ހާފިޒްކަމުގެ ސަނަދު އެންމެ ފުރަތަމަ ހާސިލް ކުރާ ރަށްވެއްސަކަށް 130،000 ރުފިޔާގެ ފައިސާގެ އިނާމް ދޭން ހުށަހަޅައިފި އެވެ.

މި ފައިސާގެ އިނާމް ދޭން ހުށަހަޅާފައި ވަނީ ތުޅާދޫ ސްޕޯޓްސް ކުލަބުގެ 22 ވަނަ ގުރްއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގަ އެވެ.

މި މަހުގެ ދެވަނަ ދުވަހުގެ ރޭ ތުޅާދޫ ސްކޫލްގެ މަލްޓި ޕާޕާސް ހޯލުގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުލަބުގެ ރައީސް ޙުސައިން ރަޝީދު ވިދާޅުވީ ތުޅާދޫގައި ގުރުއާން ހިތުދަސްކުރާ ހާފިޒުންގެ އާރެއް އުފެއްދުމަށް ބޭނުންވާ ކަމަށާއި އެގޮތުގެ މަތިން އެކަމަށް ބާރުއެޅުމުގެ ގޮތުން ބ. ތުޅާދޫ އަށް އުފަން އެ ރަށުގެ ރަށްވެހިންގެ ތެރެއިން އެންމެ ފުރަތަމަ ގުރުއާން ހިތުދަސްކޮށް، ހާފުޒް ކަމުގެ ސަނަދު ނަގާ ފަރާތަކަށް 130،000 ރުފިޔާގެ އިނާމެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ފައިސާގެ މި އިނާމް ދިނުމަށް ހާޒިފް ކަމުގެ ސަނަދަށް މަސައްކަތް ކުރުމުގެ ފުރުސަތު 31 ޑިސެމްބަރު 2030ގެ ނިޔަލަށް ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުސެއިން ރަޝީދު ވިދާޅުވީ ހާފިޒުކަމުގެ ސަނަދު ހާސިލުކުރާ ތުޅާދޫގެ ފުރަތަމަ ރަށްވެއްސަކަށް ފައިސާގެ އިނާމް ހުށަހަޅާފައި ވަނީ، ތުޅާދޫ ސްޕޯޓްސް ކުލަބުން 25،000 ރުފިޔާ، ޤުރްއާން މުދައްރިސް އަލްމަހުރޫމް އިބްރާހީމް ހުސައިންފުޅުގެ އާއިލާގެ ފަރާތުން 25،000 ރުފިޔާ، އަމިއްލަ ވިޔަފާރި ކުންފުނި އުފާ ފާގަތި ޕްރައިވެޓް ލިމިޓެޑުން 50،000 ރުފިޔާގެ އިތުރުން މި ހުށައެޅުމަށް އިތުރަށް ހިތްވަރު ދިނުމުގެ ގޮތުން ތުޅާދޫ ކައުންސިލްގެ ނާއިބު ރައީސް މުހައްމަދު އަލިމަނިކު ވަނީ މި ރަސްމިއްޔާތުގައި އެބޭފުޅާގެ އާއިލާގެ ފަރާތުން ތުޅާދޫގެ ތައުލީމަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވި އަލްމަރްޙޫމް އަލީ މުޙައްމަދުމަނިކު (އެދުރުބެ)، ކަރަންކާއާގެ، ބ. ކުޑަރިކިލުގެ ހަނދާނުގައި 30،000 ރުފިޔާގެ އިތުރު ހުށައެޅުމެއް އިއުލާން ކުރައްވާފައި އެވެ.

ތުޅާދޫ ކައުންސިލްގެ ނައިބު ރައީސްގެ މި ހުށައެޅުމާއެކު ތުޅާދޫގައި ފުރަތަމަ ހާފިޒުކަމުގެ ސަނަދު ހާސިލުކުރާ ފަރާތަކަށް 130،000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ހުށަހެޅިފަ އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ 49 އަހަރު ގުނަމުންދާ ޚިދުމަތްތެރި ތުޅާދޫ ސްޕޯރޓްސް ކުލަބުން އިސްނަގައިގެން ގުރުއާނުގެ އިލްމު ފުޅާކުރުމަށްޓަކައި ކުލަބުން ކުރަމުން އަންނަ މަސައްކަތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.

ކުލަބުން ހިންގަމުން އަންނަ ތުޅާދޫ ޕްރީ ސްކޫލަކީ 1990 ވަނަ އަހަރު ރަޖިސްޓްރީކޮށް، އަތޮޅުތެރޭގައި އެންމެ ފުރަތަމަ އުފެދުނު ޕްރީ ސްކޫލްކަން ފާހަގަކުރައްވައި ފައިސަލް ވަނީ މުބާރާތުގެ ބައިވެރިންނާއި އަދި ބެލެނިވެރިންނާއި ބަައްދަލުވުމުގެ ފުރުސަތު ލިބުމުން ނުހަނު އުފާކުރާ ކަމަށް ވިދާޅުވެފަ އެވެ.

ތުޅާދޫއަކީ ތައުލީމާއި އަދި މަސައްކަތްތެރި ކަމަށް ނުހަނު އިސްކަންދޭ ރައްޔިތެއް ދިރިއުޅޭ ރަށެއްކަން ފާހަގަކުރައްވައި ފައިސަލް ވަނީ އެރަށަށް ވަޑައިގަތުމުން ތުޅާދޫގެ ލޮބުވެތި ރައްޔިތުން ކިޔުއްވި ހޫނު މަރުބަޔާއި ދެއްވި މެހުމާން ދާރީއަށް ޝުކުރު ދަންނަވާފަ އެވެ.

މި ރަސްމިއްޔާތުގައި ވަނީ ތުޅާދޫ ސްޕޯޓްސް ކުލަބުގެ 22 ވަނަ ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށާއި ކީރިތި ގުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތުން ތުޅާދޫއަށް ރީތި ނަން ހޯދަދިން ދެ ބައިވެރިންނަށް ހިތްވަރުގެ ފިލާ އަދި ތުޅާދޫ ސްޕޯޓްސް ކުލަބަށް މި އަހަރުގެ ގައުމީ ގުރްއާން މުބާރާތުގައި ލިބުނު ފަހުވެރިވެރި ގައުމީ ކާމިޔާބީގެ ހިއްސާދާރުންގެ އަގުވަޒަންކޮށްފަ އެވެ.

އެ ގޮތުން މޫސާ ނުސައިރު، މިރިހިގަސްދޮށުގެ، ބ.ތުޅާދޫ، ތުޅާދޫ ކައުންސިލް، ތުޅާދޫ ސްކޫލް އަދި ބ.އަތޮޅު ކައުންސިލަށް ޝުކުރުގެ ފިލާ ހަދިޔާކުރުމަށް ކުލަބުން އިންތިޒާމްކޮށް ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް ޝަރަފުވެރިކޮށްދެއްވި މި ކުލަގަދަ ރަސްމިއްޔާތުގައި ޖުމްލަ 51 ފަރާތަކަށް ވަނީ ހަނދާނީ ލިޔުމާއި، އިނާމް، ޓްރޮފީ އަދި ޝީލްޑް އަރުވާފަ އެވެ.

ރަށްފުރުގެ ތަރައްގީއަށް، ރަށް ކުރިއަރުވައި ރަށަށް ރީތި ނަން ހޯދައި ދިނުމަށް ކުލަބް ޖަމިއްޔާތަކުން ކުރާ މަސައްކަތަކީ ގިނަ ބައެއްގެ ބުރަ މަސައްކަތެކެވެ. އެގޮތުން ފުޅާދޫ ސްޕޯޓްސް ކުލަބުން އިންތިޒާމު ކުރި މި ގުރުއާން މުބާރާތަކީ ފާހަގަކޮށްލެވޭ މުބާރާތަކަށް މިވަނީ ވެފަ އެވެ.

އެގޮތުން ރަށުގެ ރައްޔިތުންގެ ހިތްތަކުގައި ޤުރުއާނަށް ލޯބިޖެއްސުމަށް އެ ޖަމްޢިއްޔާއިން ކުރާ ބޮޑު ހޭދައަކީ ވެސް ފާހަގަކޮށްލަން ޖެހޭ ކަމެކެވެ. ރަށުގެ ރަށްވެހިންގެ ތެރެއިން އެންމެ ފުރަތަމަ ފާފިޒު ކަމުގެ ސަނަދު ނަގާ ފަރާތަކަށް 130،000 ގެ ފައިސާގެ އިނާމެއް މިފަދަ ޖަމްޢިއްޔާއަކުން ހުށަހަޅާމީ ފުރަތަމަ ފަހަރެވެ.