މިދިޔަ އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާ އިން ހައްޔަރުކުރި މީހުންނަށް ދައުވާ ނުކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

އެ މުޒާހަރާ އިން ހައްޔަރުކުރީ ދާންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔައުގޫބު އަބްދުﷲ އާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި ކ. މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހާއި އަޒީމް އަލީ އާއި އަލީ ޖުމާނާއި މުހައްމަދު ހަލަފް އިބްރާހީމްގެ އިތުރުން ހުސައިން ޝާކިރު އެވެ.

ޕީޖީ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ އާއި ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އެ މީހުންގެ މައްޗަށް ކޮށްދިނުމަށް ފުލުހުން އެދުނު ކަމަށެވެ. ނަމަވެސް މި މައްސަލާގައި ލިބިފައިވާ ހެކިތަކަށް ރިއާޔަތްކޮށް ބެލިއިރު، ދައުވާކުރުމުގެ މަސްލަހަތު އޮތް ކަމަށް ނުފެންނާތީ، ދައުވާ ނުކުރަން ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ދައުވާ ނުކުރަން ނިންމި ސަބަބަކީ ތުހުމަތުކުރެވޭ އަމަލުތައް އެ މީހުން ހިންގާފައިވަނީ އަސާސީ ހައްގެއް ބޭނުންކުރުމުގެ ތެރެއިން ކަމަށް ބުރަވެވޭތީ ކަމަށް އެ އޮފީހުން ބުންޏެވެ.

އެ މީހުންގެ އަމަލެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ މުޒާހަރާއާ ގުޅިގެން އިތުރު 10 މީހެއްގެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ. އެ މީހުންގެ ތަހުގީގު ނިމުމުން ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް އެ އޮފީހުން ބުންޏެވެ.