ފުވައްމުލަކުގެ ރައްޔިތުންނަށް ސާފު ފެން ނުލިބޭ މައްސަލައިގައި ރައީސް މުހައްމަދު މުއިއްޒުގެ މި ސަރުކާރުން އަމަލުކުރި ގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ޔާމީންގެ ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނު ފުވައްމުލަކު ފެނުގެ މައްސަލައިގައި ސަރުކާރާއި މަޖިލީހުން އަމަލުކުރި ގޮތަށް އިޝާރާތް ކުރައްވައި ވިދާޅުވީ މި ސަރުކާރުން ފުވައްމުލަކުގެ ރައްޔިތުން ސާފު ފެނަށް ޖެހިގެން އުޅޭއިރުގައި ވެސް އަޅާނުލައި އެހާ އިހާނެތިކޮށް އެ އަމަލުކުރީ، ރަށްރަށުގައި ރައްޔިތުން ކޮންމެ ހާލެއްގައި އުޅުނަސް ސަރުކާރަށް ވަރިހަމަވުމުން ކަމަށެވެ. އަދި މާލޭގައި ފެން ނުލިބުމުގެ މައްސަލަ ދިމާވި ނަމަ ސަރުކާރުން އަމަލުކުރާނީ ވަރަށް ތަފާތު ގޮތަކަށް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
"މާލޭގައި ދިމާވި ނަމަ ސިފައިންނާއި ފުލުހުންނާއި އެންމެން ނުކުންނާނެ ފެން ބަހަން. މިއީ ހަމަ ފުވައްމުލަކު، ރާއްޖެތެރޭ ދިމާލެއް ވީމަ މިހާ ނިމަކެތިކޮށް، މިހާ ދެރަވަރުކޮށް މި ދިޔައީ، ވަރިހަމަ ނޫންތޯ ކޮންމެ ގޮތަކަށް އެ މީހުން އުޅުނަސް،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ މަޖިލީހަކީ ގާނޫނު ހަދާ ތަނެއް ނަމަވެސް، އެ މަޖިލީހުގެ މެންބަރުންނަށް އޮންނަ އެންމެ ބޮޑު ޒިންމާއަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށެވެ. އެހެންނަމަވެސް މި މައްސަލައަށް ބަލާއިރު، ފުވައްމުލަކު ތަމްސީލު ކުރައްވާ ތިން މެންބަރުން ތިއްބެވިއިރު ވެސް އެ ބޭފުޅުން މައްސަލަ ހުށަނާޅުއްވާކަން ރައީސް ޔާމީން ފާހަގަކުރެއްވި އެވެ.
ފުވައްމުލަކުގެ ރައްޔިތުންގެ ހައްގު ހިމާޔަތް ކުރާ ގޮތަކީ މިއީތޯ ސުވާލު އުފައްދަވަމުން ޔާމީން ވިދާޅުވީ މަޖިލީހުގައި ހިނގަނީ ރައީސް މުއިއްޒުގެ ފުރިހަމަ ބާރު ކަމަށާއި އެތަނުން ރައްޔިތުންނަށް ބޭނުންވާ ހަމަ އެއްވެސް ކަމެއް ވަމުން ނުދާ ކަމަށެވެ. މަޖިލީހާ ދިމާލަށް އޮޅުހިޔާ ފެސިލިޓީއޭ ބުނަން ޖެހޭ ސަބަބަކީ އެއީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ހަމައެއާއެކު، ފުވައްމުލަކުގެ ފަނުގެ މައްސަލަ މަޖިލީހަށް ވެއްދުމާއި އެކު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އެ މައްސަލަ ބޭރުކުރެއްވިކަން ފާހަގަކުރައްވައި ޔާމީން ވަނީ، އެ މަނިކުފާނަށް ފުވައްމުލަކުގެ ހާލަތާ ގުޅޭ ގޮތުން ހަގީގަތް އެނގިވަޑައިގަތީ ކިހިނެއްތޯ ސުވާލު އުފައްދަވައިފަ އެވެ.
ފެނުގެ މައްސަލައަކީ އެކަހެރިކޮށް އޮންނަ ފުވައްމުލަކަށް ދިމާވާނެ އެންމެ ބޮޑު މައްސަލަކަން ފާހަގަކުރައްވައި ޔާމީން، ޖެހިގެން އޮންނަ އައްޑު އަތޮޅުގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ވެސް ފާހަގަކުރެއްވި އެވެ. އަދި އެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ބިޔަ މަޝްރޫއެއް ހިންގާނެކަން ސަރުކާރުން އިއުލާންކުރިކަން ވެސް ފާހަގަކުރެއްވި އެވެ.
ގާތްގަނޑަކަށް 11،000 އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ފުވައްމުލަކުގެ ފެނުގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑި، ފެނަށް ޖެހުނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހެވެ. އެ ސިޓީއަށް ފެން ފޯރުކޮށްދޭ ފެނަކައިން ފުރަތަމަ ބުނީ ލީކެއް އުޅޭތީ މައްސަލަ ހައްލުކުރުމަށް ފަހު، ހަމަ އެ ދުވަހު ފެން ފޯރުކޮށްދޭނެ ކަމަށެވެ.
އެހެންނަމަވެސް ފެނަކައިން ދެން ބުނީ، ފެނުގެ ނިޒާމަށް މަތީ ޑޯޒެއްގެ ކްލޮރިން އަޅާތީ ފެން ބޭނުންކުރުން ރައްކާތެރި ނޫން ކަމަށެވެ. އެއަށްފަހު އެ ރަށަށް ފެން ދޫކުރަން ފެށީ ބުރާސްފަތި ދުވަހު އެވެ. ނަމަވެސް މިދިޔަ ހަފުތާ ބަންދު ތެރޭގައި ފުވައްމުލަކުގެ ބައެއް ރައްޔިތުންނާއި ކައުންސިލުން ވެސް ވަނީ ބައެއް ގެތަކަށް ލިބޭ ފެން ސާފު ނޫން ކަމަށް ބުނެފަ އެވެ.
އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި އެވެ. ފުވައްމުލަކުން ސާފު ފެން ނުލިބުމުގެ ސަބަބުން އެ ސިޓީގެ އާންމު ދިރިއުޅުމަށް ދަތިވާތީ ކަމަށް ވިދާޅުވެ ކުޑޫ ހުށަހެޅުއްވި މައްސަލަ، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ބޭރުކޮށްލައިފަ އެވެ.
ފުވައްމުލަކުގެ ފެނަކީ ބޯން ރައްކާތެރި ފެން ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ބުނެފައިވީ ނަމަވެސް، ފުވައްމުލަކުގެ ރައްޔިތުން ވަނީ ނުސާފު ފެން ލިބޭކަން ހާމަކޮށް، ސޯޝަލް މީޑިއާގައި ފޮޓޯތައް ހިއްސާކޮށްފަ އެވެ. އަަދި އެ ސިޓީގެ ކައުންސިލުން ވަނީ އެ އޮތޯރިޓީގެ ޓެސްޓުތަކުގެ ނަތީޖާ ހާމަކުރަން އެދި، އަމިއްލައަށް ތަހުލީލުތައް ހަދަން ބޭނުންވާ ކަމަށް ވެސް ބުނެފަ އެވެ.
ފުވައްމުލަކަށް މިހާރު ދޫކުރަނީ މިންގަނަޑަށް ފެތޭ ރަނގަޅު ފެން
ޝާހްރުކް ޚާންގެ ނަމުން ދުބާއީގެ އިމާރާތަކަށް ނަން ދީފި
ނަފްސާނީ ބަލިތަކަށް ކުރާ ހަރަދުތަކަށް އާސަންދައިން ހަމަޖައްސަނީ