ވެރިކަން ކުރާ ޕާޓީއަކުން ދެ އަހަރު ފުރުން ފާހަގަކުރަން ބޭއްވި ޖަލްސާއަކާ އަޅާބަލާއިރު އެތަނަށް ޖަމާކުރި މީހުންގެ އަދަދުގެ އަދަދު މަދެއް ނޫނެވެ. އެ ޖަލްސާއަށް 13 ހާހަށް ވުރެ ގިނަ މީހުން އެއްކުރި ކަމަށް ވިދާޅުވެ ރައީސް މުހައްމަދު މުއިއްޒު ހިސާބު ޖެއްސެވީ ކޮން ގޮތަކުން ބަލާފައި ކަމެެއް ނޭނގެ އެވެ. ހަމަގައިމު ވެސް އެ އަދަދާ ކައިރި ކުރާ މިންވަރަކަށް ވެސް މީހުން ނުތިބޭނެ އެވެ. އާޓިފިޝަލް ބީޗް ސަރަހައްދަކީ އެހާ ގިނަ މީހުން އެއްކުރެވޭނެ ޖާގައެއް ވެސް އޮތްތަނެއް ނޫނެވެ.
ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް އަތްފުނާ އަޅައިގެން، ދެކޮޅު ޓިކެޓާއި 1000 ރުފިޔާގެ އެލަވްންސާއި މައިލޯ ޕެކެޓަކާއި އެޕޯލޯ ކޭކެއް ދީގެން ގެނައި މީހުންގެ ބޯ ގިނަ ދައްކަން މަތިންނާއި ތިރިން ފޮޓޯ ދެއްކިއަސް އެތަނުގައި ތިބި މީހުންގެ އަސްލު އަދަދެއް ނޭނގޭނެ އެވެ. ހަގީގީ އަދަދު އެނގޭނީ ދެން އޮންނަ ރިޔާސީ އިންތިހާބުގައި ބަލިވެ، މަގުމަތިވި ދުވަހަކުންނެވެ.
ޕީއެންސީން މިރޭ ބޮޑު މަންޒަރު ދައްކަން ބޭއްވި ޖަލްސާއަށް އެއްކުރި ގިނަ މީހުންގެ މޫނުމަތިން ހިނިތުންވުމެއް އެއްވެސް ޖޯޝެއް ނުފެނެ އެވެ. އޭގެ ބަދަލުގައި ގިނަ މީހުންގެ މޫނުމަތިން ފެނިގެން ދިޔައީ މަޖުބޫރުން ގޮސް ތިބި ބައެއްގެ މޫނުމަތިން ފެންނަ ފަދަ ފޫހިކަމެވެ. ވަރުބަލިކަމާއި ހިތްހަމަނުޖެހުމެވެ. ހަގީގީ ރޫހުގައި ވެރިކަން ކުރާ ޕާޓީއަށް ދޭ ގަދަރަކާއި ލޯތްބެއް ސަޕޯޓަރުންގެ ކިބައިން ނުފެނުނެވެ.
މިކަން ފާހަގަވެގެންދިޔައީ ޖަލްސާގައި ޖަހާ އަތްތިލަބަޑިންނާއި ކޮންމެ ސަޕޯޓަރެއްގެ އަތަށް ދީފައިވާ ގައުމީ ދިދަ ބޯމަތިން ވިހުރުވާލާ މަންޒަރުންނެވެ. ޔަގީނުން ވެސް ޕީއެންސީގެ އިސްވެރިން ދެއްކި ވާހަކަތަކުގައި އެއްވެސް އޮއްޓަރެއް އަދި ފޯރިއެއް ނެތެވެ. އޯޑިއޯންސް ކައްކުވާލާ ފަދަ ފޯރިގަދަ ވާހަކައެއްގެ އަޑެއް ވެސް ނީވެ އެވެ. ރައީސް މުއިއްޒު ވެސް އަޑުގެ ނެތްކޮޅަށް ބައެއް ބަސްތައް ވިދާޅުވާ އަޑު ކޮންމެ ވެސް ވަރަކަށް އިވެ އެވެ. ދެން ވިދާޅުވާ ބަސްތައް އިވެނީ ކިރިކިޔާ އެވެ. ފޯރިއެއް އަދި ޖޯޝެއް ނެތެވެ. ވާހަކަދެއްކުމުގެ އެއްވެސް ހުނަރެއް ނެތެވެ.
ޖަލްސާގެ އޯޑިއޯސްގެ ފޯރިއެއް ނެތީ ސަބަބެއް ނެތިއެއް ނޫނެވެ. ރަށްރަށުން ގިނަ މީހުން ޖަލްސާއަށް މާލެ ގެނައީ މަޖުބޫރުކޮށް، ބިރުދައްކައިގެންނެވެ. ވަޒީފާގައި އުޅޭ މީހުންނަށް ބިރު ދެއްކީ ޖަލްސާއަށް ނުދާ މީހުންގެ ހާޒިރީ ބަލައި ވަޒީފާގެ ކުރިއެރުން ނުދޭނެ ކަމަށް ބުނެ އެވެ. މޯލްޑިވިއަންގެ އެއާބަސް ބޯޓުގެ ބިޒްނަސް ކްލާހުގައި އައްޑޫން ބަޔަކު ދިޔަ ނަމަވެސް ކަނޑުމަގުން އެތައް ގަޑިއިރެއްގެ ދަތުރެއް ކޮށްފައި އައި މީހުން ވެސް މަދެއް ނޫނެވެ. އެހެންވެ ރަށްރަށުން އައި ގިނަ ބައެއް މޫނުމަތިން ފެނުނީ ވަރުބަލި ކަމާއި ލޮޑުކަމެވެ.
އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްގެން ފޮނިކަނޑަން ބޭއްވި ބޮޑު ޖަލްސާގައި އެއްވެސް އުއްމީދީ ވާހަތަކެއް އަޑެއް ނީވުނެވެ. ޕޯޑިއަމުން އަޑުއިވިގެން ދިޔައީ އެހެންޏާ ވެސް ޕީއެންސީ ބޮޑުން އެކި ޕޯޑިއަމްތަކުގައި އެމްޑީޕީއަށާއި ރައީސް އަބްދުﷲ ޔާމީނަށް ނިސްބަތްކޮށް ކިޔާ އެއް ލަވައެކެވެ.
އެގޮތުން އެ ޖަލްސާގައި އެންމެ ބާރަށް ކަރުން ނާރު ނަގައި ވާހަކަދެއްކީ ކުރިން ޖުމްހޫރީ ޕާޓީގައި އުޅެފައި ރިޔާސީ އިންތިހާބުގެ ފަހު ދުވަސްކޮޅު ޕީއެންސީ ގުޅުނު މިހާރު އެ ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު އެވެ.
އޭނާ ވާހަކަ ދައްކަން ފެށި ގޮތުން ފޫހިކަރުވައިގަތެވެ. ނަމަވެސް ކިޔާ އެއްޗެއް އަޑު އަހަން ވަގުތުކޮޅަކަށް މަޑުކޮށްލީމެވެ. އެންމެ ބާރަށް އިވެނީ އެވަރުގެ ބިޔަ ޖަލްސާއެއް ދުވަހަކު ނުބާއްވާ ކަމަށް ބުނެ ކަނޑަން ފެށި ފޮނި ވާހަކަތަކެވެ.
އޭނާ ވިދާޅުވީ ރައީސް މުއިއްޒު ވަރަށް ބުރަ މަސައްކަތްޕުޅުން ބިނާކުރައްވަމުންދަނީ ވަރަށް ރަނގަޅު ދައުލަތެއް ކަމަށެވެ.
"މިރޭ ރައްޔިތުން ނިކުމެ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ސުވާލުތަކާއި ކުރާ ތުހުމަތުތަކަށް ވަރަށް ރަނގަޅު ރައްދެއްދީ. މިއީ ރެކޯޑެއް. އެއްވެސް ބަޔަކަށް މުގުރާނުލެވޭނެ ރެކޯޑެއް. އެތައްހާސް ރައްޔިތުން މިއަދު އެއްވެ ބުނަމުންދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރު ވަރުގެ ސަރުކާރެއް ނެތް ކަމަށް،" އަޑުގެ ނެތްކޮޅަށް ފަލާހު ވިދާޅުވި އެވެ. "ޖަޒީރާ ރާއްޖޭގެ ނަމުގައި އެމްޑީޕީން ކުރި ފަސް އަހަރުގެ ވެރިކަމަކީ ރައްޔިތުންނާމެދު ވަރަށް އިހާނަތިކޮށް ކަންކަން ކުރި ރާއްޖެއެއް. ޖޭއެސްސީ ބޭނުންކޮށްގެން އެތައް ފަނޑިޔާރުންނެއް ސަސްޕެންޑުކޮށް ފަނޑިޔާރުންގެ ނިޒާމު ފުނޑައިލި ސަރުކާރެއް އެއީ، ކޮވިޑުގެ ހާލަތުގައި ބޭރު ފަރާތްތަކުން ރާއްޖެއަށް ދިން އެހީން އެތައް މިލިއަން ޑޮލަރެއް އެއިރުގެ ސަރުކާރުގެ ވެރިންގެ އެކައުންޓުތަކަށް ޖަމާކުރި."
އޭނާ ވިދާޅުވީ ރައީސް މުއިއްޒަށް އެމަނިކުފާނުގެ އާއިލާއަށް ފަސް މިނިޓުގެ ވަގުތުކޮޅެއް ވެސް ނުދެވޭ ކަމަށެވެ. އަދި އެމަނިކުފާނު ފަދަ އިހުލާސްތެރި އަމާނާތްތެރި ވެރިއެއްގެ ފަހަތުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުނީތީ މާތްﷲއަށް ހަމްދުކޮށް ޝުކުރުވެރިވާ ކަމަށް ފަލާހު ވިދާޅުވި އެވެ.
ޕީޖީ ލީޑަރު ފަލާހަށް ފަހު ދެން ވާހަކަ ދެއްކެވި ރައީސް މުއިއްޒު ވެސް ވަނީ ހަގީގަތް އޮޅޭ ގޮތަށް ވަރަށް ގިނަ ވާހަފުޅުދައްކަވާފަ އެވެ. އެގޮތުން ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މަސައްކަތްކުރައްވަމުންދަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވައާ އެއްގޮތަށް، ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ފުރިހަމައަށް ކުރެއްވުމަށް ކަމަށް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވައިކުރެއްވުމަށްފަހު މަސައްކަތްޕުޅު ފެއްޓެވީ ހުވައިގަ ހިމެނޭ ކޮންމެ ލަފްޒެއްގެ ފުރިހަމަ މާނައިގަ ތެދުވެރިކަމާ އަމާނާތްތެރިކަމާއެކު ތަންފީޒުކުރުމުގެ ނިޔަތުގައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މި ގައުމަކީ އިސްލާމީ ގައުމެއް. އަޅުގަނޑުގެ ސިޔާސަތުގެ އެންމެ މުހިއްމު ތަނބަކީ އިސްލާމްދީނަށް ނަސްރުދިނުން. މިއަދާ ހަމައަށްއައިރު ދީނީ ދާއިރާއިން ގިނަ މަސައްކަތްތަކެއް ފެށިފައިވާނެ. އެގޮތުން މިސްކިތްތައް ހެދުމާއި، ވަގުފު އިމާރާތްތައް އެޅުމާއި ހުރިހާ ރަށެއްގައި ގުރުއާނާ ބެހޭ މަރުކަޒުތައް ގާއިމުކުރުމާއި، ޒަކާތު ހައުސް ހެދުން ފަދަ އެތައް ކަމެއް ކުރެވެމުންދޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ އިސްލާމްދީނަށް ހިދުމަތްކުރުމަކީ ތިޔަ ލޮބުވެތި ރައްޔިތުން މި ސަރުކާރުން އަދި ކޮންމެ ސަރުކާރެއްގެ ކިބައިންވެސް އެދިފައި އޮތް ކަންތައް ކަމަށެވެ. އަދި މިސަރުކާރުން ކުރަމުންދާ ކަންތައް ކުރިއަށް އޮތް ތާނގަައި ވެސް މި ސަރުކާރުން ކަންކަަން ކުރަމުންދާނީ އެގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"އެއީ އަޅުގަނޑުގެ ޒިންމާ އަޅުގަނޑުގެ ފަހުރު،" ރައީސް ވިދާޅުވި އެވެ.
އިޒްރޭލު ފިޔަވައި ހުރިހާ ގައުމުތަކާއެކު ގާތް ގުޅުން ބާއްވަވާނެކަން އިއުލާން ކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ރީތި ބީޗުތަކާއި ގޮނޑުދޮށްތައް އިޒްރޭލްގެ މީހުން ބޭނުންކުރަން ދިވެހިން ނޭދޭތީ އެ ފުރުސަތު އެ ގައުމުގެ މީހުންނަށް ނުދޭން ނިންމެވީ ކަމަށް ވިދާޅުވެ ރައީސް ފާހަގަކުރެއްވީ އެ ކަމުގައި ބޮޑެތި ޕްރެޝަރުތައް އެމަނިކުފާނަަށް ކުރިމަތިވި ނަމަވެސް ރާއްޖެއަކީ ޑިމޮކްރަސީއަކަށް ވާތީ ގިނަ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަަން ކުރެއްވީ ކަމަށެވެ.
މީގެ ކުރިން އާއްމު ގޮތެއްގައި ވެރިކަމުގެ ދެ އަހަރުވާއިރު އިދިކޮޅު ހުރިހާ ލީޑަރުން ޖަލަށްލާ ކަމަަށް ވިދާޅުވެ ރައީސް ފާހަގަކުރެއްވީ އެމަނިކުފާނުގެ ވެރިކަަމުގައި ބަދަލުހިފުމުގެ ނުބައި ވިހަ އޮއިވަރަށް ޖާގަ ދީފައި ނުވާ ކަމަށެވެ. އަދި ޕީއެންސީގެ ލަޝްކަރުން މަސައްކަތްކުރާނީ ގައުމު އިސްކޮށްގެން ކަމަށާއި، އެ ސިފައަކީ ޕީއެންސީގެ އެންމެ މުހިއްމު ސިފަ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"ކުރީގައި ސިޔާސީ ލީޑަރުން ޖަލަށްލާން ހަދާފައި ހުރި ގޮޅިތައް ހުންނާނީ ހުހަށް. އެތަނަށް ލާނެ މީހަކު މިހާރަކު ނެތް،" ރައީސް ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ވެސް ރައީސް މުއިއްޒު ވަނީ ޖުޑިޝަރީއަށް އަތްނުބާނާ ކަމަށް ވިދާޅުވެ، އެތައް ވާހަކައެއް ދައްކަވައިފަ އެވެ.
"ޖުޑީޝަރީ މިނިވަންކުރީ. ޖުޑީޝަރީން ކުރަންޖެހޭ ކަމެއް ކުރަން އެހެން މިނިސްޓްރީއެއްގެ ހުއްދަ ހޯދަން ނުޖެހޭނެ. އެއޮތީ ޝަރުއީ ދާއިރާ މިނިވަންކޮށްފައި،" ރައީސް ވިދާޅުވި އެވެ.
އެއާއެކު ރައީސް ވަނީ ކޯޓަށް ނުފޫޒު ވަނުމަށް ޖާގަ ނުދިނުމަށް ކޯޓުތަކަަށާއި ފަނޑިޔާރުންނަށް އިލްތިމާސްކުރައްވާފަ އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ސަރުކާރުން ކުރަނގި އޮޕަރޭޝަނުގެ ނަމުގައި ފެށި މަސައްކަތުގެ ތެރެއިން 191،723 ބިދޭސީންގެ ދިހަ އިނގިލީގެ ނިޝާން ނަގާފައިވާ ކަމަށާއި ބިދޭސީން ތިބި އަދަދައި އުޅޭ ތަންތަން މިހާރު ސަރުކާރަށް އެނގޭ ކަމަށެވެ. އަދި މާދަމާއަކީ ބައޯމެޓްރިކް ޑޭޓާ ދިނުމަށް އޮތް ފަހުގެ ތާރީހު ކަމަށް ވިދާޅުވި އެވެ.
"މާދަމައަށް މިހަަމަވަނީ މުއްދަތު. މާދަމާއާ ހަމަައަށް ރަޖިސްޓްރީ ނުވާ ނުވަތަ ބައޯމެޓްރިކްސް ނުދޭ ބިދޭސީއަކު ފެނިއްޖެއްޔާ މާދަމާ ނޫން އަނެއް ދުވަހު ފަށާ އޮޕަރޭޝަނުގެ ތެރެއިން ވަގުތުން ޑީޕޯޓުކުރާނެ،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ރަމަޟާން މަހު ކަރަންޓު ބިލަށް އެންމެ ގިނަވެގެން ނަގާނީ 400 ރުފިޔާ ކަމަށާއި، ބާކީ ބަޔަކީ ރައްޔިތުންނަށް ސަރުކާރުން ދޭ ޑިސްކައުންޓެއް ކަމަށެވެ.
މިދިޔަ އަހަރު ރަމަޟާން މަހުގައި ވެސް ސަރުކާރުން ކޮންމެ ގޭބިސީއަކަށް 48 ދަޅު ހިމެނޭ މަސްދަޅު ކޭހެއް ހަދިޔާކޮށް، ކަރަންޓު ބިލުން ބޮޑު ޑިސްކައުންޓެއް ދީފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިދިޔަ އަހަރެކޭ އެއްގޮތަށް ކޮންމެ ގޭބިސީއަކަށް މިއަހަރު ވެސް މަސްދަޅު ކޭހެއް ހަދިޔާކުރުމާއެކު، ކަރަންޓު ބިލަށް އެންމެ ގިނަވެގެން ނަގާނީ 400 ރުފިޔާ ކަމަށެވެ.
"މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް މަސްދަޅު ކޭސް ލިބޭނެ. އޭގެ އިތުރަށް، ޑޮމެސްޓިކް ރޭޓުން ބިލްކުރާ ކޮންމެ ބިލަކަށް އެންމެ ގިނަވެގެން މިއަންނަ ރަމަޟާން މަހު ނަގާނީ 400 ރުފިޔާ. ބާކީ ބައި ޑިސްކައުންޓް،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ޖަލްސާ އަށް 13،000 އަށް ވުރެ ގިނަ މީހުން ދިޔަ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ތުނބުޅި ނުފަޅައިގެން އުޅޭ މީހުންނަށް އެހީއެއް!
ފަރުކޮޅުފުށީގައި ހުރި އިމާރާތެއްގައި ރޯވެއްޖެ
އޮޑިޓް: ފުވައްމުލަކު ފެނުގެ ނިޒާމުގައި އެތައް މައްސަލައެއް!
