ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އިސްލާހުކޮށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު މަޖިލީހަށް ހުށަހެޅުއްވި މި ބިލުގައި ޑްރަގް ރާއްޖެއަށް އެތެރެކުރާ މީހުންނާއި، އެތަކެތީގެ ވިޔަފާރި ކުރާ މީހުންނާއި، ނުހައްގުން މުއްސަނދިވެފައިވާ މީހުންނަށް ހަރުކަށި އަދަބުތައް ވަނީ ކަނޑައަޅއިފަ އެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ އިސްލާހުތައް ގެނެސްފަ އެވެ. އެ އިސްލާހުތަކުގައިވާ ގޮތުން ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ކަނޑައެޅުމަށް ވަނީ ހިމަނައިފަ އެވެ. އެގޮތުން 350 ގްރާމަށް ވުރެ އިތުރު އަދަދެއްގެ ކެނެބިސް އާއި 250 ގްރާމަށް ވުރެ އިތުރު އަދަދެއްގެ ޑައިފޯމިން އަދި އެ ނޫން ބާވަތެއްގެ ޑްރަގް ނަމަ 100 ގްރާމަށް ވުރެ އިތުރުނަމަ މަރުގެ އަދަބު ދެވޭނެ އެވެ. އަދި އެ މީހަކު ރާއްޖެއަށް އެތެރެވާއިރު ޑްރަގް އެތެރެ ކުރުމުން ވެސް މަރުގެ އަދަބު ދެވޭނެ އެވެ.

ބިލަށް ގެނައި އިސްލާޙުގައި ބަޔާންކޮށްފައިވާ ގޮތުން މަސްތުވާތަކެތި އެތެރެކުރާ މީހަކަށް މަރުގެ އަދަބު ދެވޭނީ، ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ހުކުމް ކުރުމުންނެވެ. އިއްތިފާގުން މަރުގެ ހުކުމް ކަނޑަނާޅުއްވާނަމަ އެ ހާލަތުގައި އެ މީހަކު އުމުރަށް ޖަލަށްލުމާއެކު 100،000 ރުފިޔާ އާއި 10،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ކޮމިޓީން ހުށަހެޅުއްވި އިތުރު އިސްލާހުތަކުގެ ތެރޭގައި ޑްރަގް ރާއްޖެއަށް އެތެރެ ކޮށްގެން މަރުގެ އަދަބު ނުވަތަ އުމުރު ދުވަހަށް ޖަލު ހުކުމެއް އިއްވާ މީހަކަށް އަބަދު މަޢާފުކޮށް ނުވަތަ ލުއިކޮށް ނުދެވޭނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. އަދި ޕެރޯލްގެ ދަށުން ދޫ ނުކުރެވޭނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފަ އެެވެ.

ސަރުކާރުގެ ފަރާތުން މަޖިލިހަށް ހުށަހެޅި ބިލަކީ، ރާއްޖޭގައި ޑްރަގުން ވިޔަފާރި ކުރުމާއި ޑްރަގް ޓްރެފިކް ކުރުމުގެ ވިޔަފާރި އިތުރަށް ފުޅާވެ، ޑްރަގް ގެންގުޅެ އަދި ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީ އާއި ޑްރަގް އާ ގުޅޭ ކުށްތައް އިތުރުވަމުންދާތީ އެކަންކަން ހުއްޓުވުމަށްޓަކައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ލިބިދޭ ބާރުތައް އިތުރުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އަދި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ހަރުދަނާ ގޮތެއްގައި ފަރުވާދީ، ހެޔޮ ގޮތުގައި މުޖުތަމައުއަށް އަނބުރާ ރުޖޫއަ ވެވޭނެ ފުރުސަތު ދިނުމަށްޓަކައި ނިޒާމު އިތުރަށް ހަރުދަނާ ކުރުމަކީވެސް މި ބިލުގެ މަގުސަދެއްކަން ވަނީ ބަޔާންކޮށްފަ އެވެ.

މި އިސްލާހުގައި ގާނޫނުގެ ދަށުން މިހާރު ކޮންޓްރޯލް ކޮށްފައިވާ ޑްރަގްގެ އިތުރުން އަލަށް ކޮންޓްރޯލް ކުރަންޖެހޭ ޑްރަގް ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ތައާރަފު ކުރުމާއި، ޑްރަގާ ގުޅޭ އިތުރު ކުށާއި އަދަބު ކަނޑައެޅުމާއި، ޑްރަގަށް ދެވިހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމާއި، ޑްރަގު ކޯޓު ހިންގުމުގެ އުސޫލުތަކާއި، ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމާ ގުޅޭ އުސޫލުތައް މުރާޖައާ ކުރުމަށް ވަނީ ހިމަނާފަ އެވެ.

މި އިސްލާޙުގައި ގާނޫނުގެ 161 ވަނަ މާއްދާއަށް ގެނައި އިސްލާހުގެ ދަށުން ޑްރަގްގެ ކުށްތަކުގައި ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ. މިހާރު މިގޮތަށް ބަދަލު ނެގެނީ, ދައުލަތުގެ މާލިއްޔަތު ގާނޫނުގެ ދަށުން އެކުލަވާލާފައިވާ އުސޫލެއްގެ ދަށުންނެވެ.

ދައުލަތަށް ނެގުމަށް ކޯޓުން އަމުރު ނެރެން ޖެހޭ މުދަލާއި ފައިސާ

  • ކުށްކުރުމަށް ބޭނުންކުރި ފައިސާ ނުވަތަ މުދާ
  • ކުށް ކޮށްގެން ހޯދާ މުދާ ނުވަތަ ކުށް ކޮށްގެން ހޯދާ މުދަލުން ހޯދާ ފައިސާ އާއި މުދާ
  • ކުށް ކޮށްގެން ހޯދަން އުޅޭ ފައިސާ ނުވަތަ ހޯދަން އުޅޭ ފައިސާ އާއި މުދާ
  • ކުށް ކުރުމަށް ބޭނުން ކުރި މުދަލެއް
  • ކުށް ކޮށްގެން ހޯދާފައިވާ މުދަލަކާ އެކުވެފައިވާ ފައިސާ ނުވަތަ މުދާ
  • ކުށް ކޮށްގެން ހޯދާ މުދަލުން ސީދާކޮށް ނުވަތަ ނުސީދާކޮށް ލިބޭ މުދާ

މަސްތުވާ ތަކެތި ޓްރެފިކް ކުރުމުގެ ކުށެއްގެ ޝަރީއަތުގައި ދަޢުވާ ލިބޭ ފަރާތުގެ މައްޗަށް ކުށް ސާބިތު ނުވިޔަސް، ވަކި ޝަރުތެއް ފުރިހަމަވާނަމަ، އެ ކުށަކާ ގުޅިފައިވާ ފައިސާ ނުވަތަ މުދާ ދައުލަތަށް ނެގުމަށް ކޯޓުން އަމުރު ކުރަން ވާނެ ކަމަށް ބިލުގައި ވަނީ ބަޔާންކުރައްވާފަ އެވެ.

ރާއްޖެއަށް ވައިގެ މަގުންނާއި، ކަނޑުމަގުން އެތެރެކުރާ ޑްރަގް ހުއްޓުވުމަށް ކަސްޓަމްސްގެ އޮފިސަރުންނާއި، ފުލުހުންނަށް ލިބޭ ބާރުތައް ވެސް މި ބިލުގެ ދަށުން ވަނީ ހަރުކަށި ކޮށްފަ އެވެ.

މި ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ 65 މެންބަރުންގެ އިއްތިފާގުންނެވެ.