އައްޑޫ ހިތަދޫން ފުލުހުން ހޯދި ޑްރަގްގެ ބޮޑު ނެޓްވޯކްގައި ހިމެނޭ މީހުންގެ ވަނަވަރު މިރޭ އާންމުކޮށްފި އެވެ.

ފުލުހުން ބުނީ އެ ނެޓްވޯކްގައި ހިމެނޭ މީހުން ހައްޔަރުކުރީ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މިދިޔަ ބުދަ ދުވަހުގެރޭ ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ސ. ހިތަދޫ، ކޮންމުލި، އަލީ ނަދީމް،30، އާއި ސ. ހިތަދޫ، ފަލާހް، ހާފިޒު ފައުޒީ،31، އާއި ސ. ހިތަދޫ، ވެޔޮފެހެބުރުގެ، އިބްރާހީމް ސިރާޖު،43، އާއި ސ. ހިތަދޫ / ދޮރުފޮތިމާގެ، ހަސަން އަލްފާފް،28، އާއި ސ. ހިތަދޫ، ކެކުރިމާގެ، އަމީން މުހައްމަދު،23، އެވެ.

ފުލުހުން ބުނީ އެ ނެޓްވޯކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާ ކުރުމުގެ ތަހުގީގެއް ފުލުހުން ފަށާފައިވަނީ މި އަހަރުގެ މާޗް މަހުން ފެށިގެން ކަމަށެވެ. އަދި މި ނެޓްވޯކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތިގެ ވިޔަފާރި ކުރަމުންދާ ކަން ތަހުގީގުން ހޯދިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން ފާއިތުވި ފަސް އަހަރު މި ނެޓްވޯކްގެ އިސް ހަތަރު މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަލީ ނަދީމާއި ހާފިޒު ފައުޒީ އާއި އިބްރާހީމް ސިރާޖަށް 30 ދުވަހަށް ބަންދުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ހަސަން އަލްފާފް އާއި އަމީން މުހައްމަދަށް ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވެ އެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.