އިޒްރޭލުން ދެމުންދިޔަ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާއި ހިލާފުވެ ޣައްޒާއަށް ހަމަލާދެމުން ދާތީ ދިވެހި ސަރުކާރުން އެކަން ކުށްވެރި ކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ފަލަސްތީނާއި އިޒްރޭލާއި ދެމެދުވި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާއި ހިލާފަށް މިފަހުން އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ކުށެއް ނެތް ފަލަސްތީނުގެ ރައްޔިތުންތަކެއް ޝަހީދުކޮށްލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
ދިވެހިން އަބަދުވެސް ދެމިތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށް ބުނާ ބުނުން ތަކުރާރުކޮށް ފޮރިން މިނިސްޓްރީން ބުނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ހިލާފަށް ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލު ސިފައިން ހިންގަމުންދާ ޖަރީމާތަކަށް ނިމުމެއް ގެނައުމަށް ވަގުތުން ވަގުތަށް ފިޔަވަޅު އެޅުމަށް ބައިނަލްއަޤުވާމީ ދުނިޔެއަށް ގޮވާލާކަމަށެވެ. މި ޖަރީމާތައް ނުހުއްޓާ ކުރިއަށްގެންދާނަމަ ރަށްވެހި ބިމުން ފަލަސްތީނުގެ ރައްޔިތުން ނެރެފާނެކަން ފާހަގަކޮށް، ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނީ ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ހައްޤުތައް ކަށަވަރު ކުރުމަށް ރާއްޖެއިން އަބަދުވެސް ތާއީދުކުރާނެ ކަމަށެވެ. އަދި ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނީ، 1967ގެ ކުރީގެ ބޯޑަރުތަކާ އެއްގޮތަށް އިރުމަތީ ޤުދުސްއަކީ ފަލަސްތނުގެ ވެރިރަށް ކަމުގައި ކަނޑައަޅައިގެން ފަލަސްތީނުގެ މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމުވުމަށް ކަމަށްވެސް ބަޔާނުގައިވެ އެވެ.
އެމެރިކާއިން ހުށަހެޅި ސުލްހައިގެ ޕްލޭނާއި އެއްގޮތަށް އިޒްރޭލުން ހަނގުރާމަ ހުއްޓާލި ކަމަށް ބުނި ނަމަވެސް އޭގެ ފަހުންވެސް ޣައްޒާއަށް އެކި ފަހަރު މަތިން ހަމަލާދީ 21 މީހުން ޝަހީދުކޮށްލާފައިވާ ކަަމަށް ރިޕޯޓްތައް ބުނެ އެވެ.
ގުޅިފަޅުން ދޫކުރާ 2،319 ގޯތީގެ ރަޖިސްޓަރީ ހަވާލުކޮށްފި
އޭޓީއެމް ބެހެއްޓުމުން ބީއެމްއެލްއަށް ދުނިޔޭގެ ފެންވަރުގެ އެވޯޑެއް