ސ. ފޭދޫ ޑީއެންސީގެ ފުރަތަމަ ކެޕްޓަން ހަސަން ސައީދު (މަތިކެޑެކޭ ހަސަންބޭބެ) އުމުރުން 80 އަހަރުގައި މިއަދު މަރުވެއްޖެ އެވެ.

އޭނާގެ އާއިލާގެ ފަރާތުން ވާހަކަދެއްކި މީހަކު "ހުރިހާ"އާ ވާހަކަދައްކަމުން ބުނީ ހަސަން ސައީދު މަރުވީ ހާޓް އެޓޭކެއް ޖެހިގެން މިމަހުގެ 8 ވަނަ ދުވަހު މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް، މިއަދު މެންދުރު 1:30 ގައި ކަމަށެވެ.

ފޭދޫ ޑީއެންސީއަކީ 1960 އަދި 1970ގެ އަހަރުތަކުގައި ރާއްޖޭގެ އެންމެ މަޝްހޫރު އެއް ކްލަބެވެ. ހަސަން ސައީދަކީ ޑީއެންސީގެ ޑިފެންޑަރެވެ. އަދި އެ ކުލަބްގެ ފުރަތަމަ ކެޕްޓަނެވެ.

ފޭދޫ ޑީއެންސީ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ހަސަން ސައީދުގެ އާޓިކަލެއް މޫންލައިޓް ނޫހުގައި ޖަހާފައި.

ހަސަން ސައީދުގެ އެކުވެރިއަކު ބުނީ އެއީ ވަރަށް އަޚުލާގު ރަނގަޅު ކުޅުންތެރިއެއް ކަމަށެވެ.

"ދުވަހަކު ވެސް މެޗެއް ކުޅުނުއިރު މީހެއްގެ ގައިގަ ޖަހާފައެއް ނުވާނެ. ވަރަށް ޑިސިޕްލިން ވާނެ ހަސަން ބޭބެ،" އޭނާ ބުންޏެވެ.

އެ މީހާ ބުނީ ހަސަން ސައީދަކީ އުމުރުން ދުވަސްވިޔަސް ފުޓްބޯޅައަށް ވަރަށް ލޯބިކުރާ މީހެއް ކަމަށެވެ. އަދި ވަރަށް ފަހަކާ ޖެހެންދެން ވެސް ޝައުގުވެރިކަމާއެކު އަބަދުވެސް ފުޓްބޯޅަ މެޗްތައް ބަލަމުން ގެންދިޔަ ކަމަށް އޭނާ ބުންޏެވެ.