ސަރުކާރު ކުންފުނިތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން މާލެއަށް ޖަމާކޮށްގެން، ވެރިކަންކުރާ ޕީއެންސީން ރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދެއްކުމުގެ ފުރުސަތު އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަކަށް ނުދިނެވެ.
ރައީސް މުހައްމަދު މުއިއްޒުގެ އިތުރުން އެ ޖަލްސާގައި ވާހަކަދެއްކުމުގެ ފުރުސަތު ދީފައި ވަނީ ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދާއި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހަށެވެ.
ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަށް ވުރެ ހައިސިއްޔަތުގެ ގޮތުން ބަލާއިރު ޕާޓީގެ ޗެއާޕާސަން އިސްވާނެ އެވެ. އަބްދުއްރަހީމަކީ ޗެއާޕާސަން އެކަންޏެއް ނޫނެވެ. އޭނާ އަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއްބާރުގެ ވެރިޔާ އެވެ. އަދި ރައީސް މުއިއްޒު ވެރިކަމަށް ގެންނަން ކެމްޕޭންގައި އެންމެ ބާރަށް ޕޯޑިއަމްތަކުގައި ވާހަކަދެއްކެވީ އަދުރޭ އެވެ.
ރައީސް މުއިއްޒާއި އަބްދުއްރަހީމާ ދެމެދު އޮތް ގުޅުން ގޯސްވެ އޭނާ މަޖިލީހުގެ ރައީސް ކަމުން ވަކިކުރަން ވެސް ރައީސް މުއިއްޒަށް ތާއީދު ކުރައްވާ މަޖިލިސް މެންބަރުންތަކެއް ވެސް މީގެކުރިން މަސައްކަތް ފެށިއެވެ. ނަމަވެސް ވަކި ހިސާބަކުން އެ މަސައްކަތް ވަނީ ހުއްޓާލާފަ އެވެ.
"ހުރިހާ"އާ ވާހަކަދެއްކި ޕީއެންސީގެ މަޖިލިސް މެންބަރަކު ވިދާޅުވިގޮތުގައި މީގެކުރިން ޖެހުނު މައްސަލައާއެކު ގުޅުން ގޯސްވި ގޮތަށް ރައީސް މުއިއްޒާ ދެ ބޭފުޅުންގެ ގުޅުން އަދިވެސް އެހާ ރަނގަޅެއް ނޫނެވެ.
ގުޅުން ގޯސްވެ އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހީމް ފައިސަލް ވެސް ޓޫރިޒަމް މިނިސްޓަރުކަމުން ވަނީ ކުރިން ވަކިކޮށްފަ އެވެ. އެ ހިތްހަމަނުޖެހުން އަބްދުއްރަހީމްގެ އަދިވެސް އެބައޮތެވެ.
އެ މެންބަރު ވިދާޅުވިގޮތުގައި އަބްދުއްރަހީމަކީ މިހާރު ރައީސް މުއިއްޒު އެހާ އިތުބާރު ކުރައްވާ ބޭފުޅެއް ނޫނެވެ. އިތުބާރު ނުކުރާ ސަބަބުތަކުގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އޭނާ ބޭވަފާތެރިވުން ހިމެނެ އެވެ. ރައީސް މުއިއްޒު ގަބޫލުފުޅުކުރައްވާ ގޮތުގައި އެފަދަ "ދޯކާއެއް" އަބްދުއްރަހީމް އެމަނިކުފާނަށް ވެސް ދީފާނެ އެވެ.
ކަންއެހެން އޮތްނަމަވެސް އަބްދުއްރަހީމް މަގާމުން ވަކިކުރަން ބައެއް ބޭފުޅުން ލަފާދީފައިވާތީ އޭނާ މަގާމުން ވަކިކުރަން އެމަނިކުފާނު މިހާރު ބޭނުންފުޅުނުވާ ކަމަށް "ހުރިހާ"އާ ވާހަކަދެއްކި މެންބަރު ވިދާޅުވި އެވެ.
"ކީއްކުރަންތޯ ވަކިކުރަންވީ. ވަކިކޮށްގެން ވާނެ މޮޅެއް އެބައޮތްތޯ. ނޯންނާނެ ނޫންތޯ،" އެ މެންބަރު ވިދާޅުވި އެވެ.
އަބްދުއްރަހީމްގެ ބާރު ކަނޑުވާލުމަށްފަހު ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ ކޮންޓްރޯލްގެ ދަށަށް އޭނާ ގެނެސްފަ އެވެ. އެގޮތުން އަބްދުއްރަހީމްގެ އަނބިކަނބަލުންނާއި ދަރިކަނބަލުންގެ ކުންފުންޏަށް ވަނީ ލ. ފޮނަދޫގައި 100 ހައުސިން ޔުނިޓް އަޅަން ހަވާލުކޮށްފަ އެވެ. ވައިޓް ލިންކްސް ޕްރައިވެޓް ލިމިޓެޑާ އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 139،295،700ރ. އަށެވެ.
މީގެ އިތުރުން އަބްދުއްރަހީމްގެ ވިޔަފާރިތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ އޭނާގެ އަނބިކަނބަލުންގެ ކޮއްކޮ ފަތުހުﷲ ޖަމީލްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އެފްޖޭ ޑިޒައިން އަށް ވަނީ ބައެއް ރަށްރަށުގެ ޕޮލިސް ސްޓޭޝަންތައް އަޅަން ހަވާލުކޮށްފަ އެވެ.
ލ. މާމެންދޫ، މާބައިދޫ، ދ. ހުޅުދެލި، ބަނޑިދޫ، މ. މަޑުއްވަރި، ތ. ގާދިއްފުށި އަދި ދިޔަމިގިލީގައި ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމަށް އެ ކުންފުންޏާ ހަވާލުކުރީ 17.5 މިލިއަން ރުފިޔާ އަށެވެ.
އެހެންކަމުން ރައީސް މުއިއްޒު ކޮންމެ ގޮތެއް ހެދިޔަސް އަބްދުއްރަހީމް ޖެހޭނީ ވަރިހަމަވެގެން ހުންނާށެވެ. އެހެން ނޫނީ އެ މަޝްރޫއުތައް އަތުލުމުގެ ބިރު އެބައޮތެވެ.
ގާޒާގެ ކުރިމަގާ ގުޅޭ ގަރާރެއް ރަޝިޔާއިން ވެސް ހުށަހަޅައިފި
ނިދާ ހޭލާއިރު މޫޑު ގޯސްކޮށް ހުންނަނީ މިހެންވެ ކަމަށް ވެދާނެ!
ކުށްވެރިއަކުން އިއްޒަތްތެރިއަކަށް!
ސަރުކާރުގެ އިދާރާ އަކުން އަދި ކުންފުންނަކުން ވެސް އެޑްވާންސަށް ފައިސާ ނުދީ އެއްވެސް ކޮންޓްރެކްޓަރަކު ލައްވާ މަސަައްކަތް ކޮށްގެން ނުވާނެއޭ ސަރުކާރަށް ގެރެންޓީޑް ކޮންޓްރެކްޓަރުންގެ ލިސްޓެއް ހަދާ އެފަދަ ލިސްޓެއް ޖެހޭނީ އިކޮން މިނިސްޓްރީގައި ލިސްޓްކުރެވި އިއުލާންކުރާށޭ އެ ލިސްޓްގައި ހިމެނޭ ކުންފުނި ތަކަށް ސަރުކާރުން މަސައްކަތް ދޭއިރު އެޑްވާންސަށް %50 ދޭން ޖެހޭނެއޭ ދެން ސަޕްލައި ކުރާ ތަކެތި މާލެ ގެނެސް ބީއެލް ސަރެންޑަރކުރާނީ ބާކީ ފައިސާދީނިމުމުންނޭ
ރިޕްލައި