މަސްތުވާތަކެތި ރާއްޖެ އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ގާނޫނަށް ގެނައި އިސްލާހު ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އެ އިސްލާހު ގެންނަން މަޖިލީހުން ފާސްކުރީ މި މަހުގެ ތިން ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ.

އެ ގާނޫނަށް ގެނެވުނު ބައެއް އިސްލާހުތަކުގެ ތެރޭގައި، ގާނޫނުގެ ދަށުން ކޮންޓްރޯލްކޮށްފައިވާ މަސްތުވާ އެއްޗެހީގެ އިތުރުން އަލަށް ކޮންޓްރޯލްކުރަންޖެހޭ މަސްތުވާތަކެތި ކޮންޓްރޯލްކުރެވޭނެ ނިޒާމެއް ތައާރުފުކުރުމާއި، މަސްތުވާތަކެއްޗާ ގުޅޭ އިތުރު ކުށާއި އަދަބު ކަނޑައެޅުން ހިމެނެ އެވެ.

މަސްތުވާތަކެއްޗަށް ދެވިހިފައިފައިވާ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި، ޑްރަގް ކޯޓު ހިންގުމުގެ އުސޫލުތަކާއި ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމާ ގުޅޭ އުސޫލުތައް މުރާޖައާކޮށް އިސްލާހުތަކެއް ގެނެސްފައިވެ އެވެ.

މީގެއިތުރުން މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް ހުއްޓުވުމަށް ޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިތުރު ބާރުތައް ލިބިދިނުމާއި، ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި އެފަދަ މުދާ ދައުލަތަށް ނެގުމުގެ އުސޫލު މުރާޖައާކުރުމުގެ އިތުރުން ގާނޫނު ތަންފީޒުކުރުން އިތުރަށް ހަރުދަނާކުރުމަށް ޓަކައި ގެންނަންޖެހޭ އެނޫންވެސް އިސްލާހުތައް ވަނީ ގެނެސްފަ އެވެ.

މި ބިލަށް ގެނެވުނު މުހިންމު އިސްލާހުތަކުގެ ތެރޭގައި، ގާނޫނުގެ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރަން އުޅުން ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރަން އުޅުން ނުވަތަ ދިވެހިރާއްޖެއަށް އެތެރެކުރުމަށް ނުވަތަ ބޭރުކުރުމަށް އެހީތެރިވެދިނުން ނުވަތަ ދިވެހިރާއްޖެއަށް އެތެރެކުރުމުގައި ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމުގެ އަދަބު ބޮޑުކޮށް، 20 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 75,000 ރުފިޔާއިން ފެށިގެން 7,500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމަށް ވަނީ ކަނޑައަޅާފަ އެވެ.

އަދި ބިލުގެ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުން ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުމުގެ ކުށުގެ އަދަބު ބޮޑުކޮށް، ވަކި ޝަރުތުތަކެއް ފުރިހަމަވާނަމަ، އެމީހެއްގެ އަދަބަކީ މަރުގެ އަދަބު ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އެ ޝަރުޠުތަކުގެ ތެރޭގައި އެމީހަކު ދިވެހިރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތީގެ ބަރުދަނަކީ، 350 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކެނެބިސް، ނުވަތަ 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިމޯފިން، ނުވަތަ ކެނެބިސް ނުވަތަ ޑައިމޯފިން ފިޔަވައި ގާނޫނުގެ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއްނަމަ، ނުވަތަ 100 ގްރާމަށްވުރެ އިތުރު އަދަދެއްކަމުގައި ވުމާއެކު އެމީހަކު ދިވެހިރާއްޖެއަށް އެތެރެކުރި މަސްތުވާއެއްޗަކީ، އެމީހަކު ދިވެހިރާއްޖެއަށް އެތެރެވިއިރު، އެތެރެކުރި އެއްޗަކަށްވުން ހިމެނެއެވެ.

މަރުގެ އަދަބު މީހެއްގެ މައްޗަށް ކަނޑައެޅިއްޖެނަމަ، އެ ހުކުމްގެ ހުރިހާ ގާނޫނީ ނުކުތާތަކާއި މައްސަލާގައި ކަންހިނގާފައިވާގޮތް ދިވެހިރާއްޖޭގެ މަތީ މަރުހަލާގެ ކޯޓަކުން އަލުން ބަލަންވާނެކަމަށާއި، އަދަބު ތަންފީޒުކުރެވޭނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން އެގޮތުގެމަތިން ހުކުމް ކުރުމުންކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

މި ބިލުގައި އުރަށް ޖަލަށްލުމުގެ އަދަބު ނުވަތަ މަރުގެ އަދަބު ކަނޑައަޅައިފައިވާ ކުށްތަކަކީ، އެއްވެސް ގޮތަކަށް އަދަބު މައާފުކޮށްދެވިގެން ނުވާނެ ނުވަތަ ލުއިކޮށްދެވިގެން ނުވާނެ ކުށްކުށުގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ. އަދި އެފަދަ ކުށެއްގެ ތުހުމަތުގައިވާ ފަރާތަކާއެކު ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ އިއުތިރާފުގެ އެއްބަސްވުމެއް ވެގެންނުވާނެކަމަށް ވަނީ ބަޔާންކޮށްފަ އެވެ.

މީގެ އިތުރުން، މި ބިލުގައި މަސްތުވާތަކެއްޗާ ގުޅޭ އިތުރު ކުށްތަކެއް ވަނީ ކަނޑައަޅައިފަ އެވެ. އެ ގޮތުން، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމާއި، އެފަދަ ތަނެއްގައި މަސްތުވާތަކެތި ބޭނުންކުރާކަން އެނގޭ ހާލު، ނުވަތަ އެގޮތަށް ގަބޫލުކުރާނެ ފުރުސަތު އޮވެ، އެ ތަނެއްގެ ވެރިފަރާތުން، ނުވަތަ އެ ތަނެއް ކުއްޔަށްހިފައިގެންއުޅޭ ފަރާތުން، ނުވަތަ އެ ތަނެއްގައި އެވަގުތަކު އުޅޭ ފަރާތުން، ނުވަތަ އެ ތަނެއް ބަލަހައްޓަމުންދާ ފަރާތުން، ނުވަތަ އެ ތަނަކާ ހަވާލުވެހުރި ފަރާތުން އެކަން ހިނގިޔަދިނުމަކީ ނުވަތަ ހުއްދަކުރުމަކީ ނުވަތަ އެކަމަށް މަގުފަހިކޮށްދިނުމާއި، މަސްތުވާތަކެތީގެ ވިޔަފާރިއަށް ފައިނޭންސްކުރުމަކީ ވެސް ކުށެއް ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އަދި މަސްތުވާތަކެތި ޓްރެފިކްކުރަން ގެންގުޅޭ އުޅަނދު ހިފަހައްޓައި ދައުލަތަށް ނެގުމާއި، "މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަންތަން" ބަންދުކުރުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފަ އެވެ.