ރާއްޖެ އާއި ސްޓޭޓް އޮފް ކުވައިތާ ދެމެދު ދެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފި އެވެ.
އެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ރޭ ކުވައިތު ސިޓީގައި ހުންނަ ކުވައިތުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ރާއްޖެއިން ކުވެއިތާއެކު ވެވުނު ދެ އެއްބަސްވުމަކީ "މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިން އޮން ކޯޕަރޭޝަން ބިޓްވީން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އޮފް ދަ ސްޓޭޓް އޮފް ކުވައިތު" އާއި "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން ބިޓްވީން ދަ ގަވާމަންޓް އޮފް މޯލްޑިވްސް އެންޑް ދަ ގަވާމަންޓް އޮފް ދަ ސްޓޭޓް އޮފް ކުވައިތު އިން ދަ ފީލްޑް އޮފް ޓޫރިޒަމް" އެވެ.
އެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. ކުވައިތުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރު އަދި މިނިސްޓަރު އޮފް ސްޓޭޓް ފޯ ކެބިނެޓް އެފެއާޒް ޑރ. އަހްމަދު ނާސިރް އަލް މުހައްމަދު އަލް އަހްމަދު އަލް ޖާބިރް އަލް ސަބާހް އެވެ.
ކުވެއިތު އާއެކު ވެވުނު އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ފަތުރުވެރިކަމުގެ ދާއިރާގައި އެކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވި އަދި ކުރިއަށް އޮތްތަނުގައި ދެ ގައުމުގެ ސަރުކާރުތަކުގެ މެދުގައި ވެވޭ އެއްބަސްވުންތައް ތަންފީޒު ކުރުމަށް އިތުރަށް ފަސޭހަ ވެގެންދާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.