ޕޮލިސް ކޮމިޝަނަރު، އިސްމާއިލް ނަވީން ހިމެނޭހެން ގިނަ އަދަދެއްގެ ފުލުސް އޮފިސަރުން ސަސްޕެންޑުކުރަން ލަފާދޭން ފެންނަ ކަމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

"ހުރިހާ"އަށް ކަށަވަރުވެފައިވާ ގޮތުގައި މިއަދު ސިއްރުކޮށްގެން ބޭއްވި މާލިއްޔަތު ކޮމިޓީގައި ވަނީ އެގޮތަށް ފާސްކޮށްފަ އެވެ.

އެ އޮފިސަރުންތައް ސަސްޕެންޑުކުރަން ލަފާ ދޭން ނިންމީ ޕޮލްކޯގެ ކޮރަޕްޝަން މައްސަލަ ބެލުމަށްފަހު އެވެ. އެ މައްސަލައިގައި ތައްޔާރުކުރި ރިޕޯޓު، ރިކޮމެންޑޭޝަންތަކަކާއެކު މިއަދު ވަނީ ފާސްކޮށްފަ އެވެ.

ސަސްޕެންޑުކުރަން ލަފާދޭން އެންގި އޮފިސަރުންތައް:

  • ޕޮލިސް ކޮމިޝަނަރު، އިސްމާއިލް ނަވީން
  • އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، މޫސާ އަލީ
  • އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، އަހުމަދު އަބްދުއްރަހުމާން
  • އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް،، މުހައްމަދު ރަޝީދު (މޮންސި)
  • އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ބަޝީރު
  • އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ދާއޫދު
  • ސުޕްރިޑެންޓް އޮފް ޕޮލިސް، އިސްމާއިލް ޝަމީމް އާދަމް

ފުލުހުންގެ ކޮއްތު ފައިސާގެ ބަޖެޓު ފުލުހުންނަށް ދިނުން ހުއްޓާލައި، އެ ފައިސާ ވަކިވަކި ފުލުހުންނަށް ދިނުމަށް ސަރުކާރަށް ލަފާދޭން ވެސް މިއަދު ވަނީ ފާސްކޮށްފަ އެވެ.

އެ ރިޕޯޓަށް އަމަލުކުރެވޭނީ މަޖިލީހުގެ ތަޅުމުން ފާސްކުރުމުންނެވެ.

ހުޅުމާލޭގައި ފުލުހުންގެ ފްލެޓްތައް އެޅުމުގައި ޕޮލްކޯއިން ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގާފައިވާކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފަ އެވެ. އޮޑިޓް ރިޕޯޓްގައިވާގޮތުން ފުލުހުންގެ ފްލެޓްތައް އިމާރާތްކުރުމުގައި ހިންގި ކޮރަޕްޝަނުގެ ސަބަބުން 354 މިލިއަން ރުފިޔާ ދައުލަތަށް ގެއްލިފައިވެ އެވެ.