުމަށް ސަރުކާރުން ރާވައިފައިވާކަން ހާމަވާ ކަމެކެވެ.

މި ކަންބޮޑުވުންތައް ފާޅުކުރަމުން، އެމްޑީޕީން ވަނީ އިންތިހާބީ އުސޫލުތަކަށް ބަދަލު ގެންނަ ކަމުގައިވާނަމަ، އެކަން އިލެކްޝަންސް ކޮމިޝަނާއި ސިޔާސީ ޕާޓީތަކަށް ދުލާރައި އެންގުމާއެކު، ރައްޔިތުންނަށް އަވަހަށް ހާމަކުރުމަށް ސަރުކާރަށް ގޮވައިލާފަ އެވެ.

އެމްޑީޕީން މި ކަންބޮޑުވުން ފާޅުކުރިއިރު، ރައީސް މުޙައްމަދު މުއިއްޒު ވަނީ އާބާދީއަށް ބަލައިގެން ރަށްތަކުގެ ކައުންސިލުތަކުގެ އަދަދުތައް ކަނޑައަޅުމަށް ހިޔާލު ހުށަހަޅުއްވާފަ އެވެ. އެގޮތުން އާބާދީ މަދު ރަށްތަކުގައި ތިން ކައުންސިލަރުން ތިބުން ނުވަތަ ކައުންސިލުގެ ރައީސާއި ނައިބު ރައީސް ނޫން ހުރިހާ މެންބަރުންނަށް ސިޓިން އެލަވެންސްއެއް ދިނުމަށް ވެސް އެމަނިކުފާނު ވަނީ ހުށަހަޅުއްވާފަ އެވެ.

އެހެން ނަމަވެސް، އެކަމާ ގުޅިގެން މިހާތަނަށް ރަސްމީ މަސައްކަތެއް ސަރުކާރުން ކޮށްފައި ނުވާކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.